ދިވެހި ސަރުކާރާ ގުޅޭ ގޮތުން ރަނގަޅު ތަސައްވުރެއް ބޭރު ދުނިޔެ އަށް ދައްކައި ދިނުމަށް، އިނގިރޭސި ލޭބާ ޕާޓީގެ ކުރީގެ އިސް ސިޔާސީ ބޭފުޅަކު ލަފާ ދެއްވިކަން ހާމަވެއްޖެ އެވެ.
ޑެއިލީ މެއިލް އިން މިދިޔަ ހޮނިހިރު ދުވަހު ބުނި ގޮތުގައި ދިވެހި ސަރުކާރަށް ލަފާ ދެއްވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ގޯޑަން ބްރައުންގެ ސަރުކާރުގައި ކެބިނެޓް މިނިސްޓަރުކަމާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ލޯޑް ޕީޓާ މެންޑެލްސަން އެވެ. އޭނާއާ ސީދާ ގުޅުން ބޭއްވެވީ، ޑެއިލީ މެއިލް އަށް ލިބުނު މެމޯއަކުން ހާމަވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އެ ދެ ބޭފުޅުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތްކަން ހާމަވެ އެވެ. އެ ގޮތުން، އަދީބުގެ ފޯނުގައި މެންޑެލްސަންގެ ނަމްބަަރު ސޭވްކޮށްފައި އިނީ ވެސް "ލޯޑް ޕީ"ގެ ނަމުގައި ކަމަށް ޑެއިލީ މެއިލް އިން ބުންޏެވެ.
މެންޑެލްސަން ހިންގަވާ، ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކަށް ލަފާ ދޭ ކުންފުނި، ގްލޯބަލް ކައުންސެލް އިން މިދިޔަ އަަހަރުގެ އޮގަސްޓް 18 ގައި އަދީބަށް ފޮނުވި މެމޯ އިން އެނގޭ ގޮތުގައި މެންޑެލްސަން ވަނީ އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެން އަދީބުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާ ވެސް ސީދާ ބައްދަލުކުރައްވާފަ އެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން 11 ގައި އޭނާ ރައީސް އޮފީހަށް ވަދެވަޑައިގަންނަވަނިކޮށް ބައެއް މީހުންނަށް ފެނިގެން އެ ވާހަކަ ރިޕޯޓުކުރި ކަމަށް ވެސް ޑެއިލީ މެއިލް އިން ބުންޏެވެ.
އެ ބައްދަލުވުމަށް ފަހު، މެންޑެލްސަން ރާއްޖެ ވަޑައިގަތީ އޮގަސްޓް 12 ގަ އެވެ. އެއާޕޯޓުން، ސިންގަޕޫރުގެ ވިޔަފާރިވެރިއެއް ކަމަށް ވާ ޗީ ލިއަންގް މޮކް ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި އަދީބާ އެކު މެންޑެލްސަން ވަޑައިގަތީ މާލެ ކައިރީގައި އޮންނަ ގިލި ލަންކަންފުށި ރިސޯޓަށެވެ. ލީކުވި މެމޯ ތައްޔާރުކޮށްފައި ވަނީ، ޑެއިލީ މެއިލް އިން ބުނި ގޮތުގައި، އެ ތަނުގައި "ހުސް ފަޔާ" ތިއްބަވައިގެން ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކަށް ބިނާކޮށެވެ.
ރާއްޖެ އަށް ޝައުގުވެރިވާ ބޭރުގެ އިންވެސްޓަރުންގެ މަސްލަހަތުތައް ހިމާޔަތް ކޮށްދޭން މަސައްކަތް ކުރާ ކަމަށް ބުނެ، "ދެން އަޅަންވީ ފިޔަވަޅުތައް" ބަޔާންކޮށްފައިވާ އެ މެމޯ ހެދީ، އޭގައިވާ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލީ މައްސަލަ "ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ހައްލު ކުރެވޭނެ ކަމަށް" ދެކިގެންނެވެ.
އެހެންވެ، ގްލޯބަލް ކައުންސެލް އިން ލަފާ ދިނީ ސަރުކާރު ތެރޭގައި ޕީއާރު ޑިޕާޓްމަންޓެއް ހެދުމަށެވެ. އެ ޑިޕާޓްމަންޓުގެ ބޭނުމަކަށް ވާނީ، މެމޯގައިވާ ގޮތުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ލިބޭ ބޮޑެތި އަދި ކުދި ފުރުސަތުތަކުގެ ބޭނުންހިފައި ރާއްޖެ އާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މުހިއްމު މެެސެޖުތައް ދިނުމެވެ. އަދި ބޭރުގެ ފަރާތްތަކަށް ގަބޫލުކުރެވޭ ފަދަ "ވާހަކައެއް" ދައްކަން ވެސް ލަފާ ދީފައިވެ އެވެ.
އެ ވާހަކައިގެ އަސާސަކަށް ވާނީ، މެމޯގައިވާ ގޮތުން، ރާއްޖެ ޅަފަތުގައި އޮތް ޑިމޮކްރެސީއަކަށް ވުމާ އެކު، ޑިމޮކްރެސީ ފުރާ ފުރިހަމަވުމަށް ބޭނުންވާ މުއައްސަސާތަކާއި ފުރުސަތު ލިބިދޭން ޖެހެމެވެ. އެހެންވެ، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނެސް، ޝަރުއީ ނިޒާމު އިސްލާހުކޮށް، ގާނޫނުގެ ހުކުމް ނެގެހެއްޓުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރުމަކީ ދުޅަހެޔޮ ޑިމޮކްރެސީއަކަށް ކޮންމެހެން މުހިއްމު ކަންކަން ކަން ސަރުކާރުން ގަބޫލުކުރާކަން ދައްކަން މެމޯގައި އެދިފައިވެ އެވެ.
"... ވަގުތުން ފައިދާ ލިބުމާ އެކު ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގާ އެޅުމަށްޓަކައި، އެ ދާއިރާތަކުން ގެންނަން ޖެހޭ އިސްލާހުތައް ބައްޓަންކޮށް، ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ،" ބޭރު ދުނިޔޭގައި ސަރުކާރުން ދައްކަން ލަފާ ދީފައިވާ ވާހަކައިގައިވެ އެވެ.
އެކަމަކު، މެމޯ ނިންމާލަމުން ގްލޯބަލް ކައުންސެލް އިން ވަނީ ވަރަށް މުހިއްމު އިންޒާރެއް ވެސް ދީފަ އެވެ. އެއީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ ދާއިރާގައި "ކުރިއެރުންތަކެއް" ނުހޯދާ އަދި ނަޝީދުގެ މައްސަލަ އަށް "ހައްލެއް" ނުލިބޭ ނަމަ އެފަދަ ޕީއާރު ކެމްޕޭނެއްގެ އެދެވޭ އަސަރު ނުކުރާނެ ކަމެވެ. އަދި އެ ކެމްޕޭނުގެ ނަތީޖާ ހާސިލުކުރަން، އިގްތިސާދީ ތަރައްގީ އާއި އިޖުތިމާއީ ކަންކަން ހައްލުކުރުން އަދި ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ސަރުކާރުން ހޯދާފައިވާ "ކާމިޔާބީތަކުގެ ހަގީގީ ތަސައްވުރެއް" ބޭރު ދުނިޔެ އަށް ދައްކަން ޖެހޭނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އޭގެ ފަހުން، އޮކްޓޯބަރު 13 ގައި ގްލޯބަލް ކައުންސެލްގެ އޭޝިއާ ޑިރެކްޓަރު ޔިންގް ސްޓެޓަން ވަނީ، އަދީބުގެ ފޯނުން ލިބުނު މައުލޫމާތުތަކާ ހަވާލާ ދީ ޑެއިލީ މެއިލް އިން ބުނި ގޮތުގައި، އަދީބަށް ވަކިން އީމެއިލެއް ފޮނުވާފަ އެވެ. އޭގައި އޭނާ އެދުނީ މެންޑެލްސަންއާ އެކު ރައީސް ޔާމީނަށް އެ ހަފުތާ ތެރޭގައި ފޯނުން ވާހަކަދެއްކެވޭނެ ފުރުސަތެއް ހަމަޖައްސައި ދެއްވުމަށެވެ. އަދި އެ މަހުގެ ފަހުކޮޅު ނުވަތަ ޖެހިގެން އައި ނޮވެމްބަރު މަހު މެންޑެލްސަން އަނެއްކާވެސް ރާއްޖެ ވަޑައިގަތުމުގެ އިންތިޒާމު ހަމަޖެހޭނެތޯ ވެސް އަދީބު ކައިރިން އޮޅުންފިލުވާފައިވެ އެވެ.
އެކަމަކު، އޭގެ ދުވަސްކޮޅެއް ފަހުން، އޮކްޓޯބަރު 24 ގައި އަދީބު ވަނީ ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެެވެ. އަދި އޭނާ މިހާރު ވަނީ އެ މައްސަލަ އާއި އެއާ ގުޅުން ހުރި އެހެން މައްސަލަތަކެއްގައި ޖުމްލަ 33 އަހަރަށް ޖަލަށް ލާފަ އެވެ.
މިހާރުގެ ދިވެހި ސަރުކާރަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ބުނެ އެކަހަލަ ބަޔަކަށް މެންޑެލްސަން އެހީވެދެއްވާފައިވާތީ ޑެއިލީ މެއިލް އިން ވަރަށް ބޮޑަށް ފާޑުކިޔާފައި ވިޔަސް، މެންޑެލްސަންގެ ގްލޯބަލް ކައުންސެލް އިން ވަނީ ދިވެހި ސަރުކާރާ އެކު ކުރި މުއާމަލާތްތައް ދިފާއުކޮށްފަ އެވެ. އެ ކުންފުނިން މަސައްކަތްކުރީ، ޑެއިލީ މެއިލް އަށް ދިން ބަޔާނެއްގައި ބުނި ގޮތުގައި، "ރާއްޖެ އަށް އިސްލާހީ ބަދަލުތައް އައިސް، ހެޔޮ ވެރިކަމަކާއި ހަމަޖެހުން ރާއްޖޭގައި ގާއިމްވެފައި އޮންނަން ބޭނުންވާ ބައިނަލްއަގުވާމީ އިންވެސްޓަރުން" ތަމްސީލުކޮށް ދިނުމަށެެވެ.
"މީގެ 12 މަސްދުވަސް ކުރިން އެ މެމޯ ތައްޔާރުކޮށްފައި ވަނީ، ބޭރުގެ ފަރާތްތަކުން ވެސް ތާއީދުކުރި ގޮތަށް [ކުރީގެ] ރައީސް ނަޝީދު މިނިވަންކުރުމާ ގުޅޭ ގޮތުން އޭރުގެ ނައިބު ރައީސް އަދީބު ސަރުކާރާއި އަމިއްލަ ޕާޓީގެ ތެރޭގަ އާއި އަދި އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ދުވަސްވަރު އެވެ،" ބަޔާނުގައިވެ އެވެ.
ނަމަވެސް މެންޑެލްސަން ވަނީ އެފަދަ އެތައް މުއާމަލާތްތަކެއް މީގެ ކުރިން އެކި ސަރުކާރުތަކާއި ކުންފުނިތަކާ އެކު ހިންގަވާފަ އެވެ. އެ ގޮތުން، ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ވެރިކަން ދަމަހައްޓަން ހަރަދު ކުރާ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށް ވާ ސިސްޓެމާގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމު އޭނާ އަދާކުރައްވަމުން ގެންދަވާއިރު، ކަޒަކިސްތާނުގެ އަނިޔާވެރި ވެރިކަމާ ގުޅުން އޮންނަ ފަންޑުތަކާއި ކުންފުނިތަކެއްގައި ވެސް އޭނާ ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.
މެންޑެލްސަން ފަދަ ލޭބާ ޕާޓީއާ ގުޅުން އޮންނަ އިނގިރޭސި ސިޔާސީ ވެރިންނަށް ވަނީ މީގެ ކުރިން ވެސް ރާއްޖެއާ ގުޅޭ އެކި ކަންކަމުގައި ފާޑުކިއުން އަމާޒުވެފަ އެވެ. އެ ގޮތުން، ޓޯނީ ބްލެއާގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ބެރޮނަސް ސްކޮޓްލަންޑް ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދައުރުގައި ދުވާލަކު 7،500 ޕައުންޑް (149،073 ރުފިޔާ) އަށް ދިވެހި ސަރުކާރަށް ލަދާ ދީފަ އެވެ. އަދި ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާ ހިންގަވާ އޮމްނިއާ ސްޓްރެޓެޖީން ވެސް ވަނީ ނަޝީދު ޖަލަށް ލީ ދުވަސްވަރު ސަރުކާރަށް ލަފާ ދީފަ އެވެ.
ލޭބާ ޕާޓީގެ ފަރާތްތަކުން ދިވެހި ސަރުކާރާ ގުޅުން ބޭއްވިޔަސް، ކޮންޒަވެޓިވް ޕާޓީގެ ވެރިކަން އޮންނަ އިނގިރޭސި ސަރުކާރުން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ސިޔާސީ ބޭފުޅުން ޖަލަށް ލުމާއި އަސާސީ ގިނަ ހައްގުތަކެއް ވަރަށް ބޮޑަށް ހަނިކުރުން އޭގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.