އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ރަހުމްކުޑަ ގޮތަށް އަވަހާރަކޮށްލީ ހ. ލޮބީ ހުސެއިން ހުމާމް ކަން ޝަރީއަތަށް ސާބިތުވެ، އިސްތިއުނާފްގެ ހުރިހާ މަރުހަލާއަކަށް ފަހު އޭނާ އަށް މަރުގެ ހުކުމް ވަނީ އިއްވައިފަ އެވެ.

ފުލުހުންގެ ތަހުގީގުން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ސިޔާސީ މަގްސަދެއްގައި އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަރަށް ބޮޑެތި ރޭވުންތަކެއް ހުއްޓެވެ. އެކަމަށް ފައިސާ ހޭދަކުރި ބަޔަކު ވެސް ފިލައި އެބަ ތިއްބެވެ. ހުމާމަކީ، ބަޔަކު ފައިސާ ދިނުމުން އަމަލީ ގޮތުން އެކަން ކުރި މީހާ އެވެ. އެހެންވެ އެކަން ރޭވި މީހުންނާ ހަމައަށް ވާސިލްވާން އަދި ކުރަން ޖެހޭ މަސައްކަތްތައް ގިނަ އެވެ. ތަހުގީގު މުޅިން ނުނިމެނީސް ހުމާމަށް މަރުގެ އަދަބު ދޭން އަފްރާޝީމްގެ ބައެއް ވާރިސުން ދެކޮޅު ހަދަނީ ވެސް އެ ސަބަބު ދައްކައިގެންނެވެ.

ހުމާމަށް މަރުގެ ހުކުމްގެ ސިއްކަ ސުޕްރީމް ކޯޓުން ޖަހާފައިވިއަސް އޭނާގެ ތަހުގީގާއި ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރާ މީހުން މަދެއް ނޫނެވެ. މި ޝައްކުތަކުގެ ތެރެއިން، އަފްރާޝީމް އަވަހާރަކޮށްލީ ހުމާމް ކަމާ މެދު ސުވާލު އުފައްދާ ބަޔަކު ވެސް އެބަތިއްބެވެ.

އަފްރާޝީމް އޭނާގެ ހަގު ދަރިކަލުންނާ އެކު: އޭނާ އަވަހާރަކޮށްލީ ހުމާމްކަން ކޯޓުތަކަށް ވަނީ ސާބިތުވެފައި --ފޮޓޯ: ސޯޝަލް މީޑިއާ
އަފްރާޝީމް އޭނާގެ ހަގު ދަރިކަލުންނާ އެކު: އޭނާ އަވަހާރަކޮށްލީ ހުމާމްކަން ކޯޓުތަކަށް ވަނީ ސާބިތުވެފައި --ފޮޓޯ: ސޯޝަލް މީޑިއާ

މި ހުރިހާ ޝައްކުތަކާއި ވަހުމްތައް އަދި ސިޔާސީ ގޮތުން ދައްކާ ވާހަކަތަކުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

މިއީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައާ ގުޅޭ ގޮތުން ރިޔާޒް، "މިހާރު"ގެ އަހްމަދު ހަމްދޫނާއި ފަޒީނާ އަހްމަދަށް ދެއްވި ހާއްސަ އިންޓަވިއުގެ މުހިއްމު ބައިތަކެވެ. މިއީ ކޮމިޝަނަރު ކަމުން ވަކިވެވަޑައިގެންނެވި ފަހުން، އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މިހާ ތަފްސީީލްކޮށް ރިޔާޒް ދެއްވި ފުރަތަމަ އިންޓަވިއު އެވެ.

އަފްރާޝީމް އަވަހާރަކޮށްލަން ހުމާމް ބައިވެރިވި ކަން ޝައްކެއް ނެތް މިންވަރަށް ފުލުހުންގެ ތަހުގީގަށް އޮތީ ހޯދިފައި، ފޮރެންސިކް އެވިޑެންސާ އެކު. އޭނާ ބުނި ބުނުމަކަށް އެކަންޏެއް ނޫން ތަހުގީގު ނިންމާލީ. --ރިޔާޒް

އަފްރާޝީމް އަވަހާރަކޮށްލަން ފަންޑުކުރި ކަމަށް ތުހުމަތުކުރެވޭ ބަޔަކު، ރިޔާޒް ކޮމިޝަނަރަކަށް ހުންނެވިއިރު ހައްޔަރުކުރި. އެކަމަކު ފަހުން އެ މީހުން ވަނީ ދޫކޮށްލާފައި. އެ މީހުން ދޫކުރީ ކޮން ސަބަބަކާ ހުރެތޯ؟ އެ މީހުންނާ ދޭތެރޭ ފިޔަވަޅު ނާޅައި ހަމައެކަނި ހުމާމަށް އަދަބު ދޭންވީ ކީއްވެގެންތޯ؟

އަފްރާޝީމް އަވަހާރަކޮށްލުމުގައި ހުމާމް ބައިވެރިވިތޯ ބައެއް މީޑިއާތަކުން މިހާރު އެބަ ސުވާލު އުފައްދާ. އޭނާ ހަމައެކަނި އިއުތިރާފެކޭވީ، އެ އިއުތިރާފް އޮތީ އަނބުރާ ގެނެސްފައޭ ވެސް އެބަ ކިޔާ. ހަގީގަތަކީ އަފްރާޝީމް އަވަހާރަކޮށްލި ކަން ހުމާމްގެ މައްޗަށް ސާބިތުވަނީ އޭނާ ބުނާ ބުނުމަކުން އެކަންޏެއް ނޫން. ހުމާމް ލައިގެން ހުރި ފަޓްލޫނަކުން ލިބުނު ޑީއެންއޭ ސާމްޕަލްއެއް މެޗުވެ، ސީދާ ޝަރީއަތަށް ހުށަހަޅާފައި އޮންނާނެ. ފޮރެންސިކަލީ ވެސް އެކަން [އަފްރާޝީމް އަވަހާރަކޮށްލި ކަން] އެ އޮތީ ސާބިތުކުރެވިފައި.

އަޅުގަނޑު ފުލުހުންގެ ވަޒީފާގައި ހުރިއިރު، ތަހުގީގު މަރުހަލާގައި ހުމާމް ކިޔައިދީފައިވޭ މި ކަމުގައި އޭނައާ އިންޓްރެކްޓްވި މީހުންނާއި އޭނައާ ހަމައަށް މި ހުށަހެޅުން އައި ގޮތް ވެސް. ހުމާމްގެ އިތުރުން މި މައްސަލާގައި ހ. ހިކޯސްޓް، އަލީ ޝާން ވެސް ހައްޔަރުކުރި ދެއްތޯ؟ އޭނާގެ މައްޗަށް އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅާފައި އެ ވަނީ.

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް
ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް

ޕޮއިންޓަކީ ހުމާމް ކިޔައިދިން ވަރުންނާއި އެ މީހުންނާއި ހުމާމާ ދޭތެރޭ ހިންގާފައި ހުރި މުއާމަލާތްތަކަށް ބަލައި މިކަމުގައި ފައިސާ ހަރަދުކުރި މީހުންގެ މައްސަލަ ބަލަން ފެށީ. އެ މީހުން ހައްޔަރު ވެސް ކުރި. ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލި ނަމަވެސް ދައުވާ ނުއުފުލާ. ސަބަބަކީ ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅުއްވާފައި ދައުވާ ނުކުރެއްވީ. އޭގެ މާނައަކީ އިތުރަށް ތަހުގީގުކޮށް ހެކި ހޯދަން ޖެހެއޭ.

މީގައި އަސްލުވާ ގޮތަކީ ވަރަށް ގިނަ ބަޔަކު މިހާރު ހަނދާން ނެތިއްޖެ އަފްރާޝީމް އަވަހާރަކޮށްލިކަން. އޭނަ އާއި އޭނާގެ އާއިލާ އަށް ލިބުނު ގެއްލުމުގެ ވާހަކަ އެހާ ބޮޑަކަށް ނުދައްކާ. އެއަށް ވުރެ ހުމާމްގެ ހައްގު ބޮޑު ކަމަށް ބައެއް މީހުން ދެކޭ. އެކަހަލަ ގޮތަކަށް މި މަންޒަރު އަޅުގަނޑަށް މި ފެންނަނީ. --ރިޔާޒް

ޝަރީއަތުގެ މަޖިލީހުގައި ވެސް ހުމާމް އެކި ދުވަހު އެކި ގޮތަށް ވާހަކަ ދައްކާފައިވޭ. އޭނާ ސިކުނޑީގެ މައްސަލަތަކެއް ހުރި ކަމަށް ލޯޔަރުން އެބަ ބުނޭ. އެކަމާ ގުޅިގެން ފުލުހުން އެއްވެސް ޓެސްޓެއް ހެދިތޯ؟

އަޅުގަނޑު ވަޒީފާ އިން 2013 ގައި ވަކިވިއިރު، ހަރަދުކުރި މީހުން ހޯދަން ތަހުގީގު ކުރިއަށް ގެންދިޔައީ. ފަހުން ޕޮލިސް ކޮމިޝަނަރަކަށް ހުސެއިން ވަހީދު ހުންނެވިއިރު ވެސް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި. މިހާރުގެ ކޮމިޝަނަރު ހުސެއިން އަރީފް ވެސް އެކަން ހާމަކުރެއްވި.

ހުމާމްގެ ތަހުގީގު ކުރިއަށް ގެންދިޔައީ ވީޑިއޯ ވެސް ކޮށްގެން. އެ ވީޑިއޯތަކުން ފެންނާނެ އޭނާ އަށް އެއްވެސް ޕްރެޝަރެއް ކުރިތޯ ނުވަތަ ނޫންތޯ؟ އޭނާ މާފަށް އެދެން ބޭނުންވެގެން، ތަހުގީގުގެ ތެރެއިން އަފްރާޝީމްގެ އާއިލާގެ މީހުންނާ ވެސް ބައްދަލުކޮށްދީފައި ހުންނާނެ. ހަމައެއާ އެކު ތައުބާވާން ބޭނުންވެގެން ފުލުހުން އެކަމުގައި ވެސް އެހީތެރިވެދީފައި ވަނީ.

ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ
ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ހުމާމް ކޯޓަށް ވައްދަނީ

ތަހުގީގުގެ އެއްވެސް ހިސާބަކުން ހުމާމަކީ ބޯހަމަނުޖެހޭ މީހެއް ކަމަށް ބުނެފައެއް ނުވޭ. ވަރަށް ފަހުން ދެއްތޯ އޭނާގެ ސިކުނޑި ހަމަނުޖެހޭ ކަމަށް ކޯޓުގައި ވަކީލް ވިދާޅުވީ. ފުލުހުންނަކަށް ނެތް އެއްވެސް މައުލޫމާތެއް އޭނާ ސިކުނޑި ހަމަނުޖެހޭ ކަމަށް. އޭނައަކީ ހަމަ ޖިނާއީ ބޮޑެތި ކުށްތައް ކުރަމުން ދިޔަ މީހެއްގެ ގޮތަށް އޭނާގެ ޕްރޮފައިލް ފެނިފައި އޮތީ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަހުގީގުގެ ނަޒަރުން ބަލާލިއަސް ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ރަނގަޅެއް ނޫން. އެއީ އަދިވެސް މީގެ އަޑީގައި، މުގުލުގައި ތިބި މީހުންގެ މައުލޫމާތު އެނގި އެ މީހުން ހޯދެން އެބަ ޖެހޭ. އެހެންވީމަ ޕޮލިސް ކޭސް އިންވެސްޓިގޭޓް ކުރާ ކަމަށް ވަންޏާ ހުމާމް ދުނިޔޭގައި ހުރުން ވަރަށް މުހިއްމު ވާނެ. --ރިޔާޒް

އަފްރާޝީމް އަވަހާރަކޮށްލަން ހުމާމް ބައިވެރިވި ކަން ޝައްކެއް ނެތް މިންވަރަށް ފުލުހުންގެ ތަހުގީގަށް އޮތީ ހޯދިފައި. ފޮރެންސިކް އެވިޑެންސާ އެކު. އޭނާ ބުނި ބުނުމަކަށް އެކަންޏެއް ނޫން ތަހުގީގު ނިންމާލީ.

ފުރަތަމަ ކަމަކަށް އެ ހާދިސާ ހިނގި ރޭ ފުލުހުން ވަނީ ހެންވޭރުކޮޅުން ދުވެފައި ދަނިކޮށް ހުމާމް ހިފަހައްޓާފައި. އޭރު އޭނާ ހުރީ ހާސްވެ ދާހިތްލާފައި. ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ސުވާލުކުރީމަ ހުމާމް ބުނެފައިވޭ ކިހިނެއްވީހޭ؟ އަފްރާޝީމް މަރާލައިގެންދޯއޭ ތިއުޅެނީ؟ ފުލުހުންނަށް ވެސް އޭރު ނޭނގޭ އަފްރާޝީމް އަވަހާރަކޮށްލި ކަމެއް. އެއީވެސް ތަހުގީގަށް ލިބުނު ވަރަށް ބޮޑު އެވިޑެންސެއް.

އަފްރާޝީމް އަވަހާރަކޮށްލި ގޮތް ތަހުގީގަށް ކިޔައިދިންއިރު އޭނާ ދިރިއުޅުއްވި ގެ ހުންނަ ތަން ކުރަހައި ސިޑި ހުންނަ ތަނާއި އޭނާ ހުރި ދިމާ ވެސް ހުމާމް ބުނެދިން. އޭނާ ނުދާ ތަނެއް ނަމަ، ނުވަންނަ ތަނެއް ނަމަ އެކަންކަން ވެސް އޭނައަކަށް ނޭނގޭނެ. އެހެންވީމަ ހުމާމްގެ ތަހުގީގުން ވަރަށް ސާފު އޭނާ އެކަން ކުރި ކަމަށް.

އަފްރާޝީމް އަވަހާރަކޮށްލުމުގެ މުގުލުގައި ތިބި މީހުން ނުހޯދި ލަސްވަނީ ކޮން ސަބަބަކާ ހުރެ ކަމަށްތޯ ގަބޫލުކުރައްވަނީ؟

މި ތަހުގީގަށް އަޅުގަނޑުމެންނަށް އެހީތެރިކަން ދިނީ އެފްބީއައި އިން. އެ މީހުން ވެސް ބުނި ވާހަކައަކީ އެމެރިކާގައި ވެސް ތިމަންނަމެންނަށް ވަރަށް އުނދަގޫވާނެއޭ ކޮންޓްރެކްޓް ކިލިންގައި ފައިނޭންްސް ކުރާ މީހުންގެ ބައި ސާބިތުކުރެވޭ ވަރަށް ހޯދަން. އެއީ އެ މީހުން އެކަން ކުރާނީ ވަރަށް އަޑީގައި ތިބެގެން އެއްގޮތަކަށް ވެސް އެއްޗެއް ދުލެއް ނުކޮށްލާނެ.

ދެން އޮންނާނެ ގޮތަކީ އެ މީހުން [އަފްރާޝީމް އަވަހާރަކޮށްލަން ރޭވި މީހުން]ގެ ތެރޭގައި މައްސަލަ އުފެދިގެން ނުވަތަ ކޮންމެވެސް ލީޑެއް ލިބިގެން އެކަން ސާބިތުކުރެވިދާނެ. އެހެން ނޫނިއްޔާ ވަރަށް އުނދަގޫވާނެއޭ މިކަން ހޯދަން.

ކުރީގެ ސީޕީ ރިޔާޒް: އޭނާ ވިދާޅުވީ ހުމާމް ދިފާއުކޮށްދެވޭ ވަރުގެ މައުލޫމާތެއް ނެތް ކަމަށް.
ކުރީގެ ސީޕީ ރިޔާޒް: އޭނާ ވިދާޅުވީ ހުމާމް ދިފާއުކޮށްދެވޭ ވަރުގެ މައުލޫމާތެއް ނެތް ކަމަށް.

ތަހުގީގުގައި މައްސަލަތަކެއް ހުރި ކަމަށް ބައެއް މީހުން ދެކޭ. ހުމާމަށް ނަފްސާނީ ގޮތުން ބިރުދައްކައި އަނިޔާކޮށްގެން ބަޔާން ނެގި ކަމަށް ވެސް ތުހުމަތުކުރޭ؟

ހުމާމަށް އަނިޔާކުރިއްޔާ ފެންނަން ހުންނާނެ. ފުރަތަމަ ދުވަހުން ފެށިގެން ވީޑިއޯކޮށްގެން ތަހުގީގުތައް ކުރިއަށް ގެންދިޔައީ. އޭނަ އަށް އަނިޔާކޮށްގެން އެއްވެސް މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިތޯ؟

މި މައްސަލަ ވަރަށް ބޮޑަށް ސިޔާސީކުރި ދެއްތޯ؟ އޭނައާ އެކިއެކި މީސްމީހުން ވެސް ބައްދަލުކުރާނެ. ގާނޫނީ ވަކީލުން ވެސް. އެކި ފަހަރު އެކި ގޮތްގޮތަށް ހުމާމް ބަޔާން ދިނީ ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސިޔާސީ ނުފޫޒުން ކަމަށް.

މީގައި އަސްލުވާ ގޮތަކީ ވަރަށް ގިނަ ބަޔަކު މިހާރު ހަނދާން ނެތިއްޖެ އަފްރާޝީމް އަވަހާރަކޮށްލިކަން. އޭނާ އާއި އޭނާގެ އާއިލާ އަށް ލިބުނު ގެއްލުމުގެ ވާހަކަ އެހާ ބޮޑަކަށް ނުދައްކާ. އެއަށް ވުރެ ހުމާމްގެ ހައްގު ބޮޑު ކަމަށް ބައެއް މީހުން ދެކޭ. އެކަހަލަ ގޮތަކަށް މި މަންޒަރު އަޅުގަނޑަށް މި ފެންނަނީ. އޭރު ހަގީގަތަކީ، އެންމެން ވެސް މިކަން ކުރި ބަޔަކު ހޯދަން ބޭނުންވީމަ އެތައް މަސައްކަތެއް ކޮށްގެން އަމަލީ ގޮތުން އެކަން ކުރި މީހާ ފުލުހުންނަށް ހޯދުނު. މިއަދު އެ މީހުންގެ މައްޗަށް ގާނޫނު ތަންފީޒުވާ ހިސާބަށް އައިމަ މައްސަލަ އުފެދިގެން މިއުޅެނީ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ޝާންގެ އިތުރުން ކުޑަ ކުއްޖަކު ވެސް ހައްޔަރުކުރި. އެ މީހުން ތަހުގީގަށް ކިޔައިދިން ވާހަކަތަކުން އެނގުނު ގޮތުގައި، ސިޔާސީ ގޮތުން ކިހާ ފެންވަރެއްގެ ބައެއްތޯ މިކަން ކުރުވީ؟

އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގައޭ އޭރު އަޅުގަނޑުމެން ބުނީ، ހުމާމް ތަހުގީގަށް ކިޔައިިދިން ގޮތުގައި އެ މީހުންނާ ހަމައަށް އައި މީހުން ގާތުން އެހި ކޮބާހޭ މަގްސަދަކީ. އެ މީހުން ދިން ޖަވާބު ކަމަށް ތަހުގީގުގައި ހުމާމް ބުނެފައި އޮންނާނެ އަފްރާޝީމް ދީނީ ގޮތުން ދައްކަވާ ވާހަކަތަައް އެއީ ސިޔާސީ ގޮތުން އެ މީހުންނާ ދޭތެރޭގައި އާއްމުން ދެކޭ ގޮތް ބަދަލުވާ ސަބަބެކޭ. އެކަމަކު މިހާރު އެއަށް ވުރެ ގިނަ މައުލޫމާތު މި ކޭސްއާ ގުޅިގެން ފުލުހުންގެ އަތުގައި ހުރުން އެކަށީގެންވޭ.

އަފްރާޝީމް ވީމަ ގިނަ ބަޔަކު އޭރު ގަބޫލުކުރީ ދީނީ ހަރުކަށި މީހުން އޭނާއާ ދޭތެރޭ ހިތްހަމަނުޖެހުނީއޭ. އެކަމަކުު އެއްވެސް ދިމާލަކުން އެ މީހުންގެ ކަމެއް ކަމަށް ހެއްކެއް ނުލިބުނު. ތުހުމަތު ކުރެވިގެން ހައްޔަރު ކުރި މީހުންނަކީ ވެސް ސިޔާސީ ޕްލެޓް ފޯމުތަކުން ފެނިފައި ތިބި މީހުން. (ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ ޖާވިދު އާއި އަޒްލިފް ރައޫފް ހިމެނޭ).

އަޅުގަނޑު ވަކިވި ހިސާބުން މި މައްސަލައާ ގުޅޭ ތަފްސީލް މައުލޫމާތު މީޑިއާއަކަށް ނުދޭ. އަސްލު މި ކޭސްއާ ގުޅޭ މައުލޫމާތު އާއްމުންނަށް ހިއްސާކުރެވެން ޖެހޭ.

ފުލުހުންގެ ތަހުގީގުގައި ފާހަގަކުރެވުނު، ފައިސާ ހަރަދުކުރި މީހުންނާ ސުވާލު ކުރުމުގައި ލަސްވިކަން ވެސް. އެމީހުން ހައްޔަރުކުރުން ލަސްވުން ވެސް؟ އަދި މިހާރު ބޮޑެތި ބައެއް މައްސަލަތަކުގައި އަމަލުކުރާ ގޮތަށް މި މީހުން ހައްޔަރުކޮށްގެން ކޯޓުން މުއްދަތު ޖަހައިގެން ގިނަ ދުވަހު ނުބޭތިއްބީ ކީއްވެތޯ؟

ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި. ފޯން ކަނެކްޝަންސްތައް ވެސް ބަލައި ހެދި. އަސްލު މިވާ ގޮތަކީ މައްސަލާގައި ދައްކާފައި ހުރި ވާހަކަތަކާއި ކަންކަމަށް ބޭސްކޮށްފައި ކޯޓަށް ދިޔައިމާ މިދެނީ އަމުރު. ވަކި ހިސާބަކުން ބަލާއިރު، ކޯޓުތަކަށް ވެސް އެ މީހުން އިތުރަށް ބަހައްޓާނެ ވަރުގެ ހެއްކެއް ނުފެނިއްޖިއްޔާ ދޫކޮށްލުމުގެ އަމުރު ނެރޭނެ. އެގޮތަށް އެކަން ދިޔައީ. އޭގެ ތަފްސީލް މިހާރު އެނގޭނީ ފުލުހުންނަށް.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އަޒްލިފް ރައޫފް: އޭނާ ވަނީ ހަނގުރާމައެއްގައި ބައިވެރިވާން ފިލައިގެން ރާއްޖެ އިން ބޭރަށް ގޮސްފައި.
އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އަޒްލިފް ރައޫފް: އޭނާ ވަނީ ހަނގުރާމައެއްގައި ބައިވެރިވާން ފިލައިގެން ރާއްޖެ އިން ބޭރަށް ގޮސްފައި.

މީގައި އަޅުގަނޑު ދެކެނީ ފުލުހުންގެ ތަހުގީގަށް ހުމާމަށް އަދިވެސް މުހިއްމު ދައުރެއް އަދާކޮށްދެވިދާނެ ކަމަށް. އޭނާ އަތުގައި ހުންނާނެ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެކަށީގެންވާ މައުލޫމާތު. ފައިނޭންސް ކޮށްދިނީ ކޮން ބައެއްތޯ ވެސް.

ތަހުގީގުގެ ކުރީކޮޅުގައި ހުންނާނެ، ތަހުގީގަށް ހައްޔަރުކުރި މީހުންނާއި ހުމާމާ ކޮމިއުނިކޭޝަން ހިންގާފައިވާ ކަން ވެސް ހޯދާފައި.

މައްސަލާގައި ތުހުމަތުކުރެވޭ އަޒްލިފް ރައޫފް ވެސް ފުރައިގެން ބޭރަށް ގޮސްފައި ވަނީ. ތަހުގީގުގައި ހުރިހާ ކަމެއް ބަރާބަރަށް ބަލައި މޮނިޓަކުރި ނަމަ އޭނަ އަށް ފުރައިގެން ދެވޭނެތޯ؟ ހަމައެއާ އެކު އަފްރާޝީމް އަވަހާރަކޮށްލަން ގޭތެރެ އަށް ވަދެ ހުމާމަށް އެހީތެރިވެދިން ޝާން ވެސް ދޫވެފައި އެހެރީ. ކީއްވެތޯ؟

ސިސްޓަމް ތެރޭގައި އެބައުޅޭ ވަރަށް ބޮޑެތި ނުފޫޒުތައް. އެ ނުފޫޒުތަކުން ދެއްތޯ މި މީހުންނަށް ދެވިފައި ހުރީ. --ރިޔާޒް

ޝާންގެ ކޭސްގައި އޭނަ އަށް ދައުވާ ސާބިތުނުވީ. ގަސްތުގައި މީހަކު މަރާލަން ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލި ނަމަ އޭނަގެ މައްޗަށް ސާބިތުވާނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވޭ. އެކަމަކު އޭނަގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ. ދެން ސުވާލެއް ދެއްތޯ އުފުލި ދައުވާ ސާބިތުނުވުމުން ހައި ކޯޓަށް މައްސަލަ ނުވެއްދީ. ޝާންގެ މައްސަލަ ޝަރީއަތުން ނިންމީ އަޅުގަނޑު ވަޒީފާ އިން ވަކިވި ފަހުން.

މީގައި ހުރިހާ އެންމެން ވެސް ގަބޫލުކުރަން ޖެހޭ ދެއްތޯ ސިސްޓަމް ތެރޭގައި އެބައުޅޭ ވަރަށް ބޮޑެތި ނުފޫޒުތައް. އެ ނުފޫޒުތަކުން ދެއްތޯ މި މީހުންނަށް ދެވިފައި ހުރީ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ ތުހުމަތު އެޅުނު ޝާން (ކ) އާއި ގާތިލް ހުމާމް ހައްޔަރުކުރުމަށް ފަހު ފުލުހުން އާންމު ކުރި ފޮޓޯ
އަފްރާޝީމް އަވަހާރަކޮށްލުމުގެ ތުހުމަތު އެޅުނު ޝާން (ކ) އާއި ގާތިލް ހުމާމް ހައްޔަރުކުރުމަށް ފަހު ފުލުހުން އާންމު ކުރި ފޮޓޯ

ކޮމިޝަނަރަކަށް ރިޔާޒް ހުންނެވުމާ އެކު މި މައްސަލާގައި ކުރިމަތިވެވަޑައިގެންނެވި ސިޔާސީ ނުފޫޒަށް ކިހާ ވަރަކަށް ދީލާލެއްވިންތޯ؟

ހަގީގަތަކީ އަޅުގަނޑު ހުރި އިރު މި މައްސަލަ އަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް. ތަހުގީގު ޓީމުން ހަރަކާތްތެރިވީ އެމެރިކާ ޓީމުގެ އެހީތެރިމާ އެކު.

މި ކޭސް ސިޔާސީ ވިސްނުމަކަށް ގެންގޮސްގެން މި އުޅެނީ މާ ފަހުން. ވަކި ބައެއްގެ ބޮލުގައި އަޅުވަން. އަޅުގަނޑު ލައްވާ ވެސް ބައެއް މީހުން ބުނުވަން ބޭނުންވި ފުލުހުންގެ ތަހުގީގަށް ނުލިބޭ މީސް މީހުންގެ ވާހަކަތައް ވެސް. އެއީކީ އިންސާފެއް ނޫން.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަހުގީގުގެ ނަޒަރުން ބަލާލިއަސް ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ރަނގަޅެއް ނޫން. އެއީ އަދިވެސް މީގެ އަޑީގައި، މުގުލުގައި ތިބި މީހުންގެ މައުލޫމާތު އެނގި އެ މީހުން ހޯދެން އެބަ ޖެހޭ. އެހެންވީމަ ޕޮލިސް ކޭސް އިންވެސްޓިގޭޓް ކުރާ ކަމަށް ވަންޏާ ހުމާމް ދުނިޔޭގައި ހުރުން ވަރަށް މުހިއްމު ވާނެ. ފަހުން އާ އެވިޑެންސެއް ލިބުނަސް އެކަމާ ގުޅޭ ގޮތުން ސުވާލުކުރަން ހުންނާނެ އެކަކު މިއީ.

ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށް އޭނާ މަރާލައިފިއްޔާ ދެން އޭނާ ގާތުން އެއްޗެއް ނުހޯދޭނެ. އެހެންވީމަ ތަހުގީގީ ނަޒަރުން ބަލާއިރު ވެސް ހުމާމް މެރުން ފަސްކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އަދި އާއިލާ އިން ވެސް އެ އޮތީ އެ ކަންކަން ހޯދަން ބޭނުންވާ ކަމަށް ބުނެފައި.

އަފްރާޝީމް އަވަހާރަކޮށްލި ރޭ ހުމާމް އެ ގޭ ތެރެއަށް ވަން މަންޒަރުގެ ވީޑިއޯ ތަހުގީގަށް ލިބިފައިވޭތޯ؟ ބައެއް މީހުން ބުނާގޮތުގައި ހުމާމް އެ ގެއަށް ވަތް ކަމެއް ސާފެއް ނޫން؟ އޭގައި ކޮބައިތޯ ފުލުހުން ދައްކާނެ ހެއްކަކީ؟ ހަމައެއާ އެކު އަފްރާޝީމް އެހެން ތަނެއްގައި އަވަހާރަކޮށްލުމަށް ފަހު ކާރަކަށް އަރުވައިގެން ގޮސް ގެއަށް ވެއްދީ ކަމަށް ވެސް ވާހަކަ ފަތުރާފައިވޭ؟

އަފްރާޝީމް އެ ރޭ ޓީވީއެމުން ނިކުންނެވި ހިސާބުން ފެށިގެން ގެއާ ހަމައަށް ދަތުރު ކުރެއްވި މަގުތައް ހުންނާނެ ފުލުހުންގެ ތަހުގީގުގައި ހޯދާފައި. ބޮޑުތަކުރުފާނު މަގުން ގެއަށް ވަޑައިގެންނެވިއިރު ބައެއް ސީސީޓީވީ ކެމެރާތަކުން އޭނާގެ ކާރު ހުންނާނެ ސްޕޮޓްކޮށްފައި. ގެ ކައިރި އަށް ވަޑައިގެން ކާރުން ފައިބައި ހިންގަވާފައި ވަޑައިގަތް ތަން ފެނުނު އާއްމު މީހެއްގެ ބަޔާން ވެސް ނަގާފައި ވަނީ. އަނެއްކާ ހުމާމް ގޮވައިގެން އެ ގެއަށް ދިޔަ މީހާ ވެސް ތަހުގީގުގައި ކިޔައިދިން.

އެ ސަރަހައްދު ވަރަށް އަނދިރި، ކާރުގެ އަލިތަކުންނާ އެކު ވަރަށް ފަނޑު ގޮތަކަށް ފެނިފައި ވަނީ އަފްރާޝީމް މަގު ހުރަސްކުރައްވާފައި ވަންނަވާ ތަން. ފުލުހުންގެ އަތުގައި އޮންނާނެ ވީޑިއޯ. އެހެންވީމަ އެއްވެސް އެހެން ތަނެއްގައި އޭނާ މަރާލައިގެން ގެނެސްފައި ގެއަށް ވެއްދީކީއެއް ނޫން. ފާރުތަކަށް ލޭބުރާފައި ހުރި ގޮތުން ވެސް އެނގޭ އެކަން ކުރީ އެތަނުގައި ކަން.

ހުމާމް ފަހުން މިސްކިތެއްގެ ތެރޭގައި އަތް ދޮންނަން ހުއްޓައި ވެސް މީހަކަށް ފެނިފައިވޭ.

މި މަރުގައި ހިމެނޭ ކުޑަ ކުއްޖަކު ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރަން ޕީޕީއެމް އޮފީސް ތެރޭގައި އިން ކަމުގެ ތުހުމަތުތަކެއް ކުރި. ތަހުގީގުގައި އެކަން ބެއްލެވިންތޯ؟

އަޅުގަނޑުމެންގެ ތަހުގީގަށް އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް އެފަދަ ބައްދަލުވުމެއް ކުރިއަށް ދިޔަ ކަމަށް. ހަގީގަތަކީ އަޅުގަނޑު ކޮމިޝަނަރު ކަމުން ވަކިވުމާ ހަމައަށް ތަހުގީގުގައި ރައީސް ޔާމީންގެ ނަންފުޅެއް އެއްވެސް ވަރަކަށް ނާދޭ. އެފަދަ އެއްވެސް މައުލޫމާތެއް ވެސް ނުލިބޭ.

ހުމާމަށް ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު، އޭނާގެ އާއިލާގެ ބައެއް މީހުން ކޯޓު ކައިރީގައި މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުމާމަށް ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު، އޭނާގެ އާއިލާގެ ބައެއް މީހުން ކޯޓު ކައިރީގައި މަޑުކޮށްލައިގެން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޔާޒު ހުންނެވިއިރު ތަހުގީގަށް ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު އަފްރާޝީމް އަވަހާރަކޮށްލަން ފަންޑުކުރި މީހުން ހޯދޭނެ ކަމަށް ގަބޫލުކުރައްވަންތޯ؟

އަޅުގަނޑު ދެކެނީ ފުލުހުންގެ މުއައްސަސާގައި އެ ގާބިލްކަން ހުރި ކަމަށް. އެއީީ މަރާލި މީހާ ހޯދުނު. ގޮންޖެހުން ކުރިމަތިވީ ފަންޑުކުރި މީހުން ހޯދަން، އެ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ނުލިބުނަސް ބައެއް އެވިޑެންސް ވެސް ހޯދުނު.

މީގެ އަޑީގައި ތިބި މީހުން ހޯދަން ފުލުހުންގެ ތަހުގީގަށް މިހާރު ކިހާވަރަކަށް މަސައްކަތް ކުރޭތޯ އެއީ ސުވާލެއް. ކިހާވަރެއްގެ އެފަޓެއް ލާތޯ؟ ތުހުމަތު ކުރެވުނު މީހުންގެ ފަސް ފަހަތް އެބަ ބަލާތޯ. ކުރީ ކޮން ކަމެއްތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ފުލުހުން މިހާރު ވެސް ކުރަން ޖެހޭނެ ކަމެއް. ހައްޔަރުގައި ތިބި މީހުންނާ ވެސް އިންޓަވިއުކުރާނެ ކަން. މި ކަހަލަ ކޭސްތަކުގައި ވަރަށް ގިނަ ކަންތައް ހުންނާނެ ކުރާނެ، މިއާ ގުޅުން ހުރި އެކި މީސް މީހުންނާ ވެސް ވާހަކަ ދައްކަން ޖެހޭނެ. ވަރަށް މަސައްކަތް އަދިވެސް އެބައޮތް ކުރަން.

އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށް އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވެފައިވޭ؟ އެއީ ކޮން ވަގުތެއްގެ ވާހަކަތޯ؟ އޭރު އެހެން ވިދާޅުވީ ރައީސް ޔާމީނާ މި ކޭސްއާ ގުޅުން އޮތް ކަމަށް ދައްކަވަންތޯ؟ ނުވަތަ އެހެން ސިޔާސީ މަގްސަދެއް ހާސިލްކުރައްވަންތޯ؟

ނޫން، އެއީ އޭރު މީޑިއާ އެކަން ނެގި ގޮތް ދެއްތޯ؟ ވަގުތު ޖެހުމުން ކަމަށް އަޅުގަނޑު މާނަކުރީ އަޅުގަނޑަށް ލިބިފައި ހުރި ހުރިހާ މައުލޫމާތެއް، މިސާލަކަށް މި އިންޓަވިއުގައި ވަރަށް ތަފްސީލްކޮށް އަޅުގަނޑު މި ކިޔައިދިނީ ތުހުމަތުކުރެވޭ މީހުންނާ ސީސީޓީވީ ފުޓޭޖް ހުރި ކަން ވެސް. އަޅުގަނޑު ދެންނެވީ ޝަރީއަތުގައި މައްސަލަ އޮއްވައި އަޅުގަނޑަށް އެ ހުރިހާ ތަފްސީލެއް ނުދެއްކޭނެއޭ. އޭރު މައްސަލަ އޮތީ ސުޕްރީމް ކޯޓުގައި. އެހެންވީމަ އެއީ ރަނގަޅު ކަމަކަށް ނުވާނެއޭ. ދެން އޭތި ޓުވިސްޓް ކުރީ. އަޅުގަނޑު ބުންޏޭ ވަގުތު ޖެހުމުން ހަގީގަތް ހާމަކުރާނަމޭ. އަޅުގަނޑު ވަޒީފާގައި ހުރެ ކުރި މަސައްކަތުގައި ސިޔާސީ ފައިދާއެއް ނަގާފައެއް ނޯންނާނެ. އަދި އެ ފައިދާ އެހެން ބަޔަކު ނެގިޔަ ވެސް ނުދޭނަން.

ރައީސް ޔާމީންގެ ނަން ފުޅެއް ތަހުގީގުގައި ނާދެއޭ ވަރަށް ފަހުން އަޅުގަނޑު ބުނީމަ ބައެއް މީހުން ހިތްހަމައެއް ވެސް ނުޖެހުނު. އެކަމަކު ހަގީގަތާ އެއްގޮތަށް އަޅުގަނޑު ވާހަކަ ދެއްކީ.