ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ޕާޓީން ވަކިވެވަޑައިގަތަސް ޕީޕީއެމްގެ ރޫހަކަށް ބަދަލެއް ނާންނަ ކަމަށާއި ހަރަކާތްތަކާ އެކު އިތުރަށް ވަރުގަދަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ދޫކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަލާހް އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މިއީ، ޕީޕީއެމް އަދި އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ފަހުން އުފެއްދި ޕީއެންސީގެ އިސް ސަފުގައި ވެސް އުޅުއްވި ބޭފުޅުންނެވެ.
އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވެސް ރޭ ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.
ރައީސް ޔާމީނާ އެކު ސިޔާސީ ކުރިމަގު ނެތް ކަމަށް ގަބޫލުކުރަނީ ސިޔާސީ ބޭފުޅުންނެއް ނޫން. --ޝިޔާމް
ޝިޔާމް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމުން ކުރާ މަސައްކަތުގެ ސްޕީޑު މި ދުވަސްކޮޅު ލަސް ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި އެ ނޫން ކަންކަމުގައި ޕާޓީގެ އިސް ބައެއް ބޭފުޅުން އުޅުއްވާތީ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބަށް ވެސް އެ ޕާޓީ ތައްޔާރުވަމުން އަންނަ ކަމަށާއި ލަސްތަކެއް ނުވެ ދަތުރުތައް ވެސް ފަށާނެ ކަމަށް ވިދާޅުވި އެވެ. ޕީޕީއެމްގެ އަމާޒަކީ ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރުމެވެ.
ޕީޕިއެމްގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް އެ ޕާޓީން މި ވަކިވީ އެ ޕާޓީގައި ސިޔާސީ ކުރިމަގެއް ނެތް މަންޒަރު ދައްކަވައި، އެ ޕްލެޓްފޯމަކީ މިހާރު ޖޭޕީ ކަމަށް ވިދާޅުވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ އެކު ސިޔާސީ ކުރިމަގެއް ނެތް ކަމަށް ގަބޫލުކުރާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނެއް ނޫނެވެ.
"ރާއްޖޭގައި މިއޮތީ ދެ ފިކުރެއް، ގަބޫލުކުރިއަސް ނުކުރިއަސް. އެއީ އެމްޑީޕީގެ ފިކުރަކާއި އެމްޑީޕީއާ އިދިކޮޅު ފިކުރެއް. އެ އިދިކޮޅު ފިކުރަކީ އަސްލު ރައީސް ޔާމީންގެ ފިކުރު،" ޝިޔާމް ވިދާޅުވި އެވެ.
"މެމްބަރުންނަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންކޮޅެއް ވަކިވެވަޑައިގަތެއް ކަމަކު މަސައްކަތްތަކަށް، ޕާޓީގެ ރޫހަކަށް ބަދަލެއް ނާންނާނެ."
ޕީޕީއެމަކީ އުފެއްދިތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަން ކުރަން ފެށި ހަމައެކަނި ޕާޓީ އެވެ. ކާމިޔާބީގެ އެ ރެކޯޑު ފަނޑުވަމުން އައިސް 2018 ނިމުނު އިރު އެ ޕާޓީ އޮތީ ވިއްސިވިހާލިވެ ކުރިމަގު ގެއްލިފަ އެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑުތަނުން ނާކާމިޔާބުވީ އެވެ.
މިއީ ޕާޓީގެ ލީޑަޝިޕަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ކަމަށް އުފުލި އަޑުތަކާ އެކު ތިން ނައިބު ރައީސުން އައްޔަންކޮށް ޕާޓީގެ ލީޑަޝިޕަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެކަމަކު އެ ބަދަލުތަކާ އެއްގޮތަށް ޕާޓީ ހަރުދަނާވާ މަންޒަރެއް އަދި ނުފެނުމުގެ ކަންބޮޑުވުން އާއްމު މެމްބަރުންގެ އެބަހުއްޓެވެ.