ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވީ ރައީސް އަބްދުﷲ ޔާމީން އެންގެވި ގޮތަށް ކަމަށް އަލް ޖަޒީރާ އިން މިއަދު ނެރުނު ތަހުގީގީ ރިޕޯޓުގައި ތުހުމަތުކޮށްފި އެވެ.
އެކަމަކު އެ ވާހަކަތައް ރައީސް އޮފީހުން މިއަދު ވަނީ ދޮގުކޮށްފަ އެވެ.
"ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި ނެރުނު ޑޮކިއުމެންޓްރީގައި އެ ވާހަކަ ދައްކަނީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އަށް ފަހު ފިލައިގެން ރާއްޖޭން ބޭރުގައި އުޅެމުން އަންނަ އަދި ކުރީގެ ނައިބު ރައީސްގެ ވަރަށް ކައިރި މީހެއް ކަމަށްވާ މުހައްމަދު ހުސެން (އޮއިއްޓޭ) އެވެ.
އޮއިއްޓެ ބުނާ ގޮތުން ނަޝީދުގެ މައްޗަށް ހުކުމް ކުރި ދުވަހު މީހަކު ކައިިރި އަށް ގޮސް ލިޔުމެއް ނަގަން އަދީބު އޭނާ އަށް ގުޅުއްވައި ވިދާޅުވި އެވެ. އެ މީހާ ދިނީ ސިޓީއުރަކަށް ނުލާ އޮތް ލިޔުމެއް ކަމަށާއި އޭތި ކިޔާލުމުން އެއީ ނަޝީދުގެ ހުކުމްކަން އެނގުނު ކަމަށް އޮއިއްޓެ ބުންޏެވެ.
އޭނާ ބުނީ އެ ލިޔުން ގެންގޮސް އަދީބު އަތަށް ދިނުމުން އޭނާ ހޭން ފެށި ކަމަށެވެ. އަދި ވަގުތުން ރައީސް ޔާމީނަށް ގުޅުއްވި ކަމަށާއި އެ ހުކުމް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އޮއިއްޓެ ބުނެ އެވެ.
އެކަމަކު، އެ ލިޔުން ދިނީ ކާކު ކަމެއް އަދި މިކަމުގެ އިތުރު ތަފްސީލެއް ޑޮކިއުމެންޓްރީއަކު ނެތެވެ.
ޑޮކިއުމެންޓްރީގައި ހުކުމާ ގުޅޭ ގޮތުން ނަޝީދާ ވެސް ސުވާލު ކުރެ އެވެ. އެ މަނިކުފާނު ވިދާޅުވަނީ އެ ވާހަކަތައް އަޑުއިވިވަޑައިގެންފައިވާ ކަމަށާއި އެކަމަކު އޭގެ ހެކި ފެނުނީ އަލަށް ކަމަށެވެ.
މާޗު 3، 2014 ގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ، އަބްދުލް ބާރީ ޔޫސުފް އަދި ޝުޖާއު އުސްމާން ތިއްބެވި ބެންޗަކުންނެވެ. އެ ހުކުމް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ނަޝީދަށް ހުކުމް ކުރި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ބެންޗުގައި އިންނެވި ޝުޖާއު އުސްމާން ހައި ކޯޓަށް ޕްރޮމޯޓުކުރި އެވެ. އަދ ފަނޑިޔާރު ބާރީ ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކޮށްފަ އެވެ.
ނަޝީދަށް ހުކުމްކުރީ ރައީސް އެންގެވި ގޮތަށް ކަމަށް އޮއިއްޓެގެ ވާހަކަތަކަށް ބިނާކޮށް އަލް ޖަޒީރާ އިން ބުނި ނަމަވެސް ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެން ޝިހާބު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށެވެ.
ނަޝީދު ވަނީ ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފަ އެވެ. އަމިއްލަ އަށް އަރުވާލެއްވިގެން ލަންޑަނުގައި އުޅުއްވާ އެހެން އިދިކޮޅު ފަރާތްތަކާ އެކު އިއްތިހާދެއް ހައްދަވައިގެން ނަޝީދު ގެންދަވަނީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ އެ ބޭފުޅުން އެންމެ ބޮޑަށް ދައްކަވާ އެއް ވާހަކައަކީ ވެސް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުން ދިއުމެވެ.
އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ އިންޓަނެޓުގައި މިއަދު ހެނދުނު އާއްމުކޮށްފައި ވިޔަސް، ޓީވީން ދައްކާނީ މިއަދު ރާއްޖެ ގަޑިން ހަވީރު 5:00 ގަ އެވެ.