އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަަނަ އަހަރުން ފެށިގެން ހުންނެވި، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) އަށް އެނގިވަޑައިގަތުމެއް ނެތި އޭނާ ޕީއެންސީ އަށް ބަދަލުކުރި މައްސަލާގައި ހެއްކާއި ގަރީނާ ނެތުމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަން ފުލުހުން އަންގައިފި އެވެ.
އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތޯރިގްގެ ނަން އޮތީ ޕީއެންސީގެ ދަފްތަރުގައި ކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް އޭނާ ހުށަހެޅުއްވީ ޑިސެމްބަރު 2024 ގަ އެވެ.
މަނަދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ތޯރިގް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ޒާތީ މައުލޫމާތު ވަގަށް ބޭނުންކޮށް، ޕީއެންސީ އަށް ފޯމު ފުރާފައިވާ މައްސަލަ ބަލައިދިނުމަށެވެ.
ނަމަވެސް އެ މައްސަލާގައި ފުލުހުން އިއްޔެ ތޯރިގަށް ދިން ޖަވާބުގައި ބުނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އިތުރަށް ދިރާސާކުރިއިރު، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ. އެހެންވެ، ޕީޖީ އޮފީހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލާފައިވާތީ "އިތުރަށް ފިޔަވަޅު ނާޅާ ގޮތަށް" ތޯރިގް ހުށަހެޅުއްވި މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ޖަވާބުގައި ވެ އެވެ.
އެ ޖަވާބާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، ހެކިންގެ ގޮތުގަ ސޮއިކޮށް، އިނގިލީގެ ނިޝާން ޖެހީ ކޮން ބައެއްކަން އެނގި، ޕާޓީގެ ފަރާތުން ސައްހަ މައުލޫމާތުކަން ކަށަވަރުކޮށް، ސޮއިކޮށްފައި ވަނީ ކާކުކަން ބަލައި އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޗެކްކޮށް ޕާޓީ ދަފުތަރު ބަދަލުކުރީ ކާކުކަން އެނގޭނެ ކަމަށެވެ.
އެހެންވެ، މި ހާލަތުގައި އެ ކޮމިޝަނަށް އިތުބާރު ކުރެވިދާނެތޯ ތޯރިގް ސުވާލު އުފެއްދެވި އެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރިން ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ، އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް އެ ޕާޓީން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބުނެފައި ވެ އެވެ.
ވަގު ފޯމުތަކެއްގެ މައްސަލައިގައި ޕީއެންސީއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ ޕާޓީން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮ އެދޭ ގިނަ ބަޔަކު ބައިވެރިވެގެން އެތައް ހާސް ފޯމެއް ހުށަހެޅިއިރު "މަދުން ނަމަވެސް ސައްހަ ނޫން ފޯމު ހުށަހެޅިފައިވާ ކަން އެ ޕާޓީއަށް ފާހަގަވެފައި"ވާ ކަމަށެވެ.
ޕީއެންސީން ބުނެފައި ވަނީ، ޕާޓީ އަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލްކަން އެ ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ.