ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ޅ. އަތޮޅުގެ ރަށެއްގައި 2015 ވަނަ އަހަރު ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ދައުވާލިބުނު މީހާ 10 އަހަރަށް ޖަލަށްލާން އެރަށު ކޯޓުން ހުކުމްކުރީ މިދިޔަ އަހަރު އެވެ. އެއީ ކޮން ރަށެއް ކަމާއި ދައުވާލިބުނު މީހާގެ މައުލޫމާތު އާންމު ނުކުރަނީ އަނިޔާ ލިބުނު ކުޑަކުއްޖާގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އަނިޔާލިބުނު ކުއްޖާ ކިޔައިދޭ ކިޔައިދިނުމާއި ހެކިންގެ ހެކިބަސް ދިމާވުމުގެ އިތުރުން އެ މީހާ އުޅުނު ކޮޓަރިން ލިބުނު ފޮރެންސިކް ހެކިތަކުގެ ނަތީޖާ ދިމާވާ ކަމަށެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރި މާއްދާގެ ދަށުން، ޖިންސީ ނިޔަތެއް އޮވެގެން ކިތަންމެ ކުޑަކޮށް ވިޔަސް ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުން އެ ކުށް ކުރެވުނީ ކަމާއި އެއަށް ވުރެ ބޮޑު ގެއްލުމެއް އެ ކުއްޖާ އަށް ލިބުނު ކަން ސާބިތުކޮށް ދޭން ނުޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ މައްސަލާގައި އެކަށީގެންވާ ވަގުތު މައްސަލައަށް ތައްޔާރުވާން ދީފައިި އެބައޮތް ކަމަށާއި ދިފާއުވުމުގެ ހައްގަށް ހުރަސް އެޅިފަައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، ދާދިފަހުން ވެސް ހައި ކޯޓުން ވަނީ އެފަދަ މައްސަލައެއްގައި މީހަކަށް އިއްވި ޖަލު ހުކުމެއް ދަމަހައްޓައިފަ އެވެ.