ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި، އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ. އެކަން އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ހަފުތާގައި ހުށަހެޅުމުން، ޓިކެޓް ދިނީ އަސާސީ ގަވާއިދާ އެއްގޮތަށް ތޯ ކޮމިޝަނުން ވަނީ ބަލައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖެއްސި ގޮތް، އެ ޕާޓީގެ އަސާސީ ގަވާއިދުގެ މާއްދާތަކާ އެކު ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. އެ ލިޔުންތައް ބެލިއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ހަމަޖެއްސީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމުން އަމަލުކުރީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އިލެކްޝަންސުން ބުނިއިރު، ރައީސް ޔާމީނަށް ޓިކެޓް ދިނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ތުހުމަތުކޮށް، ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ)އާ އެއްގޮތަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ހޮވިވަޑައިގެން، ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށެވެ. ނަމަވެސް، ޕާޓީގެ މުސްތަޝާރާ ވާދަކޮށް، ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަ، އެ މެމްބަރަކު ނުވަތަ މެމްބަރުންނަށް ޕްރައިމަރީ އަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ، އެ ރިޔާސީ އިންތިހާބުގެ ތާރީޚާ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ގައުމީ ޖަލްސާއެއްގައި މަންދޫބުންގެ ވޯޓަކުން ނިންމަން ވާނެ ކަމަށް ގަވާއިދުގައި ވެ އެވެ. އަދި އެ ގޮތަށް އެ މެމްބަރުންނަށް ފެންނަ ނަމަ ޕްރައިމަރީއެއް ބާއްވަން ޖެހޭނެ އެވެ. ރައީސް ޔާމީނަށް ޓިކެޓް ދޭން ކައުންސިލުން ނިންމީ، ޝައުގުވެރިވާ އެހެން ބޭފުޅަކު ހުރިތޯ ބަލަން ހުޅުވާ ނުލަ އެވެ. ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާ ނުލައި ޓިކެޓް ދިނުމަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފުވުން ކަަމަށް އެ ޕާޓީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ޕާޓީގެ އިސް މަގާމްތައް ފުރުއްވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.