ޕްރައިމަރީ ހެލްތު ކެއާއަށް އިސްކަން ނުދޭ ނަމަ ފުރިހަމަ ސިއްހަތެއްގައި ދެމި ތިބުމަށް ކުރާ މަސައްކަތުގެ ހަގީގީ ފޮނި މީރުކަން އެންމެންނަށް އެއްވަރަކަށް ނުލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާ (އެމްއެންޔޫ) ގުޅިގެން ބޭއްވި ޕްރައިމަރީ ހެލްތު ކެއާ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އަމީން ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއަރައި ތަރައްގީވަމުން އައި ކަމުގައި ވިޔަސް އެ ހިދުމަތް ބޭނުންވާ މީހާ އެންމެ ފުރަތަމަ ޓަކިޖަހާނީ ޕްރައިމަރީ ހެލްތު ކެއާގެ ދޮރުގައި ކަމަށެވެ. އެހެންވެ އެކަމަށް ހާއްސަ ސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ސިއްހީ ދާއިރާ ކުރިއަރައި ތަރައްގީވަމުން އެކި ހަރުފަތްތައް ގިރާކުރަމުން، މިއަދާ ހަމައަށް ހޮސްޕިޓަލްތައް ގާއިމްކުރެވި ޓާޝަރީ ހޮސްޕިޓަލްތަކާއި ސުޕަސްޕެޝަލިސްޓު ހިދުމަތް ރާއްޖެއަށް ތައާރަފްކުރެވިފައިވާކަން ފާހަގަކުރަންޖެހޭ. އެކަމަކު ސިއްހީ ހިދުމަތް ކިތައްމެ އުހަށް ތަރައްގީވި ނަމަވެސް ސިއްހީ ފަރުވާއަކަށް، ސިއްހީ ހިދުމަތަކަށް ބޭނުންވާ މީހާ ފުރަތަމަ ޓަކި ޖަހާނީ ޕްރައިމަރީ ހެލްތު ކެއާގެ ދޮރުގައި،" ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ޕްރައިމަރީ ހެލްތު ކެއާގެ ވަސީލަތް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ކަމުގައި ވިޔަސް ގޮންޖެހުންތަކާއެކު މަސައްކަތް ކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަތީ ހެލްތު ކެއާގެ ވަސީލަތް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެެވެ.
މިނިސްޓަރު ވިދާޅުވީ ހޭލުންތެރިކަން އިތުރުވެފައިވާ މިންވަރުން، ދުނިޔޭގެ ސިއްހީ ހިދުމަތަށް އަންނަ ކުރިއެރުންތަކާއި ހޯދުންތައް އެންމެންނަށް އެނގޭކަމަށެވެ. އެހެންވެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ދުވަހެއް ވެސް ފަހަތަށް ޖެހުމަކީ އާބާދީގެ ބޮޑު ބަޔަކު ގަބޫލުކުރާ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ސިއްހީ ހިދުމަތް ދިނުމުގެ ޒިންމާގައި ތިބި 7000 އެއްހާ މީހުން ރެއާ ދުވާލު މަސައްކަތް ކުރަނީ ރައްޔިތުން ގަބޫލުކުރާ ހިދުމަތެއް ފޯރުކޮށްދިނުމަށްކަން ފާހަގަކުރެއްވި އެވެ.
"ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރިޔަސް ފަރުދީ ޒިންމާ ވަރަށް ބޮޑު. ހިދުމަތާ ވަސީލަތް ފޯރުކޮށްދޭން މަސައްކަތް ކުރެވޭ. އެއީ ކޮންމެ މީހެއްގެ އަސާސީ ހައްގެއް. ނަމަވެސް މިކަމުގެ ޝަކުވާ ކުރާއިރު، ކޮންމެ މީހަކީ ބަލިތަކާ ބެހޭ މައުލޫމާތު ހޯދާ ބަޔަކަށް ވާންޖެހޭ. ބަލި ބައްޔަށް ހޭލުންތެރިވުމަކީ ފަރުދީގޮތުން ކުރަންޖެހޭ ކަމެއް،" ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވިދާޅުވި އެވެ.
ރަށްރަށަށް ދަތުރުކުރުމުން، ސިއްހީ ހިދުމަތްތަކާ ގުޅޭގޮތުން އެ ރަށު ރައްޔިތުންގެ ޑިމާންޑުތައް ހުރީ ވަރަށް މަތީގައި ކަމަށާއި އެކަމަށް އެދުމުގެ ހައްގު ރައްޔިތުންނަށް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. ވަސީލަތް ގާއިމްކުރުމާއި ހިދުމަތް ރަނގަޅުކުރަން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ޕްރައިމަރީ ހެލްތު ކެއާގެ ހާލަތު ރަނގަޅުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ރާއްޖެން ބޭރަށް ދިޔަސް މިއީ ނަސީބު ގަދަ ގައުމެއް ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި، ކަމެއް ހާސިލްކުރެވޭނީ ދިރިއުޅުމުގެ އާދަތަކާއި ވިސްނާގޮތް ބަދަލުވެގެންނެވެ.