ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް، ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް ޕާޓީތަކަށް މިއަދު ދައުވަތު ދެއްވައިފި އެވެ.
ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީއެއްގައި ބުނީ ސިޔާސީ ގޮތުން އޮތް ޚިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ގައުމު ބިނާކުރުމުގެ މަސައްކަތް ހަލުއި ކުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސް ނަގައިގެން މަޝްވަރާ އަށް އެކި ފަހަރުގެ މަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެ މަޝްވަރާ ކުރިއަށް ނުގެންދެވުނީ އިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކުރިމަތިކުރުވުމުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"އަޅުގަނޑުމެން އެދިފައި ވާނީ މަޝްވަރާގެ ކުރިން އެއްވެސް ޝަރުތެއް ކުރިމަތި ނުކޮށް މަޝްވަރާގެ މޭޒަށް އައުމަށް،" ސިޔާސީ ޕާޓީގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ، މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީތަކަށް މި ފަހަރު ދައުވަތު ދިނީ އިސްލާހީ ބަދަލުތަކެއް އިދިކޮޅު ފަރާތްތަކުން ގެންނަން ބޭނުންވާ ކަމަށް މީޑިއާތަކުން މައުލޫމާތު ލިބެމުންދާތީ ކަމަށެވެ. ޕާޓީތަކުގެ އިތުރުން މި މަޝްވަރާ އަށް މައުމޫނަށް ދައުވަތު ދެއްވީ އިދިކޮޅު ހަރަކާތްތަކާ އެކު އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި މަޝްވަރާ ކުރިއަށް ގެންދިއުމަށްޓަކައި، ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ލިޔުމަކުން އަންގައި ދިނުމަށް ވެސް ވާނީ އެދިފަ އެވެ.
މީގެކުރިން އެކި ފަހަރު މަތިން މަޝްވަރާ އަށް ސަރުކާރުން ހުޅުވާލުމުން އެކަން ކާމިޔާބު ނުވީ ސަރުކާރާއި ޕާޓީތަކުން ވެސް ޝަރުތުތައް ކުރިމަތިކުރުމުންނެވެ. ސަރުކާރުން ބުނަނީ ޖަލު ހުކުމުގައި ތިބި ލީޑަރުންނަށް މަޝްވަރާގައި ފުރުސަތެއް ނެތް ކަމަށެވެ. އެކަމަކު ލީޑަރުން ނޫން ބަޔަކު މަޝްވަރާގައި ބައިވެރިކުރަން ޕާޓީތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.