ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ ގުޅިގެން އަލުވި އެކްސްޕޯޓްކުރުން ހުއްޓި، ބެލްޖިއަމްގައި އެތައް ޓަނެއްގެ އަލުވި ގުދަންކުރަން ޖެހިފައިވާތީ އެ ގައުމުގެ ރައްޔިތުން ވީހާ ވެސް ގިނައިން ޕޮޓޭޓޯ ޗިޕްސް ކެއުމަށް، އަލުވި ހައްދާ މީހުންގެ ޔުނިއަން ބެލްޖަޕޮމް އިން ގޮވާލައިފި އެވެ.
އެ ޔުނިއަން އިން ބުނިގޮތުގައި މިހާރު ވެސް ބެލްޖިއަމްގެ ގުދަންތަކުގައި 750،000 ޓަނުގެ އަލުވި ރައްކާކޮށްފައި އެބަހުއްޓެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ސްޓޮކް މި ގޮތަށް ހުންނަން ވެއްޖެ ނަމަ ހަލާކުވެ، އެތައް ޔޫރޯއެއްގެ ގެއްލުން ވާނެ ކަމަށް ބުންޏެވެ. ޔޫރަޕްގެ ގައުމެއް ކަމަށްވާ ބެލްޖިއަމަކީ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމަކަށް އަހަރެއްގެ ތެރޭގައި 1.5 މިލިއަން ޓަނުގެ އަލުވި ބޭރުކުރާ ގައުމެކެވެ.
އަލުވި ހައްދާ ޔުނިއަނުން ބުނި ގޮތުގައި ކޮރޯނާވައިރަހުގެ މި ހާލަތު ދިމާ ނުވި ނަމަ އަލުވީގެ ސްޓޮކް ގައުމުގައި ތާށިވެ، ހަލާކުވުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެތަނުން ބުނިގޮތުގައި އެތަައް ހާސް ޓަނެއްގެ އަލުވި ހަލާކުވެގެން ދިއުމަކީ ދަނޑުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. އަދި މިއީ އަލުވި ހައްދަން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑ މަޑުޖެހުމެއް އަންނާނެ ކަމެއް ކަމަށް ބުންޏެވެ.
މިކަމާ ގުޅިގެން ބެލްޖަޕޮމް ޔުނިއަނުން ވާހަކަ ދެއްކި ރޮމައިން ކޫލްސް ބުނީ މިކަމަށް ދެން އޮތް ހައްލަކީ ބެލްޖިއަމްގެ ރައްޔިތުން ވީހާ ވެސް ގިނައިން އަލުވި ބޭނުންކުރުން ކަމަށެވެ. ޕޮޓޭޓޯ ޗިޕްސް އަކީ އެ ގައުމުގައި ވަރަށް މަގުބޫލު އެއްޗެކެވެ.
"މިހާރު ޕޮޓޭޓޯ ޗިޕްސް ކާންވީ ހަފުތާ އަކު އެއް ދުވަހަކު ނުން. ދެ ދުވަހު ވެސް ކާންވީ. އަދި އެއަށް ވުރެ ގިނަ ދުވަހު ވެސް ކާންވީ." ކޫލްސް ބުންޏެވެ. "އެހެން ނޫނީ އެ ސްޓޮކް އެއްކޮށް ހަލާކުވެ، އުކައިލަން ޖެހިދާނެ."
އަލުވީގެ ސްޓޮކް ސަޕްލައިނުކުރެވި ބެލްޖިއަމްގެ އަލުވި ހައްދާ މީހުންގެ ޔުނިއަން އަށް ބޮޑު ބޮލުމުގެ ރިހުމަކާ ކުތިމަތިވެފައިވާ އިރު، މިހާރު އޮތް އެއް ހިތްހަމަޖެހުމަކީ އެ ގައުމުގެ އުތުރުގައި ޑަޗް ބަހުން ވާހަކަ ދައްކާ ފްލާންޑާޒް އަށް ހަފުތާއަކު 25 ޓަނުގެ އަލުވި ސަޕްލައިކުރުމުގެ ފުރުސަތު ލިބުމެވެ.
"މި ވެސް ހަމަ ނަސީބެއް. އެހެން ނޫން ނަމަ އެތައް ޓަނެއްގެ އަލުވި ބޭކާރުވާނެ." ކޫލްސް ބުންޏެވެ.
ޔުނިއަނުން ބުނިގޮތުގައި އަލުވި ހައްދާ ދަނޑުވެރިންނަށް މިފަދަ ނާޒުކު ހާލަތެއްގައި އޮތް ހިތްހަމަޖެހުމަކަށް ވާނީ ސަރުކާރުން އެ މީހުންނަށް ކޮންމެވެސް ރަނގަޅު ގޮތެއް ހަދައިދިނުމެވެ. އެގޮތުން ނެދަލެންޑްސްގެ ދަނޑުވެރިން ހައްދާ އަލުވީގެ ކޮންމެ ޓަނަކަށް ސަރުކާރުން 50 ޔޫރޯގެ އަގެއް ދޭ ގޮތަށް، ބެލްޖިއަމް ސަރުކާރުން ވެސް އެފަދަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުން ވަރަށް މުހިއްމު ކަމަށް ބެލްޖިޕޮމުން ބުންޏެވެ.