ޕީއެންސީން މިދިޔަ ހަފުތާގައި ބޭއްވި އެތެރޭގެ އިންތިހާބުގެ ވޯޓުގުނުން ކުރިއަށް ގެންދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއާއެކު، މިދިޔަ ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.
އެ މައްސަލައިގައި ކުރިން ވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ވަނީ އާއްމުވެފަ އެވެ.
އެ ވީޑިއޯއިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި އެތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.
އެ ވީޑިއޯ އާއްމުވުމާ އެކު ފުލުހުން ވަނީ ހުޅުމާލެ 2 ގެ ސްކޫލަށް ބަޔަކު ވަދެ އެ ސްކޫލަށާއި އެ ތަނުގެ މުދަލަށް ގެއްލުންދީ، މީހުންނާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.