ކީރިތި ވަންތަ މާތް ރަސްކަލާނގެ އަޅަމެންނަށް ފަރުލު ކުރައްވާފައިވާ ކޮންމެ ކަމެއްގައި ވެސް ހިކުމަތުން ފުރިގެންވާ އަދި ދެ ދުނިޔޭގައި ވެސް އޭގެ ފައިދާ އާއި މަންފާ އެކުލެވޭ ކަމާ މެދު ކުޑަ ވެސް ޝައްކެތް އަދި ވަސްވާހެއް ވެސް ނެތެވެ. ހަމަކަށަވަރުން ރޯދަ އަކީ ވެސް މީގެ ލާމަސީލު މިސާލެކެވެ.
މިއަދު މި ދުނިޔޭގައި ހަތް ބިލިއަނަށް ވުރެ ގިނަ އިންސާނުން ދިރިއުޅެމުން އެބަ ދެ އެވެ. މީގެ ތެރެއިން އުމުރުން 110 އަހަރުން މަތީގެ މީހުންގެ ގޮތުގައި މުޅި ދުނިޔޭގައި ތިބި ކަމަށް ލަފާކުރެވެނީ އެންމެ 600 މީހުންނެވެ. މި 600 އެއްހާ މީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހުންގެ އާންމު ދިރިއުޅުމުގައި ކޮށް އުޅޭ އެއް ކަމެއް އޮވެ އެވެ. އާއެކެވެ. އެއީ، ގަވައިދުން ރޯދަ ހިފުމެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ދުވާލުގެ ގިނަ ވަގުތު ނުކައި ތިބުމެވެ.
މީގެ ސާފު މިސާލެއް ދަންނަވަންތޯ އެވެ؟ އެމެރިކާގެ މޮންޓާނާގެ ރައްވެއްސެއް ކަމަށްވާ ވޯލްޓާ ބުރޫނިން އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކޮށް 114 އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާގެ ކެއުމުގެ ވައްޓަފާޅިއަށް ދިރާސާގެ ނަޒަރަކުން ބަލާއިރު އޭނާއަކީ މަދުން ކައިބޮއި އުޅުނު މީހެއްކަން ފާހަގަކުރެވެ އެވެ. މިގޮތުން އޭނާ ކައި އުޅުނީ ކޮންމެ ދުވަހަކު އެންމެ ދެ ފަހަރު އެވެ. އަދި ކޮންމެ ދުވަހެއްގެ 16 ގަޑިއިރު އޭނާ ހޭދަކުރީ އެއްވެސް އެއްޗެއް ނުކައި ހައިހޫނު ކަންމަތީގަ އެވެ.
ހަމަ ޔަގީނުން ވެސް ރޯދަ ހިފުމަކީ އޭގައި ގިނަގުނަ ފައިދާތަކެއް އެކުލެވޭ ކަމެއްކަން ކަށަވަރެވެ. އެއީ ސިއްހީ ނަޒަރަކުން ބެލި ކަމަށް ވިއަސް މެއެވެ. މިކަމަށް ހެކިދޭ ސައިންސުގެ ތަފާތު ގިނަ ދިރާސާތައް ވެސް އެބަ ހުއްޓެވެ. ކެއުމުގައި ވަކި މިންގަނޑެއް ބަހައްޓައިގެން ގަވައިދުން ރޯދަހިފުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ބަލިތަކުން ދުރުވެ ހުރުމަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިޔަވަޅެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ގަވައިދުން ރޯދަ ހިފުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރާއި ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ ވަރުގައި ހިފަހައްޓަން ބާރުއަޅައިދޭ ކަމެކެވެ. ހަމަ އެހެންމެ އިންސާނާއަށް ކުރިމަތިވާ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ވެސް މީހާ ދުރުކޮށްދޭން، ގަވައިދުން ރޯދަހިފުން ބާރު އަޅަ އެވެ. އިންސާނުންގެ އިތުރުން ޖަރާސީމާއި ބައެއް ދިރޭ ސޫފާސޫފި ބޭނުންކޮށްގެން ކުރި އެތައް ތަހުލީލުތަކުން ވެސް މި ހަގީގަތް ވަރަށް ފުރިހަމައަށް ދޭހަވެ އެވެ.
އެކަމަކު، ރޯދައިގެ ސިއްހީ ފައިދާ އެންމެ އެދެވޭ ގޮތަށް ހާސިލުކުރަން ކެއިންބުއިމުގެ ވައްޓަފާޅި ބަހައްޓަން ޖެހޭ މުހިއްމު އުސޫލެއް ފާހަގަކުރާނަމެވެ. އެއީ، ކެއިންބުއިމުގައި، ރޯދައަށް ހުންނަ ދުވަހެކޭ އަދި އެހެން ދުވަހެކޭ ތަފާތު ނުކުރުމެވެ. މިސާލަކަށް، ރޯދަމަހު އަޅުގަނޑުމެން ބައެއް މީހުން ގެންގުޅޭ ނުރަނގަޅު އާދައެއް އޮވެ އެވެ. އެއީ ރޯދަމަހު ރޯދަ ވީއްލާ ގަޑީގައި އަދި ރޭގަނޑުގެ އެހެން ގަޑިތަކުގައި ވެސް އާދަޔާ ހިލާފަށް ގިނައިން ކެއުމެވެ. މީގެ ސަބަބުން ރޯދަމަސް ނިމޭއިރު ބައެއް މީހުންގެ ހަށިގަނޑުގެ ބަރުދަން އިތުރު ވެސް ވެއެވެ. އަދި ރޯދަމަހު މި ގޮތަށް ހަށިގަނޑަށް ނުކަތާ ވަރަށް ގިނައިން ކެއުމާއި ބުއިމުން ހަށިގަނޑަށް ގެއްލުން ވެސް ވެއެވެ. ހަކުރުބަލި ފަދަ ދާއިމީ ފަރުއާއެއް ނެތް ބަލިތަކަށް މަގުފަހި ވެސް ވެއެވެ.
ރަނގަޅު ސިއްހަތެއްގައި އަމިއްލަ ހަޔާތް ވޭތުކުރުމުގެ ނިޔަތުގައި އަޅުގަނޑަކީ ވެސް ގަވައިދުން ރޯދަ ހިފާ މީހެކެވެ. މި ގޮތުން ރޯދަމަހުގެ ބޭރުން ވެސް ހަފްތާއަކު ދެ ދުވަހު ވަރު ރޯދައަށް ހުންނަމެވެ. އެކަމަކު، ކެއުމުގެ މިންގަނޑު އަބަދުވެސް އެއްވަރެއްގައި ހިފަހައްޓައި ރޯދައަށް ހުންނަ ދުވަހެކޭ ނުވަތަ އެނޫން ދުވަހެކޭ ތަފާތެއް ނުކުރަމެވެ.