ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ބާއްވާ އެއްވުންތަކުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފާއި މެންބަރު އަހުމަދު އަކްރަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަގަށް ގޮވި ކަމަށް ބުނެ ޕޮލިހާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ މުއާޒްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅީ އަބުރު ގެއްލޭ ގޮތަށް އަދި ސާބިތުނުހިފޭ ވާހަކަ ދައްކަވާފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެންނާ ގުޅޭ ގޮތުން [މުއާޒް] ދައްކަވާފައި ވަނީ ސާބިތު ހިފޭ ވާހަކައެއް ނޫން. މިހާރު މި ސޮއިކޮށްފައި ފޮނުވާލީ އެ މައްސަލަ،" ޝަރީފް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މުއާޒް ވާހަކައެއް ނުދެއްކެވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޮޑު ކާމިޔާބީއެއް ހޯއްދެވި ރިޔާސީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ، ވެރިކަން ހިންގާ ޕީޕީއެމުން އެ ޕާޓީ އޮފީސް ކުރިމަތީގައި ކޮންމެ ރެޔަކު މުޒާހަރާ ކުރެ އެވެ. ވޯޓުން ވައްކަން ކުރި ކަމަށް މުއާޒް ވިދާޅުވެފައި ވަނީ މި މުޒާހަރާގަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފާއި އެހެން މެންބަރުން ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމުން ކުރާ ތުހުމަތު އެ ކޮމިޝަނުން ދޮގުކުރެ އެވެ.