މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް މިއަދު އަތުލައިގެންފި އެވެ. 

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ހ. މާދޫގެއަށް ވަދެ، އެ ގޭގެ ދެ ފްލޯއެއް ބަލައިފާސްކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން ރެއިން ފެށިގެން ހިންގި އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު މިހާތަނަށް ވަނީ އެ ގޭގެ ފުރަަތަމަ ފްލޯ އާއި ފަސް ވަނަ ފްލޯ ފާސްކޮށްފަ އެވެ.

އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. 

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ އަތުރާލައިފަ އެވެ. އެކި ބްރޭންޑުތަކުގެ ރާފުޅިތައް ވަކިކޮށްފައި ހުރިއިރު އެތަނުގައި ގިނަ އަދަދަަކަށް ބަނގުރާ ހުއްޓެވެ. 

މާދޫ ގެއިން އަތުލައިގަތް ބަނގުރާ.-- ފޮޓޯ: މިހާރު
މާދޫ ގެއިން އަތުލައިގަތް ބަނގުރާ.-- ފޮޓޯ: މިހާރު

އެ އޮޕަރޭޝަން ހިންގަމުންދަނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. 

ބަނގުރަލުގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މާދޫގެ ބަލައިފާސްކޮށްފައިވާއިރު އޮފިޝަލް ވިދާޅުވީ އެތަނުން ވަރަށް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ. އެކަމުގައި ހަރަކާތްތެރިވަމުން އަންނަ މީހުން ވެސް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. 

މާދޫ ގެއިން އަތުލައިގަތް ބަނގުރާ.-- ފޮޓޯ: މިހާރު
މާދޫ ގެއިން އަތުލައިގަތް ބަނގުރާ.-- ފޮޓޯ: މިހާރު

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކާލައިފަ އެވެ. އެތަނުގައި ހުރީ ބަނގުރަލުގެ އެކި ވައްތަރުގެ ކޭސްތައް އަތުރާލައިފަ އެވެ. 

ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގަ އެވެ. އެތަނުގައި ޕްރިންޓަރާއި އިދާރީ ކަންކަމަށް ބޭނުންކުރާ އެހެން ސާމާނުތައް ވެސް ހުއްޓެވެ. 

ހ. މާދޫގޭގައި ވަނީ ބަނގުރަލުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި.--
ހ. މާދޫގޭގައި ވަނީ ބަނގުރަލުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި.--

މި މައްސަލާގައި އެ ގެއިން ދެ ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ބަނގުރަލާއި މަސްތުވާތަކެތި ފޯރުކޮށްދޭ ފަރާތްތަކާއި އޭގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ފުލުހުންނަށް އާންމުންގެ އެހީތެރިކަން ބޭނުންވެ އެވެ. އެހެންވެ، އެކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތެވެ.