އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ބޯންމައުތު އަތުން 2-1 އިން ބަލިވުމަކީ މޫނުމަތީގައި ވިހެލުން ކަމަށާއި، އާ ހިތްވަރަކާ އެކު ތެދުވަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ތާވަލުގެ އެއް ވަނައިގައި 70 ޕޮއިންޓާ އެކު ނުވަ ޕޮއިންޓުގެ ލީޑެއްގައި އާސެނަލް އޮތް ނަމަވެސް މި މެޗުން ބަލިވުމުން ލީގު ހޯދުމުގެ ރޭހުގައި މިވަނީ ފަހަތަށް ފިޔަވަޅެއް އަޅައިފަ އެވެ. ދެ ވަނައިގައި 61 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ އަށް އިތުރަށް ދެ މެޗު އޮތުމުންނާއި، އާސެނަލްއާ ދެކޮޅަށް ކުޅެން އޮތުމުން، އެ ޓީމަށް މިވަނީ އަލުން ލީގަށް ވާދަކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ.
އަންނަ ހަފުތާގެ އާދީއްތަ ދުވަހު ސިޓީގެ ދަނޑުގައި މި ދެ ޓީމު ކުޅޭ މެޗަކީ ބެލެވޭ ގޮތުގައި ތަށި ހޯދާނެ ބަޔެއް ގާތްގަނޑަކަށް ޔަގީންވާނެ މެޗެވެ.
"މިއީ މޫނުމަތީގައި ވަރަށް ބާރަށް ވިހެލުން ފަދަ ބައްޔެއް. އެއީ އަހަރެން ކުޅުންތެރިން ގާތު ބުނި ވާހަކައަކީ،" އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ އާސެނަލުން ލީގު ނުހޯދާ އެތައް އަހަރެއް ފާއިތުވެ، އެކަމުގެ ޕްރެޝަރު އޮތުމަކީ ކުޅުންތެރިންނަށް އޮތް ނަފުސާނީ އުނދަގުލެއް ކަމަށެވެ. އެހެންވެ އެ ޕްރެޝަރާ ކުރިމަތިލާން ކުޅުންތެރިން ތައްޔާރުކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިވަގުތު އެންމެ ބޭނުންވަނީ އަނިޔާގައި ތިބި މުހިއްމު ކުޅުންތެރިން ފިޓުވެގެން އަވަހަށް އެނބުރި އަންނަން ކަމަށެވެ. އިއްޔެގެ މެޗުގައި ނުކުޅެވުނު ކުޅުންތެރިންގެ ތެރޭގައި ބުކާޔޯ ސަކާ، މާޓިން އޮޑެގާޑް، ޖުރިއެން ޓިމްބާ އަދި، ރިކާޑޯ ކަލަފިއޯރީ ހިމެނެ އެވެ.
އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ބޯންމައުތުގެ އެލީ ޖޫނިއާ ކްރޫޕީ އެ ޓީމަށް ކުރި ހޯދައިދިނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެނަލްޓީއަކުން އާސެނަލްގެ ވިކްޓާ ޔޯކެރެސް އެއްވަރުކުރި އެވެ. ބޯންމައުތު މޮޅުވީ 74 ވަނަ މިނެޓުގައި އެލެކްސް ސްކޮޓް ޖެހި ގޯލުންނެވެ.