ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް މާލެ އާއި އެކި ރަށްރަށުގައި 227 ވޯޓުފޮށި ބަހައްޓަން ނިންމައިފި އެވެ.
އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ މާދަމާ އެވެ.
ޕީޕީއެމުން މިއަދު ބުނީ މާދަމާ 73 ދާއިރާއެއްގެ ވޯޓުލުން އޮންނާނެ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.
މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން ބުނީ މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެނދި ސްކޫލްގައި ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތި ދާއިރާތަކުން 13 ބޭފުޅަކަށް މިހާރު ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.
އަންނަ މާޗު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް މި ހަފުތާގައި ގެއްލުވައިލުމުން ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އެހެންވެ، ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވަނީ ޕްރައިމަރީއަށް ކުރިމަތިލާ އެންމެންނަށް ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމަވައިފަ އެވެ.