ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓްރީ ފުރަތަމަ އުފެއްދީއްސުރެ އެ މިނިސްޓްރީގެ ދަށުގައި އޮތުމަށް ފަހު، މި ސަރުކާރުން ޔޫތު މިނިސްޓްރީ އަށް މެންޑޭޓް ބަދަލުކުރި، މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތައް އަނެއްކާ ވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ އާ މެންޑޭޓުގެ ތެރޭގައި މީޑިއާތަކާއި ޖަމިއްޔާތައް ހިމެނީ މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގައި "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ" ގެ ނަމަށް ބަދަލުކޮށް، ރައީސް އޮފީހުން އާއްމުކުރި ތަފްސީލުގަ އެވެ.

ރައީސް އޮފީހުގެ ލިޔުމުގައިވާ ގޮތުން ރާއްޖޭގެ ޕްރިންޓް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ ތަރައްގީ ކުރަން ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެ ދާއިރާ ކުރިއަރުވަން މަގުފަހިކޮށްދިނުމަކީ ހޯމް މިނިސްޓްރީގެ ޒިންމާ އެކެވެ. 

އޭގެ އިތުރުން ރާއްޖޭގެ ލިޔުންތެރިން ދަފުތަރުކޮށް، އެ ދަފުތަރު ބެލެހެއްޓުމުގެ ޒިންމާ ވެސް މިހާރު ހަވާލު ކޮށްފައި ވަނީ ހޯމް މިނިސްޓްރީއާ އެވެ.

ޖަމިއްޔާ، ޖަމާއަތްތަކުގެ ބެލެނިވެރި މިނިސްޓްރީގެ ހައިސިއްޔަތުން ހޯމް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އެ ތަންތަނުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދިނުމާއި އެހީތެރިވެދިނުން ހިމެނެ އެވެ. ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް، ކުރިއަރުވަން މަސައްކަތް ކުރުމަކީ ވެސް ހޯމް މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. ޖަމިއްޔާ، ޖަމާއަތްތަކަށް އެ މިނިސްޓްރީން ކޮށްދޭންޖެހޭ އެހެން ގިނަ ހިދުމަތްތަކެއް ވެސް ރައީސް އޮފީހުން އާއްމުކުރި ލިސްޓްގައި ހިމެނެ އެވެ.

ޖަމިއްޔާ، ޖަމާއަތްތަކާ ގުޅޭ މަސްއޫލިއްޔަތުތައް

  1. ޖަމިއްޔާތަކުގެ ޤާނޫނުގެ ދަށުން އައްޔަނުކުރާ ރަޖިސްޓްރާގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމާއި މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
  2. . ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް، ކުރިއެރުވުމަށް މަސައްކަތްކުރުން.
  3.  ޖަމާއަތްތަކުގެ ހަރަކާތްތަކަށް ރައްޔިތުން ޝައުގުވެރިކުރުވުމާއި ޖަމާއަތްތަކުގެ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން.
  4. ޖަމިއްޔާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީ އާއި މާލީ އެހީ، ރާއްޖެ އާއި ރާއްޖެއިން ބޭރުން ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން ޖަމިއްޔާތަކަށް މަޝްވަރާ އާއި މައުލޫމާތުދީ، ޖަމިއްޔާތަކުން އެހީ ހޯދުމާ ބެހޭ ކަންކަން ވިލަރެސްކޮށް، އެ ފަދަ އެހީ ބޭނުން ކުރަމުންދާ ގޮތް ބެލުން.
  5. ސަރުކާރުގެ އިދާރާތާކާއި އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކުގެ ގިނަ މަސައްކަތްތަކަކީ ގައުމީ ތަރައްގީ އަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކަށް ވާތީ އެ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ދަމަހައްޓަން މަސައްކަތްކުރުން.
  6. ތަރައްގީގެ މަގުސަދުތައް ހާސިލުކުރަން ސަރުކާރުގެ އިދާރާތަކުން ހިންގާ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓަރުން ހިންގާ ހަރަކާތްތަކާއި ޖަމިއްޔާތަކުން ހިންގާ ހަރަކާތްތައް ގުޅިގެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުކޮށް، އެ ހަރަކާތްތައް ވިލަރެސްކުރުން.
  7.  ސަރުކާރުގެ އިދާރާތަކުން، ޖަމިއްޔާތަކުގެ އެއްބާރުލުމާ އެކު ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގައި، ސަރުކާރުގެ ކަމާ ބެހޭ އިދާރާ އާއި ޖަމިއްޔާއްޔާތަކާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުން.
  8. ސަރުކާރުގެ ވަކި ދާއިރާއަކާ ނުގުޅޭ ކަންތައްތަކުގައި، ސަރުކާރުން ޖަމިއްޔާތައް މެދުވެރިކޮށް ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތައް އެ ފަދަ ޖަމިއްޔާތަކާ ގުޅިގެން ހިންގުން.
  9. ޖަމިއްޔާތަކުގެ ގައުމީ ފޯރަމެއް ގާއިމުކުރުން.

މި ސަރުކާރު އުފެދުނުއިރު މިނިސްޓްރީތަކުގެ އަދަދަކީ 20 ކަމަށް ވިޔަސް މިދިޔަ އަންގާރަ ދުވަހު ވަނީ އެ އަދަދު 15 އަށް ދަށްކޮށްފަ އެވެ.

އަލަށް އުފެއްދި ހަމައެކަނި މިނިސްޓްރީއަކީ ރައީސް އޮފީހުން ބުނި ގޮތުގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އެވެ.

އުވާލާފައިވާ މިނިސްޓްރީތަކަކީ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އަދި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަލަށް އެކުލަވައިލި މިނިސްޓްރީތައް

  1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
  2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
  3. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
  4. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
  5. މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
  6. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
  7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
  8. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
  9. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
  10. މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
  11. މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
  12. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
  13. މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
  14. ބަންޑާރަ ނައިބުގެ އޮފީސް
  15. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ކެބިނެޓަށް ގެނައި ބަދަލުތަކުގެ ދަށުން ބައެއް މިނިސްޓްރީތައް ވަނީ އެއްކޮށްލައިފަ އެވެ.