ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައި މި އޮންނަނީ ކޮން ހަމަޔަކުން، ކޮން ގޮތަކަށް ބަލައިގެން ހެއްޔެވެ؟ ގާނޫނުގައި މި އަދަދު އެންމެ ފުރަަތަމަ އޮތީ 10،000 ކަމަށެވެ. މިހާރު އެ އޮތީ މީގެ ނުވަ އަހަރު ކުރިން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ހެދި އަދަދު ދަށްކޮށްލި ގޮތަށެވެ.
އެކަމަކު، މި އަދަދު ވެސް މާ މަތިކަމުން އެތައް ޕާޓީއެއް އުވިގެން ހިނގައްޖެ އެވެ. މޯލްޑިވްސް ރިފޯމް މޫމްވަންޓް (އެމްއާރްއެމް) އަށް މިހާރު އަނެއްކާ މި އޮތީ މި ދަތުރު ޖެހިފަ އެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދީ އެންމެ ފުރަތަމަ އެކަން ރެގިއުލޭޓްކުރީ ގަވައިދަކުންނެވެ. އެ ގަވައިދުގައި އޮތީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ 3،000 މެންބަރުން ހަމަވުމުން ކަމަށެވެ. އެކަމަކު 2013 ވަނަ އަހަރު ސިޔާސީ ޕާޓީގެ ގާނޫނެއް ހަދައި، ޕާޓީއެއްގައި 10،000 މެންބަރުން ތިބެން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އޭރު ކަނޑައެޅީ ގާނޫނަށް އަމަލުކުރަން ފަށާއިރު މި އަދަދު ހަމަވެފައިވާ ޕާޓީތައް ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. ދެން ހުރި ޕާޓީތަކަށް ލިބުނީ މެންބަރުން ހަމަކުރަން މުއްދަތެކެވެ.
މިކަމާ ހިތްހަމަނުޖެހި ކުދި ޕާޓީތަކުން ޝަކުވާކޮށް ސުޕްރީމް ކޯޓާ ހިސާބަށް ވެސް ދިޔަ އެވެ. އެކަމަކު ހުކުމެއް ކުރީ މި މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.
އެ މައްސަލައިގައި ސެޕްޓެމްބަރު 1، 2013 ގައި ކުރި ހުކުމަށް ފަހު 2015 ގައި މެންބަރުންގެ އެންމެ މަދު އަދަދަކީ 3،000 ކަމަށް ބަދަލުކުރި އެވެ.
ގާނޫނުއަސާސީގައި އޮތް ހައްގު ހަނިކުރުން
ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކުރާ ދެ ވަނަ ބާބުގެ ދަށުން 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ވަނީ ދީފަ އެވެ. އެ މާއްދާގެ ދަށުން ބުނަނީ "ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ" ލިބިގެންވާ ކަމަށެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން އަސާސީ އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީ އާ ތައާރުޒުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. ގާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރަޓިކް މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް އޮންނަނީ ބުނެފަ އެވެ.
އެހެންވެ ސުވާލަކީ ސިޔާސީ ޕާޓީ އުފެއްދުމަށް ގާނޫނުއަސާސީން ދީފައިވާ ހައްގު ސިޔާސީ ޕާޓީގެ ގާނޫނުން ހަނިކޮށްފައިވަނި މި ހަމައިންތޯ އެވެ.
މާޗް 5، 2013 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭގެ ހަފްތާއެއް ފަހުން މާޗް 12 ވަނަ ދުވަހު ތަސްދީގުކުރި ސިޔާސީ ޕާޓީގެ ގާނޫނާ އެކު މެންބަރުންގެ އަދަދުގެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ދިޔަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިކަމާ ގުޅިގެން ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދުނީ އޭރު އޮތް ގޮތުން، 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެތީ، އޭރު ހިންގަމުން އައި އެއްވެސް ޕާޓީއެއް އުވިގެން ނުދާނެ ކަމަށް ކަނޑައެޅުމަށެވެ.
3،000 އަކީ ނިސްބަތުން ބޮޑު އަދަދެއް
އެ މައްސަލާގައި ދައުލަތުން ވެސް ބުނީ ގާނޫނުއަސާސީން ދޭ ހައްގެއް ގާނޫނަކުން ހިފަހައްޓައި ހަނިކުރެވުނަސް އެކަން ކުރެވޭނީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ގަބޫލުކުރެވޭ މިންގަނޑަށް ކަމަށާއި "ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ މެންބަރުންގެ އެންމެ ކުޑަ އަދަދެއް ކަނޑައަޅާފައިވަނީ ވަރަށް މަދު ގައުމެއްގައި" ކަމަށެވެ.
އެ މައްސަލާގައި ކަންކަން ސާފުކޮށްދެމުން ބުނި ގޮތުގައި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ފަދަ އިންސްޓްރޫމަންޓްތަކުގައި ޕާޓީތަކާއި ޖަމިއްޔާތައް އުފައްދައި މިނިވަންކަމާ އެކު ހިންގުމުން ކަށަވަރުކޮށްދީފައިވެ އެވެ. އަދި މި ހައްގު އެންމެ ފުޅާ ގޮތެއްގައި ލިބިދީފައިވާ ދައުލަތްތަކުގައި ސިޔާސީ ޕާޓީތައް އުފައްދައި ރަޖިސްޓްރީކުރުމުގެ ލުއި ފަސޭހަ ގޮތްތައް ހަމަޖައްސާފައި ހުންނަކަން ފާހަގަކޮށްފައިވެ އެވެ.
"ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގައި ހިމާޔަތާއި ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ ފަރާތުން ނުފޫޒު ފޯރުވުން ވީހާ ވެސް ކުޑަކުރުމުގެ ގޮތުން ދަތި އުނދަގޫ އިޖުރާއަތު ނައްތާލުމަކީ ޑިނަ ޑިމޮކްރަޓިކް ދައުލަތްތަކުން ބާރުއަޅާ ގޮތް" ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ދައުރަށް ރިއާޔަތްކޮށް އެކަށީގެންވާ އުސޫލުތަކާއި މަނާކުރުމުގެ ފިޔަވަޅުތައް އަޅަންވާނީ ވީހާ ވެސް ހަނި ދާއިރާއަކުން ކަމަށެވެ.
"އެފަދަ މަނާކުރުންތަކާއި ފިޔަވަޅުތަކަކީ ޑިމޮކްރަޓިކް މުޖުތަމައެއްގެ އާބާދީއާ އަޅާބަލާއިރު ނިސްބަތުން ގިނަ މީހުންގެ ސޮއި ހޯދައިގެން މެނުވީ ސިޔާސީ ޕާޓީ ނުއުފެއްދޭ ގޮތަށް ހަރުކަށި އުސޫލުތަކެއް އެކަށައެޅުމަކީ ތަނާސުބު [ޕްރޮޕޯޝަނަލިޓީ] ގެ އުސޫލާ ހިލާފް ކަމެއް" ގެ ގޮތުގައި ބުނެފައިވެ އެވެ.
ޑިމޮކްރަޓިކް އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގައި ވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ބަލައިގަތުމަށް ކަނޑައަޅާފައި ހުންނަނީ މެންބަރުންގެ އަދަދުގެ ބަދަލުގައި އިންތިހާބުތަކުގައި ލިބޭ ކާމިޔާބީގެ މައްޗަށް އެކުލަވާލާފައިވާ މިންގަނޑުތަކަށެވެ. އިންތިހާބުތަކުގައި ވަކި އަދަދަކަށް ގޮނޑި ކާމިޔާބު ނުކުރެވޭ ނަމަ ސިޔާސީ ޕާޓީއެއްގެ ދަރަޖަ ރަސްމީކޮށް ނުލިބޭނެ އެވެ. ވިދިވިދިގެން ދެ އިންތިހާބުގައި މި އެހާ ވަރަށް ކާމިޔާބު ނުވެއްޖެ ނަމަ ސިޔާސީ ޕާޓީއެއްގެ ދަރަޖަ ގެއްލޭނެ އެވެ. ބިލިއަނުގެ އާބާދީއެއް އޮތް އިންޑިއާގައި 100 މެންބަރުން ތިބި ނަމަ ޕާޓީއެއް ހިންގެ އެވެ.
އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ސިޔާސީ ޕާޓީއަކަށް ވަކި އަދަދަކަށް މެންބަރުން ހަމަކުރާކަށް ނުޖެހެ އެވެ.
ވަކި އަދަކަށް މެންބަރުން ހަމަކުރަން އޮންނަ ގައުމުތަކުގައި ވެސް އެއީ ވަރަށް ކުޑަ އަދަދެކެވެ. އާބާދީ 83 މިލިއަނުގައި އޮތް ޖަރުމަނުގައި 1،000، އާބާދީ 67 މިލިއަނުން މަތި ފްރާންސްގައި 200 އަދި 59 މިލިއަނުގެ އާބާދީއެއް އޮތް ދެކުނު އެފްރިކާގައި 500 އެވެ.
ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގައި ހިމާޔަތާއި ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ ފަރާތުން ނުފޫޒު ފޯރުވުން ވީހާވެސް ކުޑަކުރުމުގެ ގޮތުން ދަތި އުނދަގޫ އިޖުރާއަތު ނައްތާލުމަކީ ޑިނަ ޑިމޮކްރަޓިކް ދައުލަތްތަކުން ބާރުއަޅާ ގޮތް: ސުޕްރީމް ކޯޓުގެ ހުކުމް
އެކަމަކު ދިވެހި ރައްޔިތުންގެ އަދަދު ބައި މިލިއަނަށް ނާރާއިރު ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 ތިބެން ޖެހެ އެވެ. މި އާބާދީގައި ސިޔާސީ ޕާޓީތަކަށް ވަންނަން އުމުރު ހަމަވާ މީހުންގެ އަދަދު މި ވަގުތު އުޅެނީ 280،000 ގަ އެވެ. އަންނަ ރިޔާސީ އިންތިހާބު އޮންނަ ދުވަހާ ހަމައަށް ސީދާ އަދަދަކީ 283،272 އެވެ. އިލެކްޝަންސް ކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ ގިނަ މީހުންނަކީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެއީ 58 ޕަސެންޓެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި، 10،000 މެންބަރުން ހަމަކުރުން ލާޒިމުވާ ގޮތަށް އޮތް ދެ މާއްދާ ބާތިލްކޮށް ބުނެފައި ވަނީ؛
"... މިފަދައިން މި މާއްދާގެ މި އަކުރުގައި ބަޔާންކޮށްފައިވާއިރު، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގު، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ލިބިދެވޭ މިންވަރަށްވުރެ ބޮޑަށް ހަނިކުރެވިފައިވާކަން އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނަ" ކަމަށެވެ.
ހައްގުތަކާއި މިނިވަންކަން ލިބުމުގައި ތަފާތުކޮށްގެން ނުވާނެ ސަބަބުތައް ގާނޫނުއަސާސީގައި ބަޔާންކުރާއިރު އޭގެ ތެރޭގައި އެ މީހެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ވިސްނުމަކަށްޓަކައި ތަފާތު ނުކުރުން އޮވެ އެވެ. މިކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕާޓީއެއްގައި ބައިވެރިވުމަކީ ފުޅާ ފުރުސަތެއް އަދި ހައްގެއް ކަމަށާއި "އެ މީހަކު ގަބޫލުނުކުރާ ޕާޓީއެއްގައި ބައިވެރިކުރުމަށް މަޖުބޫރުވާ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ނިޒާމު ބައްޓަންކޮށް، ޕާޓީތަކުގެ ދައުރު ހަނި ނުކުރެވޭނެ" ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމުގައި އަބަދުވެސް އެންމެ ކުޑަ ނުފޫޒަކުން ފުރިހަމައަށް ރެގިއުލޭޓްކުރެވޭނެ ގޮތްތައް އިހުތިޔާރުކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހުކުމް ސާފު
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ސާފުކޮށް ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މަދުވެގެން 10،000 މީހުންގެ ސޮއި ހޯދައި ހުށަހަޅަންވާނެ ކަމަށް ގާނޫނުގައި ބުނާ މާއްދާތައް ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފް ކަމަށެވެ. އެހެންވެ އެ މާއްދާތައް ބާތިލްކޮށް އަމުރުކުރީ ގާނޫނުން ބާތިލް ކަމަށް ކަނޑައެޅި މާއްދާތައް އަލުން އިސްލާހުކުރެވެންދެން، ގާނޫނުގެ ކުރިން އޮތް ގޮތަށް، 3،000 މީހުންގެ ސޮޔާ އެކު ޕާޓީ ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
މި ހުކުމާ އެކު ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހުކުރީ ޕާޓީއެއްގެ މެންބަރުންގެ އެންމެ މަދު އަދަދަކީ 3،000 ކަމަށެވެ. އެކަމަކު 3،000 އޭ ބުނެގެން އެ މާއްދާ ގާނޫނުއަސާސީއާ ހިލާފު ނުވަނީ ހެއްޔެވެ؟
ސުޕްރީމް ކޯޓުން އޭރު ހުކުމުގައި އެ 3،000 ޖަހާފައި އޮތް ކަމަށް ގަބޫލުކުރެވެނީ އެއީ ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޕާޓީތައް އުފައްދައި ތަބާވެގެން ތިބި ގޮތް ކަމަށް ވާތީ އެވެ. ހުކުމުގައި މެންބަރުންގެ އަދަދު 10،000 ހަމަވާން ޖެހޭނެ ކަމަށް ބުނުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ސާފުކޮށް ބުނެ އެވެ. އެއީ ކޮންމެހެން ވަކި އަދަދެއް އޮވެގެން ބުނި ބުނުމެއް ނޫނެވެ. އެ ބުނަި އެގޮތަށް މެންބަރުންގެ އަދަދު ލިމިޓް ނުކުރެވޭނެ ކަމަށެވެ.
މައްސަލަ އަކީ 10،000 ނޫން ކަމާއި އަސާސީ ހައްގު ހަނިކޮށްފައި އޮތުންކަން އެ ހުކުމް އެނގޭ އެހެން އިބާރާތެއް ވެސް އެބަ އޮތެވެ. އެއީ އެ "ހުކުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނަށް އިސްލާހު ގެންނަންދެން" މެންބަރުންގެ އަދަދު ކުރިން އޮތް ވަރަށް ބަލަމުން ގެންދިއުމަށް އަމުރުކޮށްފައި ވުމެވެ.
ހުކުމުގައި ހުރި ނުކުތާތަކުގައި، 10،000 އަކީ މާ ގިނަ އަދަދެއް ކަމަށާއި އެޔަށްވުރެ އަދަދު ދަށްކޮށްލަންވީ ކަމަށް މާނަކުރެވޭ އެއްވެސް ނުކުތާއެއް ނެތެވެ. ޖުމްލަ ގޮތެއްގައި އޮތީ، އަސާސީ ހައްގު ހަނިކުރެވޭނީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ގަބޫލުކުރާ މިންވަރަށް ކަމަށާއި ޕާޓީއެއްގައި ވަކި އަދަދަކަށް މެންބަރުން ތިބުން ލާޒިމް ގައުމެއް ވަރަށް މަދު ކަމަށެވެ.
މިހާރު އުވިފައިވާ ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހް ވެސް މެންބަރުންގެ އަދަދުގެ މައްސަލަ މީގެ 10 އަހަރު ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ގޮތެއް ނުނިންމާ ބޭއްވުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު ހުކުމްކުރީ އެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށެވެ. އެއީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށް ވާތީ އެވެ. އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ގާނޫނުގައި ބުނެފައި އެބަ އޮތް ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހުކުމުގައި ވިދާޅުވި އެވެ. މައްސަލާގައި އެދުނު ކަންކަމަށް މި ހުކުމުގައި ގޮތެއް ނުނިންމަ އެވެ.
މާނަ އަކީ މި މައްސަލަ ފުރަތަމަ ބަލައި ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވުމެވެ. އަދި މައްސަލަ ނުނިމި އެތައް އަހަރެއް ވެގެން ދިއުމުން، ސުޕްރީމް ކޯޓުން އެހެން ހުކުމެއް ކޮށްފައި ވާތީ އާއި ސިޔާސީ ޕާޓީގެ ގާނޫނަށް އޭގެ ފަހުން އެތައް އިސްލާހެއް އައިސްފައި ވާތީ މައްސަލާގައި އޮތް ގާނޫނީ ސުވާލަށް ބަދަލުތައް އައިސްފައި ވުމަކީ ވެސް މައްސަލަ ބެލުމުގެ ބޭނުން ކެނޑުނު ސަބަބެކެވެ.
ގާނޫނު ތަސްދީގުކުރެއްވީ ގާނޫނީ ލަފަޔާ ހިލާފަށް
މިހާރު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި އިމާދު ކުރެއްވި ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިންގި އަޑުއެހުންތަކުގައި ދައުލަތުން ވަނީ ސިޔާސީ ޕާޓީއެއްގައި 10،000 މެންބަރުން ތިބެންޖެހޭނެ ކަމަށް 2015 ވަނަ އަހަރު ކަނޑައެޅި ގާނޫނު ތަސްދީގުކުރެއްވުމުގެ ކުރިން އެއީ ގާނޫނުއަސާސީއާ ހިލާފްވާ މާއްދާއެއް ކަމުގެ ގާނޫނީ ލަފާ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ބަންޑާރަ ނައިބު ދެއްވި ކަމަށް ބުނެފަ އެވެ.
ދައުލަތުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 8، 11 އަދި 29 ވަނަ މާއްދާގައި 10،000 މެންބަރުން ކަމަށް ބަޔާންކޮށް ހުރި ކަންކަމުން ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ލިބޭ ހައްގުތައް އުނިވާ ކަމަށެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން ލާޒިމްކޮށްފައިވާ 35 ވަނަ މާއްދާ އެ ގާނޫނުގެ އެހެން ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ދައުލަތުން އެރުވި ލަފާގައިވެ އެވެ. އަދި މިހާރު ގާނޫނު އޮތް ގޮތުން ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށް ޝަރީއަތުގައި ބުންޏެވެ.
އެހެންވެ ސިޔާސީ ޕާޓީތަކުން ވަކި އަދަދަކަށް މެންބަރުން ހަމަކުރުން ލާޒިމުކުރުމާ މެދު އޮތް ސުވާލަށް ގާނޫނީ ހައްލެއް ދޭން ޖެހެ އެވެ. އެކަން ސުވާލެއްގެ ގޮތުގައި ބާއްވައިގެން ނުވާނެ އެވެ.
މިހާރު އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގައި 3،000 މެންބަރުން ހަމަވިޔަސް އަދި ދައުލަތުން އެ ޕާޓީއަކަށް ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވެގެންނެވެ. ވާދަކުރާ އިންތިހާބުތަކުން 100 ޕަސެންޓް ފެއިލް ވަމުން ދިޔަޔަސް މިހާރު އޮންނަ ގޮތުން ނަމަ ދަފްތަރުގައި 10،000 މެންބަރުން އޮތް ނަމަ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެ އެވެ. އެހެންވެ އެ ބަޔަކަށް ވީ ގޮތަކުން މެންބަރުންގެ އަދަދު ގިނަކޮށްގެން، ފައިސާ ބަހާ ދުވަހު ގިނައިން ލިބޭ ގޮތެއް ހޯދަނީ އެވެ. ބޯ ގުނައިގެން ފައިސާ ބެހުން ހުއްޓާލާ ނަމަ ޕާޓީތައް ރެގިއުލޭޓް ކުރުމުގެ އެންމެ ތުރާ ބޮޑު ކަންކަން ވެސް ނިމުމަކަށް އަންނާނެ އެވެ. ދައުލަތުން ހަރަދު ނުކޮށް ޕާޓީތަކަށް އަމިއްލަ ފަންޑު ހޯދަންޖެހޭ ނަމަ ޕާޓީތައް އާދަޔާ ހިލާފަށް ގިނައެއް ވެސް ނުވާނެ އެވެ.
ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން އެއީ އަދި ވަކި ބަހުސެއް ކަމަށް ވާތީ އެ ވާހަކަ ދޫކޮށްލާނީ އެވެ.