ވޮޝިންޓަން (އޮކްޓޯބަރު 27) - އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް. ކެނެޑީ އަވަހާރަކޮށްލި ހާދިސާއާ ގުޅޭ 2،800 އަށް ވުރެ ގިނަ ލިޔުން ސަރުކާރުން މިއަދު އާއްމުކޮށްފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ކެނެޑީ އަވަހާރަކޮށްލި ހާދިސާއާ ގުޅޭ އެތައް ތިއަރީއެއް އުފަންވެފައިވާ އިރު މި ހާދިސާއާ ގުޅޭ ގޮތުން ހޯދާފައިވާ މައުލޫމާތު އާއްމުންނަށް އެނގެން ޖެހޭނެ ކަމަށެވެ.

ކެނެޑީ އަވަހާރަކޮށްލީ 22 ނޮވެމްބަރު 1963 ގައި ޓެކްސަސްގައި ސްނައިޕަރަކު ދިން ހަމަލާގަ އެވެ. ކެނެޑީ އަވަހާރަކޮށްލި ދުވަހު ވަނީ ބަޑިޖެހި ސްނައިޕަރު ލީ ހާވޭ އޮސްވާލްޑް ހައްޔަރުކޮށްފަ އެވެ. އެކަމަކު ފުލުހުންގެ ބަންދުގައި ހުއްޓާ ދެ ދުވަސް ފަހުން އޭނާ ވަނީ ނައިޓްކްލަބް ހިންގާ މީހެއް ކަމަށްވާ ޖެކް ރޫބީ ބަޑި ޖަހާ އޭނާ މަރާލައިފަ އެވެ. އޮސްވާލްޑް މަރާލީ ޑަލަސް ޕޮލިސް ޑިޕާޓްމަންޓުގެ ބިންގަރާހުގައި ބަހައްޓާފައި ހުއްޓަ އެވެ. އެހެންވެ ކެނެޑީ އަވަހާރަކޮށްލި ހާދިސާ މިއަދާ ހަމައަށް ވެސް އޮތީ އެމެރިކާގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ގޮތް ނޭނގޭ ސިއްރުގެ ގޮތުގަ އެވެ.

ކެނެޑީގެ އަވަހާރަކޮށްލުމާ ބެހޭ އެތައް ހާސް ލިޔުމެއް އާއްމުކުރި ނަމަވެސް ސަރުކާރުގެ އެޖެންސީތަކުން އެދިގެން ބައެއް މައުލޫމާތު ވަނީ އާއްމުނުކޮށް ހިފަހައްޓައިފަ އެވެ. އާއްމު ކުރި އެއް ލިޔުމުގައިވާ ގޮތުން ސްނައިޕަރު މަރާލީ އޭނާ މަރާލަފާނެ ކަމުގެ އިންޒާރު އެފްބީއައި އިން ފުލުހުންނަށް ދީފައި ވަނިކޮށެވެ.

"އޮސްވާލްޑް މަރާލަފާނެ ކަމުގެ އިންޒާރު ފުލުހުންނަށް ދިން ނަމަވެސް ފުލުހުންގެ ވެރިޔާ ވަނީ އޭނާ އަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް ބުނެފައި،" އެފްބީއައިގެ ޑިރެކްޓަރު ޖޭ. އެޑްގާ ހޫވާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޑި ޖެހި ހާދިސާއާ ގުޅޭ ގޮތުން ވޮރެން ކޮމިޝަނުން 1964 ވަނަ އަހަރު އާއްމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ޑަލަސްގައި މަތި ހުޅުވާފައިވާ ކާރެއްގައި ކެނެޑީ ދަތުރު ކުރައްވަނިކޮށް އޮސްވާލްޑް ބަޑި ޖެހީ ޓެކްސަސް ސްކޫލް ބުކް ޑިޕޮސިޓަރީ އިމާރާތުގެ މަތިން ކަމަށެވެ. ކޮމިޝަނުން ބުނެފައި ވަނީ އޮސްވާލްޑް ނުވަތަ ޖެކް ރޫބީ ވެސް ކެނެޑީ އަވަހާރަކޮށްލަން ރޭވުމުގެ ފަހަތުގައިވާ ކަމުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސް އިން 1992 ވަނަ އަހަރު ވަނީ ޖޭއެފްކޭއާ ބެހޭ ފައިލްތައް 25 އަހަރު ފަހުން ނޫނީ އާއްމު ނުކުރަން ނިންމައިފަ އެވެ. އެ މުއްދަތު ވަނީ ބުރާސްފަތި ދުވަހު ހަމަވެފަ އެވެ.