އާއްމުންގެ ހިޔާލު ހޯދުމަކާ ނުލައި ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަކީ ގޯހަކުން ވި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއުގައި ސޮއިކުރުމުގެ ކުރިން އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވާލައި "އަހާބަލަ" ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި، އެ ޕާޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، ވެލާނާ އެއާޕޯޓު ތަރައްގީކުރަން ޖީއެމްއާރު ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދިންއިރު އާއްމުންގެ ހިޔާލު ނުހޯދީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު ކުރާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެއީ ގޯހަކުން ވި ކަމެއް ކަމަށާއި ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލަނީ ވެސް އެ ތަޖުރިބާގެ އަލީގައި ކަމަށެވެ.
އެއާޕޯޓު ތަރައްގީކޮށް ހިންގަން 2010 ވަނަ އަހަރު ޖީއެމްއާރު ކުންފުންޏަށް ދިން ގޮތާ ދެކޮޅަށް ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، އެކަން ވެގެން ދިޔައީ އެ މަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓެން ދިމާވި އެއް ސަބަބަށެވެ.
އިދިކޮޅު ޕާޓީތައް އެއްވެ، އިއްތިހާދެއް އުފައްދައި ޖީއެމްއާރު ބޭރުކޮށްލުމަށް ގޮވާލައި އޭރު ކުރި މުޒާހަރާތައް ވަރުގަދަވި އެވެ.
"އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ. އެއީ ގޯހުންނޭ. އެ ތަޖުރިބާގައޭ އަޅުގަނޑު މި ހުރީ މި ތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހާ ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
"ކޮންމެ ކަމެއްގެ ފަހަތަށް މުޅި ރާއްޖޭގެ ރައްޔިތުން އެބަ އަންނަންޖެހޭ. އެ ރައްޔިތުންނަށް އެބަ އިނގެންޖެހޭ،"
އެ މަނިކުފާނު ވިދާޅުވީ ފުށިދިއްގަރުފަޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ކަންބޮޑުވުމެކެވެ.
މި ފަހުން 100 އަށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވި އިރު ފެނިވަޑައިގަތީ ރަށްތަކުން މީހުން ފައިބައިގެން ދާތީ ސްކޫލުގެ ބައެއް ގްރޭޑުތައް ނެތް މަންޒަރު ކަމަށާއި ފުށިދިއްގަރުފަޅާއެކު އެ ރަށްތައް ވެސް ފަޅުވެދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންވެ، ރެސިޑެންސީ މަޝްރޫއު ހިންގަން ރާއްޖޭގެ އުތުރާއި ދެކުނުގައި ޖާގަ އެބަހުރި ކަމަށާއި މާލެ ސަރަހައްދުގައި އެކަން ކޮށްފި ނަމަ ރާއްޖެ ހަލާކުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެހެން ފުރުސަތެއް ނުދެވޭނެ. ދިވެހިރާއްޖޭގެ ރައްޔިތުން ކައިރީގައި މި ވާހަކަ އަހާފައި މެ ނޫނީ މި ތަނުގައި ސަރުކާރުން ކުރިއަށް ގޮސްގެން ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޭން ނިންމާފައިވަނީ ވޯޓާ ފްރޮންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގުމަށެވެ.
ދިވެހި ސަރުކާރުން އަންދާޒާކުރާ ގޮތުގައި، އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.
"އަޅުގަނޑު މި މަންޒަރު ދެކެއްޖައިން. ސްރީ ލަންކާއިން ވެސް ދެކެއްޖައިން. ގާނާއިން ވެސް ދެކެއްޖައިމު. ކެމްބޯޑިއާއިން ވެސް ދެެކެއްޖައިމު. ގައުމުތައް ދަރަނީގެ ތުންފަތް މައްޗަށް އައުމުން ކުއްލިއަކަށް ފައިސާ ހޯދުމަށް މި އުޅެގަންނަނީ. އުޅެ ގަންނަ ބޮނޑީގައި ނުއަގުގައި ކުރަމުން މި ދަނީ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އިގުތިސޯދީ ސިޔާސީ ފެއިލްވެފައިވާ ކަމަށާއި މިހެން މިކަން ކުރިއަށް ގެންދިއުމަށް ޖާގަ ދެވޭކަށް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކުރި އެއްބަސްވުން، ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލް ކުރުމުން ޖީއެމްއާރުން އާބިޓްރޭޝަނަށް ހުށަހެޅި އެވެ.
އެ މައްސަލަ ޖީއެމްއާރުން ކާމިޔާބުކުރުމުން ޖެހިގެން އައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުންޏަށް ވަނީ 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކައިފަ އެވެ.