މަރާލާފައި އޮއްވައި ހުޅުމާލޭގެ ދެވަނަ ފޭސް އިން ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ނުފޮނުވި ލަސްވަނީ އެކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ވަގުތު ބޭނުންވާތީ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ކުއްޖާގެ ހަށިގަނޑު ފޮނުވުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ކުއްޖާގެ ހަށިގަނޑު ފޮނުވޭނެ ސީދާ ދުވަހެއް އަދިވެސް ނޭނގެ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑު ފޮނުވުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ލަސްވެފައި ވަނީ އެކަމަކީ ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށް ވެފައި ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވަގުތު ނަގާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ކޮވިޑް-19 އާ ހެދި ވެސް އުނދަގޫތަކެއް އެބަހުރި ކަމަށް ފުލުހުން ބުނެ އެވެ.
"އެހެންނަމަވެސް ވީހާ ވެސް އަވަހަށް ޕޯސްޓްމޯޓަމް ހެދުމަށް މި ދަނީ މަސައްކަތްކުރަމުން،" ފުލުހުން ބުންޏެވެ.
ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ އެ ކުއްޖާގެ އާއިލާގެ ވެސް ރުހުމާ އެކު އެވެ. އެކަމަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.
ފޮއްޓަކަށް ލައި، މޫދަށް އެއްލާލާފައި އޮއްވައި، ފުލުހުން އެ ކުއްޖާގެ ހަށިގަނޑު ހޯދީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު އެވެ. އެ ކުއްޖާ ފެނުނީ، އޭނާ ރަހީނުކުރި ކަމުގެ ރިޕޯޓް އާއިލާ އިން ކުރުމުން ފުލުހުން އެ މައްސަލަ ބެލުމުގެ ތެރެއިންނެވެ. ކުއްޖާ މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އިބްރާހިމް ޒިހާން، 27 އާއި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވާއިރު ޒިހާން ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އަދި 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހުގެ ބަންދެއްގަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރައިލީ އޭނާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައުލޫމާތު، އެހެން ބައެއްގެ ގާތުގައި ދެއްކުމުން، އެކަމާ ރުޅި އައިސްގެން ކުއްޖާ ރަހީނުކޮށްގެން އުޅުމަށް ފަހު އެވެ.
އެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކަނޑައެޅިފައި އޮންނަ މުއްދަތު ތެރޭގައި އެކަށީގެންވާ ހެކި ހޯދައި، ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާކުރަން ފޮނުވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.