ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން ސާބިތު ވަނީ ޝަރުއީ ނިޒާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވާދަވެރިންގެ އަޑު ކަނޑުވާލަން ބޭނުން ކުރާ ހަތިޔާރެއްކަން ކަމަށް ނަޝީދުގެ ބޭރުގެ ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމަލް ކްލޫނީ އާއި ޖަރެޑް ޖެންސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ވަނީ ނަޝީދުގެ ފަރާތްޕުޅުން ފާހަގަކުރި ހުރިހާ ކަމެއް އަޅާނުލާ ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ދިފާއީ ހެކިންނަށް ފުރުސަތު ނުދިނުން އެ ދެ ބޭފުޅުން ހާއްސަކޮށް ފާހަގަކުރެއްވި އެވެ.

ނަޝީދު ލަންޑަނަށް ވަޑައިގަތުމުން އަމަލް އާއި ޖެންސާ އެ މަނިކުފާނަށް އެއާޕޯޓުން މަރުހަބާ ވިދާޅު ވަނީ.-- ފޮޓޯ: އޭއެފްޕީ
ނަޝީދު ލަންޑަނަށް ވަޑައިގަތުމުން އަމަލް އާއި ޖެންސާ އެ މަނިކުފާނަށް އެއާޕޯޓުން މަރުހަބާ ވިދާޅު ވަނީ.-- ފޮޓޯ: އޭއެފްޕީ

އަމަލް އާއި ޖެންސާ ވަނީ ޝަރުއީ ނިޒާމުގެ އިންސާފުވެރިކަމާއި މިނިވަންކަން އެއްގޮތަކަށް ވެސް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ ބޭފުޅުން ވިދާޅުވީ ޝަރީއަތް ހިންގުމުގެ އުސޫލުތަކަށް އެއްވެސް ވަރަކަށް ނުބަލާކަން ނަޝީދުގެ ހުކުމުން އެނގޭ ކަމަށެވެ.

"... ޝަރުއީ ނިޒާމަކީ، ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ވާދަވެރިންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ބޭނުން ކުރާ ހަތިޔާރެއްކަން މި ހުކުމުން މި ވަނީ އަނެއްކާ ވެސް ސާބިތު ކޮށްދީފަ އެވެ،" އަމަލް ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ.

އަމަލް ކްލޫނީ އާއި ޖަރެޑް ޖެންސާ ނަޝީދާ ބައްދަލުކުރެއްވުމަށް މާފުށީގައި: ނަޝީދުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން އަމަލް ވަނީ ފާޑު ވިދާޅުވެފައި.-- ފޮޓޯ: އޭއެފްޕީ
އަމަލް ކްލޫނީ އާއި ޖަރެޑް ޖެންސާ ނަޝީދާ ބައްދަލުކުރެއްވުމަށް މާފުށީގައި: ނަޝީދުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން އަމަލް ވަނީ ފާޑު ވިދާޅުވެފައި.-- ފޮޓޯ: އޭއެފްޕީ

މީގެ އިތުުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އިއްވާފައިވާ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރި ކުރުމަށް ވެސް އަމަލް އާއި ޖެންސާ ފާޑު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދު 13 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވަނީ އިއްޔެ ނިންމާފަ އެވެ. ސުޕްރީމް ކޯޓުން އެ ގޮތަށް ނިންމީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ކަށަވަރުކުރަން ދައުލަތުން އެ ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ.

ބޭސްފަރުވާ އަށް މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ނަޝީދު ވަނީ އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވާފަ އެވެ.