އަރަބި ސަގާފީ ހެދުމުގެ ބައެއްގެ ގޮތުގައި، ފިރިހެނުން ބޮލުގައި އަޅަން ގެންގުޅޭ ގޮޅިޖެހި ފޮތިގަނޑު ނުވަތަ ސްކާފަކީ އެއް ދުވަސްވަރެއްގައި އެ މީހެއްގެ އައިޑެންޓިޓީ އެވެ. އޭގެ ކުލަ އާއި ގޮޅި ކުހަރާހަފައި ހުންނަ ގޮތާއި އެ ފޮތިގަނޑު އަޅާފައި ހުންނަ ގޮތުން އަންގައިދޭނީ އެ މީހަކު އަރަބި ދުނިޔޭގައި ނިސްބަތްވާ ސަރަހައްދާއި ގަބީލާ އެވެ. މި ފޮތިގަނޑުގެ އަސްލު ނަމަކީ "ކަފިއްޔާ" އެވެ.
އަރަބިން އާންމުކޮށް ކަފިއްޔާ އަޅައި އުޅުނު ބޭނުން ނެތި ދިޔަޔަސް އަދި މިހާރު އެއީ މާ ބޮޑު މާނައެއް އޮތް ކަމަކަށް ނުވިޔަސް ފަލަސްތީނު ރަމްޒުކޮށްދޭ، ހުދާއި ކަޅުގެ ގޮޅިޖެހި ކަފިއްޔާ އިން ދޭ މެސެޖަށް ބަދަލެއް ނާދެ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް 1948 އިން ފެށިގެން ވަމުން އަންނަ ގުރުބާނީ އާއި އަޅުވެތިކަމާ ދެކޮޅަށް ކެނޑިނޭޅި ދައްކާ ހިތްވަރު އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ އެކައްޗަކީ މި ފޮތިގަނޑެކެވެ.
ކަފިއްޔާގެ ހާއްސަ މެސެޖު އެނގިފައި ނެތަސް، ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރާފު މީގެ ކަފިއްޔާ ތުރުކުރައްވައިގެން ހުންނަވާ ފޮޓޯތައް ގިނަ ބަޔަކަށް ފާހަގަވާނެ އެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ފަލަސްތީން ކަފިއްޔާ އެހާ މަޝްހޫރު އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު އަންގައިދޭ ރަމްޒެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުކޮށްދެއްވީ ޔާސިރު އަރަފާތެވެ. ފަލަސްތީނަށް ރަސްމީކޮށް ދައުލަތެއްގެ ދަރަޖަ ބައިނަލްއަގުވާމީ ގޮތުން ދިނުމުގެ ކުރިން، ފަލަސްތީނު ރައްޔިތުން ތަމްސީލުކުރި ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ލީޑަރުގެ ގޮތުގައި ޔާސިރު އަރަފާތު ދެއްކެވި ހިތްވަރާއި ވެ ވަޑައިގެންނެވި ގުރުބާނީ ރަމްޒުކޮށްދޭން ޔާސީރު އަރަފާތުގެ ކަފިއްޔާ ފުދެ އެވެ.
އެއިން އަންގައިދެނީ ފަލަސްތީނު ރައްޔިތުން އަޅުވެތިކަމާ ދެކޮޅަށް ދައްކާ ހިތްވަރާއި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ނުކުތުމުގައި ޖެހިލުމެއް ނެތްކަމެވެ.
އިޒްރޭލުގެ އަޅުވެތިކަން ތަހަންމަލްކުރަން ޖެހުން އިތުރުވި ވަރަކަށް ކަފިއްޔާ ވެގެން ދިޔައީ އެ އަނިޔާވެރިކަމާ ދެކޮޅަށް ހިތްވަރު ހޯދުމަށް މާޒީގެ ގުރުބާނީ ހަނދާންކޮށްދޭ އެއްޗަކަށެވެ. ނަމަވެސް އަހަރުތަކެއް ފާއިތުވެ ކަންކަން ބަދަލުވެގެން ދިޔައިރު ފެޝަން ކުންފުނިތަކުންނާއި މާކެޓިން ކުންފުނިތަކުން މި ކަފިއްޔާ އެހެން ގޮތްގޮތަށް ބޭނުންކުރަން ފެށި އެވެ. އެއްބަޔަކަށް މިއީ ހަނގުރާމައާ ދެކޮޅު ނިޝާނެކެވެ. އަނެއް ބަޔަކަށް މި ކަމުދިޔައީ ފެޝަން ކުންފުނިތަކުން މި މާކެޓްކުރި ގޮތުން އަސްލު މެސެޖު ގެއްލި ސެލެބްރިޓީން ވެސް މި އަޅައިގެން އުޅެނިކޮށް ފޮޓޯތަކުން ފެންނަން ފެށުމުންނެވެ.
ފަލަސްތީނު މީހުން ވެސް ކަފިއްޔާ ޑިޒައިންގެ ހެދުންތަކާއި ބުރުގާ ވެސް ބޭނުންކުރެ އެވެ. އެކަމަކު އެ މީހުން އެ ބޭނުންކުރަނީ އަސްލު މާނައިގަ އެވެ.
ކަފިއްޔާގެ މެސެޖު އޮޅުވާލައި އޮޅުންބޮޅުން ކޮށްލަން އިޒްރޭލުން ވެސް އެކި ކަންކަން ކޮށްފައިވެ އެވެ. އެ ޑިޒައިން ބޭނުންކޮށްގެން، ނިވާކަން ކުޑަ ހެދުންތައް އާންމުކުރި އެވެ. އަދި މިއީ ފެޝަން ސްޓޭޓްމަންޓަކަށް ހެދުމަށް މިއަދު ވެސް މަސައްކަތްކުރެ އެވެ.
އެކަމަކު ފަލަސްތީނު މީހުންނާއި ފަލަސްތީނުގެ ހަގީގަތް ގަބޫލުކުރާ މީހުންނަށް މިއީ ހަމަ އާދައިގެ ފޮތިގަނޑެއް ނޫނެވެ. އެއާ އޮތީ ހާއްސަ ގުޅުމެކެވެ. އެކި ސަބަބުތަކާ ހެދި ކަފިއްޔާގެ ހާއްސަކަން ކުޑަވެފައި ވިޔަސް އޭގެ ސިޔާސީ މެސެޖާއި އަސްލު މަގްސަދު އެއްކޮށް ގެއްލިދާ ވަރެއް އަދިވެސް ނުވެ އެވެ. އަދި އަމުދުން އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރިކަން އިތުރުކުރާ ކޮންމެ ފަހަރަކު ކަފިއްޔާގެ އަސްލު މެސެޖާ އެކު އިޒްރޭލާ ދެކޮޅަށް ނުކުންނާނެ އެތައް ބަޔަކު ތިބޭނެ އެވެ.
ފަލަސްތީން ކަފިއްޔާގެ އަސްލު އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރިޔަސް ފަލަސްތީނަށްޓަކައި އެތަނުގެ ރައްޔިތުން އަބަދުވެސް ދެމި ތިބޭނެކަން ތާރީހު ހެކިދެ އެވެ. އެ މީހުން އެހެން ދެމިތިބިހާ ހިނދަކު، ކަޅާއި ހުދުގެ ގޮޅިޖެހި މި ފޮތިގަނޑަކީ މާނައެއް ނެތް އެއްޗަކަށް ވެގެންނެއް ނުދާނެ އެވެ. އެއީ އެ މީހުންގެ ޖިހާދުގެ ހަތިޔާރެއް ފަދަ އެވެ.