ވޮޝިންޓަން (އޮކްޓޯބަރު 22) - އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް. ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގީ ލިޔުންތައް އާއްމު ކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ކެނެޑީ އަވަހާރަކޮށްލީ 22 ނޮވެމްބަރު 1963 ގައި ޓެކްސަސްގައި ސްނައިޕަރަކު ދިން ހަމަލާގަ އެވެ. މި ހާދިސާއާ ހުޅޭ ލިޔުންތައް އާއްމު ކުރަން ނޭޝަނަލް އާކައިވްސް އިން ޝެޑިއުލްކޮށްފައި ވަނީ މި މަހު 26 ވަނަ ދުވަހު އެވެ. ނޭޝަނަލް އާކައިވްސް އިން މީގެ ކުރިން ވެސް ވަނީ ކެނެޑީ އަވަހާރަކޮށްލުމާ ބެހޭ އެތައް ލިޔުމެއް އާއްމުކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުގެ ލިޔުންތައް ހުރީ ހިފަހައްޓައިފަ އެވެ.

އެމެރިކާގެ ކޮންގްރެސް އިން 1992 ވަނަ އަހަރު ވަނީ ޖޭއެފްކޭއާ ބެހޭ ފައިލްތައް 25 އަހަރު ފަހުން ނޫނީ އާއްމު ނުކުރަން ނިންމައިފަ އެވެ. ކުރިން އާއްމު ނުކުރާ 3،000 އަށް ވުރެ ގިނަ ލިޔުން އާކައިވްސްގައި ހިމެނެ އެވެ. ނަމަވެސް މި ލިޔުންތައް އާއްމު ކުރުމުގެ ހުއްދަ ޓްރަމްޕް ދެއްވާނީ ލިޔުންތަކަށް ބައެއް ބަދަލު ގެނެސްފައި ކަމެއް އަދި ނޭނގެ އެވެ.

ވޮޝިންޓަން ޕޯސްޓުން ބުނީ ކެނެޑީ އަވާހަރަކޮށްލި ހާދިސާއާ ގުޅޭ ލިޔުންތަކުގެ ފަހުގެ ބައިގައި ވެސް ހައިރާންވާވަރުގެ މައުލޫމާތެއް ހުންނާނެ ކަމަށް ތަޖްރިބާކާރުން ލަފާ ނުކުރާ ކަމަށެވެ.

ކެނެޑީ އަވަހާރަކޮށްލި ދުވަހު ވަނީ ބަޑިޖެހި ސްނައިޕަރު ލީ ހާވޭ އޮސްވާލްޑް ހައްޔަރުކޮށްފަ އެވެ. އެކަމަކު ފުލުހުންގެ ބަންދުގައި ހުއްޓާ ދެ ދުވަސް ފަހުން އޭނާ ވަނީ ނައިޓްކްލަބް ހިންގާ މީހެއް ކަމަށްވާ ޖެކް ރޫބީ ބަޑި ޖަހާ އޭނާ މަރާލައިފަ އެވެ. އެހެންވެ ކެނެޑީ އަވަހާރަކޮށްލި ހާދިސާ މިއަދާ ހަމައަށް ވެސް އޮތީ އެމެރިކާގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ގޮތް ނޭނގޭ ސިއްރުގެ ގޮތުގަ އެވެ.