ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ އަށް ހަމަލާދީ، މަރާމާރީ ހިންގައި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށް ބިރުދައްކަން މަސައްކަތް ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީން ބަލައިދިނުމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އިން މިއަދު ހުށަހަޅައިފި އެވެ.
އިކްރާމް ކޮވިޑަށް ޓެސްޓު ކުރަން މިދިޔަ ހުކުރު ދުވަހު މާފަންނު މަދަރުސާގައި ސާމްޕަލް ނެގި މީހަކަށް ހަމަލާދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާ އަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
އެކަމާ ގުޅިގެން ހެލްތު ޕްރޮފެޝަނަލް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، އިކްރާމް ދެ ފަހަރެއްގެ މަތިން އަތް އިސްކޮށް، އަނިޔާކުރާ ނަމަ ޖެހުމުގެ ހައްގު އޮންނާނެ ކަމާއި ތަކުރާރުކޮށް ޖަހާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އޭނާއަކީ މަޖިލީހުގެ މެމްބަރެއް ކަމާއި އެގޮތަށް އަނިޔާ ނުކުރެވޭނެ ކަމަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވެ އިކްރާމް ބިރު ދެއްކި ކަމަށް ބުންޏެވެ.
ނަމަވެސް އެ ތުހުމަތުތައް އިކްރާމް ދޮގުކުރައްވަ އެވެ. އިކްރާމް، މިދިޔަ ހުކުރު ދުވަހުގެ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސާމްޕަލް ނެގި މީހާ އަށް އޭނާ ހަމަލާ ދީފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލައި އެއީ ކޮން ނަމެއް ކިޔާ މީހެއްތޯ ސުވާލު ކުރެއްވި ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ. އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގަން މީހުން ބައިތިއްބައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވާނެ ކަމަށާއި އެކަމަކު ހަމަލާ ދީފައި ނުވާނެ ކަމަށް އިކްރާމް ލިޔުއްވާފައިވެ އެވެ.
"މި އަށް ވުރެ ބޮޑު ކަމެއް ނުހިނގާ،" އިކްރާމް ފޭސްބުކްގައި ވިދާޅުވި އެެވެ.
ބަޔާނުގައި ބުނީ އެ ހިދުމަތްތެރިޔާގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އޭނާއާ މުހާތަބުކޮށް "މުސްލިމެއް ނޫން" ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
"ރައްޔިތުން އިންތިހާބުކުރާ، ރައްޔިތުން ތަމްސީލުކުރާ އިއްޒަތްތެރި މަގާމެއްގައި ހުރެ، ރައްޔިތުންނަށް އާއްމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލާދީ އަދި އެކަން ދިފާއުކުރަމުންދާ ދިއުން މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މިކަމާ މެދު، މުވައްޒަފު ތަމްސީލުކުރާ އެއްވެސް ވުޒާރާއަކުން މި އަމަލު ކުށްވެރިކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމީ މި ޔޫނިއަން އިން ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.
މިދިޔަ މާޗު ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރިން އަންނަނީ އާއިލާއާ ރަހުމަތްތެރިންނާ ދުރުގައި ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރަމުން ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން ބުންޏެވެ. އެ ހިދުމަތުގައި ދެމި ތިބީ ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ބޮޑަށް ގައުމީ ރޫހުގައި ކޮވިޑްގެ ހާލަތުން ރައްޔިތުންނާއި މުޖުތަމައު ސަލާމަތް ކުރުމުގެ ރޫހުގައި ކަމަށް ވިއަސް މުޖުތަމައުގެ ތެރެއިން މަދުން ނަމަވެސް ފުރައްސާރައިގެ ބަސްތަކާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ޕްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގެއްލުން ލިބެމުންދާކަން ފާހަގަކޮށް، އެފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ހެލްތު ޕްރޮފެޝަނަލް ޖަމިއްޔާ އިން ގޮވާލާފައި ވެ އެވެ.