ވެރިކަމަށް ވަޑައިގެންނެވީ މެނިފެސްޓޯގައިވާ ކަންކަން ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އަރާމުކޮށް ފުރިހަމަ ކުރެއްވުމުގެ އުންމީދުގައި ކަމަށާއި ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމަނިކުފާނާ ދެކޮޅަށް ތަފާތު މަސައްކަތްތައް ކުރަމުން ދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެމްޕޭން ޖަގަހަ "ރުމާލު 2" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ހަނގުރާމަ ކުރައްވަން ޖެހިވަޑައިގަތީ އެންމެ ގާތުގައި ތިއްބެވި ބޭފުޅުންނާ ކަމަށެވެ.
އޭގެ ތެރޭގައި ނައިބު ރައީސުންނާއި ކެބިނެޓްގެ މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މަސައްކަތްތަކުން އެއް ފަރާތަށްލުމަށް މަސައްކަތްތަކެއް ކުރެވޭ ކަމަށް ގަބޫލުކުރެވޭ. ވަރަށް ގިނަ މަސައްކަތްތަކެއް [މިހާތަނަށް] ކުރެވިއްޖެ. އަޅުގަނޑުގެ ވެރިކަމުގެ އެއް ވަނަ ދުވަހުން ފެށިގެން މި އަންނަނީ ބޮޑެތި ހަނގުރާތައް ކުރަމުން،" ރައީސް ވިދާޅުވި އެވެ.
"ހަނގުރާމަ ކުރަމުން މިއައީ އަޅުގަނޑާ އެންމެ ގާތް އަހުންނާ. ނައިބް ރައީސުންނާ ހަނގުރާމަ ކުރަން ޖެހުނު. ވަޒީރުންނާ ހަނގުރާމަ ކުރަމުން މިއައީ."
ރައީސް ވިދާޅުވީ ހަމައެކަނި ތަފާތަކީ ބޭރުގެ އުދުވާނީ ހަމަލާއެއް ރާއްޖެ ނައުން ކަމަށެވެ. އެކަމަކު އެމަނިކުފާނު ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާ ސިފަކުރެއްވީ އެއަށް ވުރެ ބޮޑެތި ކަންކަމުގެ ގޮތުގަ އެވެ.
"ހަމައެކަނި ތަފާތަކީ މި ގައުމަށް ބޭރުގެ އުދުވާނީ ހަމަލާއެއް ނާންނަކަން. އެކަމަކު އެ ހަމަލާއަށް ވުރެ ބޮޑެތި ކަންކަމާ އަޅުގަނޑު ކުރިމަތިލައިފިން، އެކަން އެގޮތަށް އެ ވަނީ އުސޫލުތަކާ އެއްގޮތަށް ކަން ކުރަން ބޭނުންވާ ވެރިޔަކު ބަހައްޓަން ބޭނުން ނުވާތީ،" އިދިކޮޅު ހަރަކާތްތަކަށް ނިސްބަތްކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއަދު މި ހިނގަނީ ވަކި ތަފާތު ކަމެއް ނޫން. މިއަދު ވެސް ގަބޫލު ނުކުރެވިގެން މި އުޅެނީ އުސޫލްތަކާ އެކީ ދައުލަތެއް އަރާމުކަން މަތީގައި ދިއުމުގެ ފުރުސަތު ދޭކަށް ބޭނުމެއް ނުވޭ. އެކަން ބޭނުން ނުވާ ކަމަށް ވަންޏާ އޭގެން ނިކުންނާނީ، ޝައްކެއް ވެސް ނެތް ގޮތުގައި، އަމިއްލަ މަސްލަހަތު."
ސިޔާސީ އިދިކޮޅު ބޭފުޅުންނަށް ބަހުގެ އެކި ހަމަލާދެއްވުމަށް ފަހު ދެން ރައީސް ޔާމީން ވިދާޅުވަނީ ސިޔާސީ މީހުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމަކީ އެމަނިކުފާނުގެ "ޑެއިލީ މެނޫގައި" ހިމެނޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ކުރާނީ ރޭ ހުޅުވި "ރުމާލު ދޭއް" ފަދަ ޖަގަހަތަކުގައި، ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަދަ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.
"މި ޖަގަހާގައި ސިޔާސީ ގޮތުން ޖަވާބު ދާރީވާން އަޅުގަނޑުމެންގެ ޕާޓީގެ ފަރާތްތައް ތިބޭނެ. ނަމަވެސް އަޅުގަނޑު މި ގަބޫލުކުރަނީ އަޅުގަނޑު ކޮންމެހެން ސިޔާސީ ކަންކަމަށް ރައްދު ދޭކަށް ޖަވާބުދޭކަށް ނުޖެހޭނޭ. އަޅުގަނޑު އެކަމެއް ނުކުރާނަން. އަޅުގަނޑު އަނެއްކާވެސް އަޒުމު މި ކަނޑައެޅީ އަޅުގަނޑުގެ އެޖެންޑާއާ އެކީގައި ކުރިޔަށް ދާން،" ރައީސް ވިދާޅުވި އެވެ.
"އޭގެ މާނައަކީ ރައްޔިތުން ހިތް އެދޭ ވަރަށް ތަރައްގީ ގެނެސް ތަނަވަސް ރައްޔިތުން ހިތްހަމަޖެހޭ ވަރަކަށް ރާއްޖެ ތަރައްގީ ކުރަން ކުރާ މަސައްކަތް. އެހެންވީމާ 2018 ގެ ވޯޓް ފޮއްޓާ ހަމައަށް ދަންދެން އަޅުގަނޑު އެކަން ކުރާނަން."
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ދެ ފަހަރު ދެ ގޮތަށް ވާހަކަފުޅު ދައްކަވާނެ ބޭފުޅެއް ނޫން ކަމަށެވެ.