ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) 1.1 މިލިއަން ރުފިޔާގެ އެހީ މިއަދު ހަވާލުކޮށްފި އެވެ.
އެ ރަށު ކައުންސިލުން ހިންގާ ޕްރީ ސްކޫލަށް، އުއްޗު ދެއްވާ މި އެހީ ހަވާލުކޮށްދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ. އެ އެހީއާ ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށާއި ހޯރަފުށީ އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޑިސެމްބަރު 10، 2021 ގައި އުއްޗު ހޯރަފުއްޓަށް ވަޑައިގަތުމުން އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ތަރައްގީއަށް އެހީތެރިކަން ބޭނުންވެގެން ރަށުގެ އާއްމުން އެކަން ހުށަހެޅި އެވެ. އެއާއެކު، އެ ތަން ތަރައްގީކުރަން މީގެ ކުރިން ވަނީ ފައިސާގެ އެހީ ހޯރަފުށީ ކައުންސިލަށް ހަވާލުކޮށްފަ އެވެ.
އުއްޗުގެ ފަރާތްޕުޅުން އެ ތަނަށް ދޭ އެހީގެ ޖުމްލައަކީ 1،171،558ރ. އެވެ. އޭގެ ތެރެއިން ބައެއް މާލީ އެހީގެ ގޮތުގައި އަދި އަނެއް ބައި ދީފައިވަނީ ތަކެތީގެ ގޮތުގަ އެވެ. އެ ތަކެތީގެ ތެރޭގައި ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނާއި ކުދިން ކުޅޭނެ ޕްލޭ ގްރައުންޑަށް ބޭނުންވާނެ ތަކެތި ހިމެނެ އެވެ.
"ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް"ގެ ނަން ދީފައިވާ އެ ސްކޫލުގައި އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފަށާނެ އެވެ. ކޮންމެ ކްލާހެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހުރެ އެވެ.
ކައުންސިލުން ކުރިން ބުނީ އެ އިމާރާތުގެ ބިންގާ އަޅާފައި ހުރީ މައްޗަށް އިތުރު ކްލާސްރޫމުތައް ހެދޭ ގޮތަށް ކަމަށާއި ފަހުން ޕްރައިމަރީ ގްރޭޑްތަކާއި ސެކަންޑްރީ ގްރޭޑްތައް އިތުރުކުރާނެ ކަމަށެވެ.