ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ދިން ބޮމުގެ ހަމަލާއަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ފުލުހުން އައްޑުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މަފްތޫހް ސައީދުގެ ބަންދު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި، ގއ. ކޮލަމާފުށި މީހެއް ކަމަށްވާ މަފްތޫހު ދޫކޮށްލަން އަމުރުކުރި ނަމަވެސް އޭނާއާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން އެހެން ހެކިތައް ހުރި ނަމަ އަލުން ކޯޓަށް ހުށަހަޅައި ބަންދު އަމުރަކަށް އެދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ހަމަލާގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުން: މަތީގައި (ކ-ވ) އަދުހަމް އަހްމަދު އާއި މުޖާޒް އަހްމަދު އަދި ތިރީގައި (ކ-ވ) އަހްމަދު ފާތިހު އާއި ތަހްމީން އަހްމަދު --
ހަމަލާގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުން: މަތީގައި (ކ-ވ) އަދުހަމް އަހްމަދު އާއި މުޖާޒް އަހްމަދު އަދި ތިރީގައި (ކ-ވ) އަހްމަދު ފާތިހު އާއި ތަހްމީން އަހްމަދު --

ފުލުހުން މަފްތޫހު ހައްޔަރު ކުރިއިރު އޭނާއަށް ކުރި ތުހުމަތަކީ ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމުގެ ތުހުމަތެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަނަށް ފަހު ހައްޔަރުކޮށްފައި ހުއްޓާ މަފްތޫހާއި ދެން ހައްޔަރުކުރި ފަސް މީހުން ދަށު ކޯޓުން ދޫކޮށްލި އެވެ. ނަމަވެސް، ދައުލަތުން އިސްތިއުނާފު ކުރުމުން އެ ނިންމުން ބާތިލުކޮށް އެ މީހުން އަލުން ބަންދު ކުރަން ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މަފްތޫހުގެ ފަރާތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާގެ ބަންދު އަމުރު ބާތިލުކުރި ހުކުމުގައި ވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އެހެން ހެއްކެއް ހުރިތޯ ބަލައި، އެ ހެކިތަކަށް ރިއާއަތްކޮށް އޭނާ ބަންދު ކުރަން ހިތަދޫ ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ހަމަލާއަށް ފަހު، ހަރުކަށި ފިކުރުގެ މީހުން ހޯދައި ހައްޔަރުކުރަން ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތިބި މީހުންގެ ތެރޭގައި ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ތިބިކަން މިހާތަނަށް ވަނީ ހާމަވެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ފުލުހުން މިހާތަނަށް ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ.