އައިޖީއެމްއެޗުގައި ބަނޑަށް ފަސް މަހުގައި ވިހޭ ތުއްތު ކުއްޖަކު މަރުވާންދެން ހޮސްޕިޓަލުން ބޭއްވި ކަމަށް އާއިލާއިން ކުރާ ތުހުމަތުތަކާ ގުޅިގެން، އެތަނުގެ ނަރުހުންނާއި ޑޮކްޓަރުންނަށް ބިރު ދައްކަމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އިއްޔެ އެ ހޮސްޕިޓަލުގައި އުފަންވި ކުއްޖެއްގެ ފުރާނަ ހުރި ނަމަވެސް، ފުރާނަ ސަލާމަތް ކުރެވޭ ވަރަށް ވުރެ އެ ކުއްޖާގެ ހާލަތު ނާޒުކުވުމުން އައިޖީއެމްއެޗުން ވަނީ، ތުއްތު ކުއްޖާ މަރުވަންދެން ބާއްވައިފަ އެވެ.
އާއިލާގެ ކަންބޮޑުވުމަކީ ވިންދު ހުރި، އަދި ނޭވާލަމުން ދިޔަ ތުއްތު ކުއްޖާ، މަރުވަންދެން، ޓްރޭއެއްގެ މަތީގައި ބާއްވާފައި އޮތުމެވެ. އަދި ފުރާނަ ސަލާމަތް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރުމެވެ.
އައިޖީއެމްއެޗުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވަކި މުއްދަތެއްގެ ކުރިން ކުއްޖާ އުފަންވެ އަދި ވަކި ބަރުދަނެއް ނުހުންނަ ނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ހޮސްޕިޓަލްތަކުން މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ.
އައިޖީއެމްއެޗުން ބުނީ އިއްޔެގެ ހާދިސާއަށް ފަހު، އެ ހޮސްޕިޓަލުގެ ސިއްހީ މުވައްޒަފުންނަށް އެކި ގޮތްގޮތުން ބިރު ދައްކަމުންދާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލަށް ވަދެ، ނަރުހުންނާއި ޑޮކްޓަރުންނަށް ބިރު ދައްކައި، މުވައްޒަފުންގެ ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި އާއްމު ކުރަމުން ދާ ކަމަށް ބުންޏެވެ.
މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެކަން ނުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އައިޖީއެމްއެޗުގައި، ބަނޑަށް ފަސް މަހުގައި އުފަންވި ތުއްތު ކުއްޖަކު މަރުވާންދެން ބާއްވާފައި އޮތް ކަމަށް އާއިލާއިން ކުރި ތުހުމަތުތަަކަށް ފަހު އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައް ފުރިހަމަ ނުވާ އުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާ އުމުރުގައި ވިހާ ކުދިންގެ ބަރުދަނާއި އެހެން ކަންކަމަށް ބެލުމަށް ފަހު، އެ އުމުރުގެ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަކީ ހޮސްޕިޓަލްތަކުން ކުރާ ކަމެއް ނޫން ކަމަށެވެ.