ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ބޭރު ފައިސާ އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. 

ކަސްޓަމްސް އިން ބުނީ އެ ފައިސާ އަތުލައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ އިންޑިއާގެ ފަސެންޖަރެއްގެ އަތުން ކަމަށެވެ. ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ބޭރުކުރަން އުޅުނު އެ ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ގޮތަށް ނުވަ ލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާއާ އެއްވަރުގެ އަދަދެއް ހިމެނެ އެވެ. 

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ އެއާޕޯޓަށް ގޮސް ތިބި ބިދޭސީ ބައެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފަ އެވެ. 

ބަންގްލަދޭޝް އަށް އުފަން އެ ހަ މީހުން ފުރަން ގޮސް ތިއްބާ ހިފެހެއްޓިއިރު އެމީހުންގެ އަތުން ވަނީ 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނެވެ. އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށް އަރަ އެވެ. 

އެ މައްސަލައާ ގުޅިގެން އެމީހުން ހައްޔަރުކޮށް ބަންދަށް ވަނީ 30 ދުވަސް ޖަހައިފަ އެވެ. 

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މި ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ހުއްދަ ނެތް ފަރާތުން ޑޮލަރު ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދީފައިވާއިރު މި ފަހުން ވެސް ވަނީ އެ ވިޔަފާރީގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.