ކޮލަމްބޯ (އޮކްޓޯބަރު 29) - ލަންކާގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ދިގުލައިގެން ދާ ނަމަ ބޮޑު ލޭއޮހޮރުވުމަކަށް ބަދަލުވެދާނެ ކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ޕާލަމެންޓުގެ ޖަލްސާތައް ބޭއްވުމުގެ ހުއްދަދީ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް ދަންނަވާފައިވާ ކަމަށެވެ.

"މި މައްސަލަ ޕާލަމެންޓް ތެރޭން ހައްލު ކުރެވެން ޖެހޭނެ. އެކަމަކު މި ހަމަނުޖެހުންތައް މަގުމައްޗާ ހަމައަށް ހިނގައްޖެ ނަމަ ބޮޑު ލޭއޮހޮރުވުމަކަށް ބަދަލުވާނެ،" ނޫސްވެރިންނާ ވާހަކަ ދަައްކަވަމުން ޖަޔަސޫރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސިރިސޭނާ އަށް ދަންނަވާފައި ވަނީ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރި މަހިންދާ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ މެޖޯރިޓީ ތާއީދު އޮތްކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ. ޖަޔަސޫރިޔާ ކުރިން ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ކަމަށް ބަލައިގަންނަނީ ރަނިލް ކަމަށެވެ.

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމަށް ފަހު ރާޖަޕަކްސާ އެ މަގާމަށް އައްޔަންކޮށް، ސިރިސޭނާ ވަނީ އަންނަ މަހު 16އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ.