ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ދިނުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވާން ނަން ނޯޓްކުރުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ފުރަތަމަ ބައްދަލުވުމުގައި ރައީސާ ބައްދަލުކުރަން ފުރުސަތު ދޭން ނިންމާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާ އާއި ހުޅުދޫ ދާއިރާ އާއި ހޯރަފުށި ދާއިރާގެ އިތުރުން ހުޅުމާލޭ މެދުދާއިރާގެ ރައްޔިތުންނަށް ކަމަށެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބާއްވާ ބައްދަލުވުމަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން ރައީސް މުއިއްޒާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ނަން ނޯޓް ކުރުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ރޭ މެންދަމު 12 އާ ހަމަައަށް ހުޅުވާލާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނަން ނޯޓް ކުރާނީ rayyithungeadu.presidency.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
އެ ބައްދަލުވުން ބޭއްވުމަށް ރައީސް ނިންމެވީ މިހާރަށް ވުރެ ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒާ ބައްދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ނިންމިއިރު، މީގެ ކުރިން ވެސް މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއެކު އެ މަނިކުފާނު ވަކިވަކިން ބައްދަލުވުންތައް ބޭއްވެވި އެވެ.