ސިކުނޑީގެ އިންފެކްޝަނަކާ ހެދި ހާލު ސީރިއަސްވެގެން މިދިޔަ މަހުހެ ތެރޭގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭން ފެށި ބޮލީވުޑްގެ އެކްޓަރު ފަރާޒް ޚާން މިއަދު މަރުވެއްޖެ އެވެ.

އުމުރުން 46 އަހަރުގެ އެކްޓަރު މަރުވީ އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ކުރިން ވެސް ކަނޑާލާފައި ވަނިކޮށެވެ. ފަރާޒް މަރުވި ވާހަކަ އޭނާގެ އަލަތު ފިލްމު "ފަރޭބް" ގެނެސްދިން ޕޫޖާ ބަޓް ހާމަކުރަމުން ބުނެފައި ވަނީ ފަރާޒްގެ ވަކިވުން ފޫބުނެއްދޭނެ ކަމަށާއި އޭނާގެ ހަނދާންތައް އަބަދު ވެސް އެ މީހުންނާ އެކީގައި ވާނެ ކަމަށެވެ.

ފަރާޒް މަރުވީ އޭނާގެ ފުރާނަ ސަލާމަތްކުރަން އަގުބޮޑު އޮޕަރޭޝަނެއް ވެސް ކުރަން ޖެހި، އެ ވާހަކަ ސޯޝަލް މީޑިއާ އިން ފެނިގެން އެކްޓަރު ސަލްމާން ޚާން ފަރުވާގެ ހުރިހާ ހަރަދަކާ ހަވާލުވެފައި ވަނިކޮށެވެ. ބައެއް މީޑިއާތަކުން ބުނީ ފަރާޒް މަރުވީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް މޭގެ އިންފެކްޝަނެއް އުފެދި ހާލު އިތުރަށް ސީރިއަސްވެގެން ކަމަށެވެ.

"ފަރޭބް" އިން 1996 ގައި ބޮލީވުޑަށް ނުކުތް ފަރާޒް ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީ" އާއި "ދުލްހަން ބަނޫ މޭ ތޭރީ" އަދި "ޗާންދު ބުޖް ގަޔާ" ހިމެނެ އެވެ.