ބޯންމައުތު (ޑިސެމްބަރު 4) – ބޯންމައުތުން ތިން ލަނޑު ޖަހާފައިވަނިކޮށް ފަހު 30 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލާ އެކު އާސެނަލުން ރޭ އެ ޓީމާ 3-3 އިން އެއްވަރުކޮށްފި އެވެ.
މި މެޗުން މޮޅުވި ނަމަ އާސެނަލަށް ތާވަލުގެ ތިން ވަނަ އަށް އެރުނީހެވެ. މިހާރު 42 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ހޯމަ ދުވަހުގެރޭ ބާންލީ އަތުން 2-1 އިން މޮޅުވި މެންޗެސްޓާ ސިޓީ އެވެ. އާސެނަލް 41 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު މިރޭ ޗެލްސީ އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެއްޖެ ނަމަ އެ ޓީމު ހަތަރު ވަނަ އަށް އަރައި އާސެނަލް ފަސް ވަނަ އަށް ވެއްޓޭނެ އެވެ. އެއް ވަނައިގައި 49 ޕޮއިންޓާ އެކު އޮތް ޗެލްސީ މިރޭ މޮޅުވެއްޖެ ނަމަ އެ ޓީމާ އާސެނަލްގެ ފަރަގު 11 ޕޮއިންޓަށް ބޮޑުވާނެ އެވެ.
ބޯންމައުތުގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ޗާލީ ޑެނިއަލްސްގެ ލަނޑުން އެ ޓީމު ވަނީ ލީޑު ނަގައިފަ އެވެ. ޕެނަލްޓީއަކުން 20 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖެހީ ކޯލަމް ވިލްސަން އެވެ. ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ބޯންމައުތުގެ ތިން ވަނަ ލަނޑު ރިޔާން ފްރެސާ ޖެހުމާ އެކު އާސެނަލަށް މެޗު އަތުނުވާނެ ކަމަށް ގިނަ ބަޔަކު ނިންމި އެވެ.
މަންޒަރު ބަދަލުވެގެން ދިޔައީ އާސެނަލުން 70 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭޒް އަދި 75 ވަނަ މިނެޓުގައި ލޫކަސް ޕެރޭޒް ފުލުފުލުގައި ޖެހި ލަނޑުތަކާ އެކު އެވެ. އަދި 82 ވަނަ މިނެޓުގައި ބޯންމައުތުގެ ސިމޮން ފްރެންސިސް އަށް ދެއްކި ރަތްކާޑާ އެކު އާސެނަލަށް އެޑްވާންޓޭޖް ބޮޑުވި އެވެ. އާސެނަލް ސަލާމަތްކޮށްދިނީ އިތުުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގައި، އޮލިވަ ޖިރޯ އެވެ. އާސެނަލްގެ ފުރަތަމަ ދެ ލަނޑު ޖަހަން މަގުފަހިކޮށްދިން ޖިރޯ މި ގޯލް ބޮލުން ޖެހީ ގްރަނިޗް ޒަކާ ނަގައިދިން ހުރަހަކުންނެވެ.
މި ހަފުތާގައި ކްރިސްޓަލް ޕެލަސް ކޮޅަށް "ސްކޯޕިއަން ސްޓައިލް" ގޯލެއް ޖެހި ޖިރޯ ރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރީ ވެސް އެ ގޯލް ޖެހިއިރު ގެނައި ހަރަކާތް ގެނެސްގެންނެވެ. އެކަމަކު އިތުރު ވަގުތު އޮވެ އާސެނަލަށް މޮޅުވާނެ ފުރުސަތު އޮތުމުން ގިނަ ކުޅުންތެރިން އުފާފާޅުކުރަން ނުގޮސް ތިބީ މެޗު އަލުން އަވަހަށް ފެށުމަށް ދަނޑަށް އަރަ އެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މެޗުގެ ކުރީކޮޅު ބޯންމައުތުގެ ވަރުގަދަ ކުޅުމާ އެކު އާސެނަލް ފަހަތަށް ޖެހުނު ކަމަށާއި އެކަމަކު ފަހު ވަގުތު އެއްވަރުކުރެވުނީ ކުޅުންތެރިން ނަފްސާނީ ގޮތުން ވަރުގަދަވުމުން ކަމަށެވެ. ވެންގާ ބުނީ ބޯންމައުތު މެޗަށް ނުކުތީ ތިން ދުވަހު އަރާމުކުރުމަށް ފަހު ކަމަށާއި އާސެނަލަށް އެ ފުރުސަތު ނުލިބުމުން އޭގެ އަސަރުކުރި ކަމަށެވެ.