ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާ ކަމަށާއި މި މައްސަލައަށް ދައިމީ ހައްލެއް އޮތީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ގޮތުގައި ގާއިމުކޮށްގެން ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ އަރިހު މިއަދު ދަންނަވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ ލޫ އާ އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބޭފުޅުން ވަނީ ރާއްޖެއާއި އެމެރިކާއިން އިސްކަންދޭ މުހިންމު ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
ކުރިއަށް އޮތީ ރަމަޟާން މަހަށްވާތީ، ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި ކަމަށް ބަޔާނުގައި ބުންޏެވެ.
އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދެން އޮތީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ދެ ދައުލަތެއް ގާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރައީސް އޮފީހުން ބުނި ގޮތުގައި، ލޫ ވަނީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުޙަބާ ވިދާޅުވެ، ވެރިކަން ބަދަލުވުމުގެ މަރުހަލާ ސުލްހަވެރިކަމާއެކު ގެންގޮސްދެއްވުމާއި، ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވި ގޮތްތަކަށް ތަޢުރީފުކުރައްވައި، އެއީ މުޅި ދެކުނު އޭޝިއާއާއި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް މިސާލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.