ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅޭގޮތުން ޕްރޮސިކިއުޓަ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ މާދަމާ ކުރިއަށް ގެންދަން ތާވަލްކޮށްފި އެވެ.
އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މާދަމާ މެންދުރު 12:45 އަށެވެ.
ސުޕްރީމް ކޯޓުގައި ޕީޖީން އިސްތިއުނާފްކުރީ ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ހައި ކޯޓުން ނިންމި ނިންމުމެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް މީގެ ކުރިން ވަނީ ނިންމާލައިފަ އެވެ. އެކަމަކު މާދަމާ އޮތީ އިތުރު އަޑު އެހުމެއް ކަމެއް ނުވަތަ ހުކުމް އިއްވުން ކަމެއް އަދި ސާފެއް ނުވެ އެވެ.
ނަޝީދުގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގަ އެވެ. އެ ހުކުމާ އެކު ޖަލުގައި ހުންނެވުމަށް ފަހު އެމަނިކުފާނު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން މިހާރު ވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ "މިވަގުތަށް އެންމެ ރަނގަޅީ ރާއްޖެ ވަޑައިނުގެން އިނގިރޭސި ވިލާތުގައި މަސައްކަތް ކުރިއަށް ގެންދެވުން" ކަމަށެވެ.
ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނަށް ހުކުމް އިއްވާފައި ވަނީ ގާނޫނީ ހަމަތަކުން ބޭރުން، އަވަސް އަރުވާލައިގެން ކަމަށް ބުނެ އެމަނިކުފާނު ވަގުތުން ދޫކޮށްލަން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ގޮވާލައިފަ އެވެ. އެކަމަކު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެ ގްރޫޕުގެ ނިންމުމަކީ ވަކި ކޮޅަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންވެ އެ ނިންމުމަށް އަމަލުނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.