ޕްރިންސް ހެރީ ފަރިއްކުޅުވަން އިން ޕޮޕްކޯން އެއްޗަކުން ކުޑަ އަންހެންކުއްޖަކު ސިއްރުން ޕޮޕްކޯން ނަގައިގެން ކާ މަންޒަރު ފެންނަ ވީޑިއޯއެއް އިންޓަނެޓްގައި ވަނީ ވައިރަލް ވެފަ އެވެ.

ޓޮރޮންޓޯގައި މިހާރު ކުރިޔަށްދާ އިންވިކްޓަސް ގޭމްސްގައި މިދިޔަ ބުދަ ދުވަހުގެ ރޭ އެމެރިކާ އާއި ޑެންމާކް ބައްދަލުކުރި ވޮލީބޯޅަ މެޗެއް ބައްލަވަން ޕްރިންސް ހެރީ އިންނަވަނިކޮށް ޕޮޕްކޯން ނަގައިގެން ކާން ފެށީ އެހެން މީހަކާ ވަރަށް އޮލަ ވާހަކައެއް ދައްކަވަން އިންނަވަނިކޮށެވެ. ހެރީގެ އަތްޕުޅުގައި ޕޮޕްކޯން ގޮއްޓެއް އޮތެވެ. މި ވީޑިއޯގައި ފެންނަނީ ހެރީއާ ޖެހިގެން ހުރި ގޮނޑީގައި އިން މީހެއްގެ އުނގުގައި އިން ދެ އަހަރުގެ ކުޑަ އެމިލީ ހެންސަން ހެރީ އަށް ނޭނގި ޕޮޕްކޯން ނަގަނިކޮށެވެ.

އެމިލީ އަކީ ޕްރިންސްގެ، ނުކުޅެދުންތެރިކަން ހުންނަ ރަހުމަތްތެރިއެއް ކަމަށްވާ ޑޭވިޑް ހެންސަންގެ ދަރިފުޅެކެވެ. އަދި ޑޭވިޑަކީ ފުރަތަމަ އިންވިކްޓަސް ގޭމްސްގެ ބައިވެރިއެކެވެ. މި އާއިލާއިން ގޭމްސް ބަލަން ގޮސް ތިބީ ހެރީއާ އެކުގައި ކަމަށް ވެސް ދަ ޓެލެގްރާފްގައި ބުނެފައިވެ އެވެ.

މި ކުޑަ ކުއްޖާގެ ޝައުގުވެރިކަން ހުރީ މެޗު ބަލަން ނޫން ކަމާއި ހެރީގެ ޕޮޕްކޯން ފޮއްޓަށް ކަން ޕްރިންސް އަށް އެނގިވަޑައިގަތްއިރު މަންމަގެ އުނގުގައި އިނދެގެން އެ ކުއްޖާ ޕޮޕްކޯން ކާތާ އިރުކޮޅެއް ވެއްޖެ އެވެ.

ހެރީ އަށް އެކަން އެނގިވަޑައިގެން ހިސާބުން އެ ތުއްތު ކުއްޖާއާ ސަމާސާ ކުރައްވައި، ޕޮޕްކޯން ކާން ދެއްވާތަން ވެސް މި ވީޑިއޯގައި ފެނެ އެވެ. އަދި މޫނަށް އެކި ވައްތަރު ޖައްސައިގެން އެ ކުއްޖާއާ ސަކަރާތް ޖައްސަވާ ތަން ވެސް ފެނެ އެވެ.

މި ވީޑިއޯ ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު އެމިލީގެ މަންމަ އަށް މަލާމަތްކޮށް ޓުވީޓްކޮށްފައިވެ އެވެ. ތުއްތު ކުއްޖަކު އެ ކަހަލަ ކަމެއް ކުރުމުން ހުއްޓުވަން މަސައްކަތް ނުކޮށް ހެވިފައި ބަލަހައްޓައިގެން އިނީމަ އެވެ. ނަމަވެސް އެމިލީގެ އާއިލާ އަކީ ޕްރިންސް ހެރީއާ ވަރަށް ގާތް ބައެއްކަން މީހުންނަށް އެނގުނީ ފަހުންނެވެ.

އިންވިކްޓަސް ގޭމްސް އަކީ ހެރީގެ އިސްނެންގެވުމުގެ މަތިން އުފައްދާ ކުރިޔަށް ގެންދަވާ ބައިނަލްއަގުވާމީ ކުޅިވަރު އިވެންޓެކެވެ. މިއީ އަފްޣާނިސްތާނުގައި ހެރީ ހޭދަކުރެއްވި ދެ އަހަރެއްހާދުވަހުގެ ތެރޭގައި އޭނާގެ އެކުވެރިންނަށްވީ މިލިޓަރީ މީހުންގެ ތެރެއިން އަނިޔާވެ ނުވަތަ ބަލި ހާލުގައި ތިބި މީހުންނަށް ޚާއްސަކޮށްގެން ބާއްވާ ސްޕޯޓްސް އިވެންޓެކެވެ.