އަޅުގަނޑު ކުޑައިރު ގޭގައި ބައްޕަ ގެންގުޅުއްވި އިނގިރޭސި ތާރީހު ފޮތަކުން ނަޕޯލިއަން ބޯނަޕާޓް ނަމަކަށް ކިޔުނު ވަރަށް ނުފޫޒާއި ބާރުގަދަ އަސްކަރީ ވެރިއެއްގެ ވާހަކަ ކިޔައި އުޅުނީމެވެ. ނަޕޯލިއަންގެ ވާހަކަ ތިބާ ކުރީގައި އެއްވެސް ވަރަކަށް އަޑު އެއްސެވިންތޯ އެވެ؟
އޭނާއަކީ އެއްއިރެއްގައި ހުޅަނގުގެ ވަރަށް ވަރުގަދަ އަސްކަރީ ވެރިއެކެވެ. ހުޅަނގުގެ ތާރީހުގެ ތެރެއިން ނަޕޯލިއަން މަޝްހޫރުކަން ހޯދާފައިވަނީ އޭނާގެ "ކުޅަދާނަ" ހިންގުތެރިކަމުންނޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު އޭނާއަކީ ވަރަށް ބޮޑަށް ގޮށްމުށުގެ ބާރު ބޭނުން ކުރި ވެރިއެއްކަމަށް ތާރީހު ހެކިވެ އެވެ. މުޅި ހުޅަނގުގައި އެވަގުތު ހުރި އެންމެ ބާރުގަދަ މީހާގެ ގޮތުގައި ނަޕޯލިއަން ނަންވެފައި އޮތްއިރު އޭނާއަށް ބައިއަތު ހިފަމުން ދިޔަ އޭނާގެ ގާތް ރަހުމަތްތެރިންގެ އެހީތެރިކަމާއި ލޯބި ލިބުނަސް ގިނަ މީހުން އޭރު ވެސް އޭނާ ސިފަކުރީ ބޮޑު ބިރެއްގެ ގޮތުގަ އެވެ.
ކޮންމެއަކަސް، ނަޕޯލިއަންގެ ވެރިކަމުގައި ގިނަ މީހުންނަށް ގަބޫލުކުރެވިފައި އޮތީ އޭނާ އަކީ އެއްވެސް ކަމެއްގައި ހުރަސްތަކެއް އޮތް މީހެއް ނޫން ކަމަށެވެ. އަދި އޭރު އެންމެނަށްހެން ހީވެފައި އޮތީ އޭނާގެ ބާރުވެރިކަން ދުވަހަކު ވެސް ދުނިޔެއިން ފިލައިގެން ނުދާނެ ކަމަށެވެ. ނަމަވެސް، އެ ވަރުގަދަ ޖައްބާރު މީހާ ވެސް ހުޅަނގުގެ ވެރިކަމުން ބޭރުކޮށްލެވުނެވެ. އަދި އޭނާ ނިމިގެން ދިޔައީ ދާދި ހިތި އަދި ނިކަމެތި ގޮތަކަށެވެ. ފަހު ވަގުތު އުޅެން ޖެހުނީ ބިކަ ހާލުގަ އެވެ. އުމުރުގެ ފަހު ދުވަސްކޮޅު ނަޕޯލިއަން ހޭދަކުރަން ޖެހުނީ އިނގިރޭސިންގެ ބާރުގެ ދަށުގައި ދެކުނު އެޓްލާންޓިކް ކަނޑުގައި އޮންނަ ކުޑަ ރަށެއް ކަމުގައިވާ ސެއިންޓް ހެލީނާ ނަމަކަށް ކިޔާ ރަށަށް އަރުވާލެވިފައިވާ މީހެއްގެ ގޮތުގަ އެވެ. އެއްއިރެއްގައި ބާރުގަދަ މީހަކަށް ވިއަސް އެންމެ ފަހުން ނަޕޯލިއަން ވެސް ބިކަ ހާލުގައި ނިމިގެން ދިޔައިރު އޭނައަށް ކުޑަމިނުން އަޅާލާނެ ވާލެއް އިޔާރަކު ވެސް ނުވި އެވެ.
އާއެކެވެ. ނަޕޯލިއަންގެ މި ވާހަކައަކީ ވަރަށް ވެސް އިބުރަތުން ފުރިގެންވާ ވާހަކައެކެވެ. ނޫންތޯ އެވެ؟ ތެދެކެވެ. ދުނިޔޭގައި ހިނގާ އެއްވެސް ކަމަކީ ދާއިމަށް ދެމިގެން ދާނެ ކަމެއް ނޫނެވެ. ތިމާއަށް ލިބިފައިވާ އާރާއި ބާރާއި ފުދުން ތެރިކަމަށް ބޮޑާވެގަނެ، އޭގެ ނާޖާއިޒު ފައިދާ ނުނަގަން ޖެހޭ މުހިއްމު އެއް ސަބަބަކީ މިއީ އެވެ. އެހެނީ، އޭގެ ނަތީޖާ ފަހުން ވަރަށް ވެސް ހިތިވާނެ އެވެ.
މި ވާހަކަ ދެކެވޭއިރު މިތާނގައި ފާހަގަކޮށްލަން ބޭނުންވާ އެހެން މުހިއްމު ނުކުތާއެއް ވެސް އެބަ އޮތެވެ. އެއީ، ދިރިއުޅުމުގައި ބައެއް ފަހަރަށް ދިމާވާ ދަތިތައް ވެސް އެއީ ދާއިމަށް ދެމިގެންދާ އެއްޗެއް ނޫނެވެ. ތިމާއަށް ދިމާވާ ހިތްދަތިކަމާއި ކެކުޅުންތަކަކީ އަބަދުމެ އެއްގޮތަކަށް އޮންނާނެ ކަންތަކެއް ނޫންކަން ހަނދުމަކުރާށެވެ. އެހެންކަމުން، ދިރިއުޅުމުގައި ދިމާވާ ދަތިތަކާ ކެރިގެން ކުރިމަތިލާށެވެ. އަދި ދިރިއުޅުމަށް ރަނގަޅު ބަދަލު ގެންނަން ޖެހިލުން ނުވާށެވެ.