އުމުރުން 15 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅު މަރުވެފައި އޮތުމުން، ހަގީގަތް ދެނެގަތުމަށް ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ތައްޔާރު ވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި ކުޑަކުއްޖާ ޕޯސްމޯޓަމް ހެދުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އުމުރުން 14 އަހަރުގައި ބަލިވެ އިން ކުއްޖާ މިދިޔަ ހަފުތާގައި ވިއްސީ ގޭގެ ފާޚާނާތެރޭގަ އެވެ. އެކަން ކުރީ ރައްޓެހިވެގެން އުޅުނު ކުއްޖާ އާއި އާއިލާ މީހެއްގެ ބައިވެރިވުމާ އެކު ކަމަށް ތުހުމަތު ކުރެ އެވެ. ދުވަސް ފުރައި ވިހެއި ދަރިފުޅު ވަނީ މަރުވެފަ އެވެ. އެ ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކަމެއް ނުވަތަ ވިހާފައި މަރާލީ ކަމެއް ނޭނގެ އެވެ. ވިހެއުމަށް ފަހު ދަރިފުޅުގެ ފޫޅު ބުރިކޮށްލަން އުޅުމުގެ ތެރޭގައި އަންހެން ކުއްޖާގެ ހަށިގަނޑަށް ސީރިއަސް ގެއްލުންތަކެއް ލިބުމާ ގުޅިގެން އިމަޖެންސީގައި އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އޭނާ ވިއްސުމުގައި އާއިލާ މީހަކާއި ރައްޓެހިވެގެން އުޅޭ މީހާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަންހެން ކުއްޖާ ރައްޓެހިވެގެން އުޅުނު މީހާ ހައްޔަރުކޮށްފަ އެވެ.
އާއިލާ އެކު ދިރިއުޅެމުން އައި 15 އަހަރުގެ ކުއްޖާ ބަލިވެ އިން ކަމެއް ރަށުގެ މީހުންނަކަށް ނޭނގެ އެވެ. ގްރޭޑް ނުވައެއްގައި ކިޔަވާ އެ ކުއްޖާ ވަރަށް ފަހަކާ ޖެހެންދެން ވެސް ސްކޫލަށް ދިޔަ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.