މާލޭގެ ޕްރީސްކޫލެއްގައި ކުޑަ އަންހެންކުއްޖަކަށް ގިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، މި މައްސަލައިގައި ތުހުމަތުވާ މީހާ ސަސްޕެންޑުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ތުހުމަތުކުރެވެނީ ސްކޫލްގެ އަންހެން މުވައްޒަފަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅިކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބުމާ އެކު އެކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

މިކަމުގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި މައްސަލަ ބަލައި ނިމެންދެން، މި މައްސަލަ ރައްދުވާ މީހާ ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މައްސަލަ ތަހުގީގުކުރަން ތަހުގީގީ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބުމާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ ކުޑަކުއްޖެއްގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށް ވާތީ އިތުރު ތަފުސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށް ވާއިރު، އެ ކުއްޖާ އަށް އަނިޔާ ލިބުނީ ކާކުގެ ފަރާތުން ކަމެއް ކަށަވަރެއް ނުވެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން އެ ކުއްޖާ އަށް ލިބުނު އަނިޔާތަކަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.