މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ރިޔާސީ އިންތިހާބަށް ހަތަރު މަހަށްވީ އިރު ވެސް ހައި ކޯޓުގައި އަދިވެސް ތާވަލް ނުކުރާ ކަމަށް، އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި، ޕީޕީއެމްގެ ކެނޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން އިއުލާންކޮށްފައި ވިޔަސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ގާނޫނީ ހައިސިއްޔަތެއް އެ މަނިކުފާނަކަށް ނެތެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑާކުރިކަން ސާބިތުވެގެންނެވެ.

ޔާމީންގެ އިސްތިއުނާފް މައްސަލަ މިހާރު އޮތް ހިސާބު ބެލުމަށް، ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުންނާ އެކު އަދުރޭ ވަނީ ހައި ކޯޓަށް މިއަދު ވަޑައިގެންފަ އެވެ. އެކަމަކު ހައިކޯޓްގެ ރަޖިސްޓްރާއާ ބައްދަލު ނުކުރެވުނު ކަމަށް އަދުރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ބަލައިގެންފައި ވިޔަސް އަދިވެސް އިސްތިއުނާފުގެ ޝަރީއަތް ތާވަލު ނުކުރާކަން އެނގުނު ކަމަށެވެ.

"ދަށު ކޯޓްގައި އޮތް މައްސަލަ އެބަދޭ ފަތުއަޑު ކިޔާފައި ކުރިއަށް. ހައި ކޯޓް މިއީ އިސްތިއުނާފްގެ މަރުހަލާ. އިސްތިއުނާފްގެ މަރުހަލާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އެންމެ ބާރަށް ކުރިއަށް ދާން ޖެހޭނީ. އެއީތާ އެންމެ މުހިންމު އެއްޗަކަށް ވާން ޖެހޭނީ. އެހެންވީ އެކަން ކީއްވެގެންތޯ ލަސްވަނީ، ކީއްވެގެންތޯ ތާވަލުނުކޮށް މިއޮތީ. އެކަން އޮޅުފިލުވަން އަޅުގަނޑުމެން މި އައީ،" ހައި ކޯޓް ކައިރިގައި މީޑިއާއާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަކަށް ރަޖިސްޓްރާއަކާ ބައްދަލެއް ނުވި. އަޅުގަނޑުމެންނަށް މިހާތަނަށް އައި އިރު އެކަން [ރަޖިސްޓްރާއާ ބައްދަލުކުރުން] ކާމިޔާބެއް ނުވޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިތަނުން [ހައި ކޯޓުން] ޔަގީންކަން ލިބުނު އަދި މިހާތަނަށް ތާވަލުނުކުރާކަން،"

އެނގިފައިވާ ގޮތުގައި ހައި ކޯޓުގައި އޮތް މައްސަލަ އަވަސްކޮށްދޭން ޔާމީންގެ ފަރާތުން އަދި މިހާތަނަށް އެ ކޯޓުގައި އެދިވަޑައިގެންފައެއް ނުވެ އެވެ. އަދި މިއަދު ޔާމީންގެ ޕާޓީގެ ފަރާތުން ކޯޓަށް ދިޔަ ނަމަވެސް، ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާ ބެހޭ ގޮތުން ކޯޓުތަކުން މައުލޫމާތު ދޭނީ އެ މައްސަލައެއް ހުށަހެޅި ފަރާތަށް ނުވަތަ އެ ފަރާތުގެ ވަކީލުންނަށް އެކަނި ކަމަށް ވާތީ ކޯޓުން އެކަމުގައި ވާހަކައެއް ނުދައްކަ އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޕީޕީއެމް ކޯލިޝަންގެ ކަންބޮޑުވުމަކީ ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައިވާއިރު ވެސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލުނުކޮށް އޮތުމެވެ.

އެކަމަކު ޔާމީންގެ ވަކީލުން މީގެ ކުރިން ވަނީ އިސްތިއުނާފް މަރުހަލާއިން މާޗް މަހު ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ދީފަ އެވެ.

އަދުރޭ ވިދާޅުވީ ޔާމީން މިނިވަންވެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެން ދިވެހި ރައްޔިތުން ބޭނުންވާ ކަމަށެވެ. އެމަނިކުފާނު މިނިވަންނުވެ ހުރުމުން ރައްޔިތުން އެކަމާ ކަންބޮޑުވާ ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ވިދާޅުވި އެވެ.