ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމީޓީ (241 ކޮމެޓީ)ން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް މިރޭ ވިދާޅުވީ މުހިއްމު ދެ ކޮމެޓީއަކުން އޭނާ ވަކިކޮށްދެއްވަން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ ކިބައިން އެދިވަޑައިގަތީ އެހެން މެމްބަރުންނަށް ކޮމެޓީތަކުން ފުރުސަތު ދިނުމަށް ކަމަށެވެ. އެ ދެ ކޮމެޓީން އިސްތިއުފާ ދެއްވި ނަމަވެސް އަދިވެސް އެހެން ދެ ކޮމެޓީއެއް އޭނާ ތަމްސީލްކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގައި ވެސް އަޅުގަނޑު އުޅެން. އަޅުގަނޑަށް ފެންނަ ގޮތުގައި ޝައުގުވެރިވާ އެހެން މެމްބަރުންނަށް ފުރުސަތު ދޭން ޖެހޭ ކޮމެޓީތަކުން. އެހެންވެ މި ވަގުތު އަޅުގަނޑު ދެ ކޮމެޓީއަކުން މި ވަކިވީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕުގެ ލީޑަރު ނިހާންގެ ވިސްނުން ހުރީ ވެސް ކޮމެޓީތަކަށް ބަދަލު ގެނައުމަށް ކަމަށެވެ. އެ ގޮތުން، އެކި ކޮމެޓީތަކަކަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ދެ ކޮމެޓީއަކުން ރިޔާޒް އިސްތިއުފާ ދެއްވާފައި މި ވަނީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު މައްސަލަތަކާ ހެދި ޕީޕީއެމް ދެ ފަޅިވެ ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަން ފަށާފައި ވަނިކޮށެވެ. މި ހަމަނުޖެހުމުގައި، މަޖިލީހުގެ މެމްބަރުން ވެސް ވަނީ ދެ ފަޅި އަށް ބެހިފަ އެވެ.
ސަރުކާރުގެ ބައެއް ނިންމުންތަކާ މެދު މެމްބަރުން ހިޔާލުތަފާތުވެވަޑައިގެން ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވުން ވެސް އާއްމުވެފައި ވާއިރު، ކޮމަންވެލްތުން ރާއްޖެ ވަކިވާން މިއަދު ނެގި ވޯޓުގެ ވިޕްލައިނާ ސަރުކާރު ކޯލިޝަންގެ އާ މެމްބަރުންތަކެއް ވަނީ ހިލާފުވެވަޑައިގެންފަ އެވެ. އެއީ މައުމޫނަށް ތާއީދުކުރައްވާ ވެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޔާމީން ރަޝީދާއި ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއުގެ އިތުރުން، ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ އެވެ.