ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ތިބީ އެ ތަންތަނަށް ބޭނުންވާ ޕަބްލިކް/ޕްރައިމަރީ ކެއާ ވޯކަރުންގެ އަދަދަށް ވުރެ އެތައް ގުނައެއް މަދުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް ހެލްތު މިނިސްޓްރީން، މިދިޔަ އަންގާރަ ދުވަހު ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން، ރާއްޖޭގައި މި ވަގުތު މަސައްކަތް ކުރަނީ 358 ހެލްތު ކެއާ ވޯކަރުންނެވެ.

ނަަމަވެސް، ސިއްހީ ހިދުމަތްދޭ ތަނުގެ ލެވެލަށް ބަލައި، ސަރުކާރުގެ ހިދުމަތްދޭ ތަންތަނަށް މި ވަގުތު ޖުމްލަ 911 ހެލްތު ކެއާ ވޯކަރުން ބޭނުންވާ ކަމަށް ބުންޏެވެ.

އެ އަދަދަށް ބަލާއިރު، އިތުރަށް 553 މީހުން ބޭނުންވެ އެވެ.

މިނިސްޓްރީން ބުނީ އިތުރު މުވައްޒަފުން ހޯދަން ތަމްރީނު ދިނުމާއި ކިޔަވައިގެން އަންނަ މީހުންނަށް މަގާމު ހޯދަން ރިކުއައަމަންޓު ހަދައި މަގާމުތައް އިތުރުކުރުން އަދި ޓްރެއިނިން ރިކުއައަމަންޓުގައި ހިމެނޭ ޕަބްލިކް ހެލްތު ދާއިރާގެ ޕޭ ލީވް އަދި ނޯ ޕޭލީވްގައި ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށެވެ. 

އެ މިނިސްޓްރީން ބުނީ މިދިޔަ 10 އަހަރުގެ ތެރޭގައި 1،555 ހެލްތު ވޯކަރުން ހިދުމަތާ އަލަށް ގުޅުނު ކަމަށެވެ. އެއީ

- ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ގޮތުގައި 292 މީހުން

- ޕްރައިމަރީ ހެލްތުކެއާ ވޯކަރުންގެ ގޮތުގައި 696 މީހުން

- ފެމެލީ ހެލްތުކެއާ ވޯކަރުންގެ ގޮތުގައި 567

ނަމަވެސް، އެކި ސަބަބުތަކާ ހުރެ، ހިދުމަތާ ގުޅުނު ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކިވެފަ އެވެ. އަދި އަނެއް ބަޔަކު ރިޓަޔާ ކޮށްފައިވެ އެވެ. މި އަހަރު ވެސް ތަޖުރިބާކާރު ހެލްތު ކެއާ ވޯކަރުންތަކެއް ރިޓަޔާ ކުރަން ވަނީ ނިންމައިފަ އެވެ. 

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގައި 90 އަދި 2000 ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ބަޔަކީ ޕްރައިމަރީ ނޫނީ ޕަބްލިކް ހެލްތު ކެއާ ވޯކަރުންނެވެ. އޭގެ ތެރެއިން ރަށްރަށަށް ދަތުރުކޮށް މީހުން ހޭލުންތެރިކުރުވުން މަސައްކަތްތައް ކުރި އެވެ. 

އެކަމަކު، އެ ދާއިރާއަށް ދެވުނު ސަމާލުކަން ކުޑަވުމުން، ޕަބްލިކް ހެލްތު ދާއިރާއަށް ވަންނަ މީހުންގެ އަދަދު ވަނީ ފާއިތުވި އަހަރުތަކުގައި މަދުވެފަ އެވެ.