އެންވަޔަރްމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލަށް އައްޔަން ކުރެއްވި އަލީ ޝަރީފް ކުރިން ކުރައްވާފައިވާ ސޯޝަލް މީޑިއާ ޕޯސްޓުތަކަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގު އިބްރާހިމް ހިމެނިވަޑައިގަންނަވާ ގޮތަށް ކެބިނެޓްގެ ވަޒީރުންތަކެއް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން އަލުން އެކުލަވާލި ކެބިނެޓްގައި ޓޫރިޒަމާއި އެންވަޔަރްމަންޓް ވަކިކޮށް، އެންވަޔަރްމަންޓް މިނިސްޓަރުގެ މަގާމަށް އަލީ ޝަރީފް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
މަގާމަށް އަލީ ޝަރީފް އައްޔަން ކުރެއްްވުމާ އެކު ވަނީ އޭނާ މީގެ ކުރިން ސޯޝަލް މީޑިއާގައި ކޮށްފައިވާ އަހުލާގީ ގޮތުން ދަށް އަދި"ހުތުރު" ޕޯސްޓުތަކެއް ދަނީ ދައުރުވަމުންނެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއްފަރާތް ކަމަށްވާ އިބްރާހިމް އިސްމާއިލް (އިބްރާ) ގެ ނުކުޅެދުންތެރިކަމަށް ހަޖޫޖަހާފައިވާ ޕޯސްޓެއް ހިމެނެ އެވެ.
އޭނާ ވަނީ ކުރީގެ މެމްބަރު އީވާ އަބްދުﷲގެ ޕޯސްޓަކަށް ދެއްވި ރައްދެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މީގެ ހަ އަހަރު ކުރިން، 2020 ގައި ކޮށްފައިވާ އެ ޕޯސްޓުގައި މޯދީއަކީ ޓެރަރިސްޓެއްގެ ގޮތުގައި ސިފަ ކުރައްވާފައިވެ އެވެ. އަދި 3ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާގައި ރާއްޖެ ސަލާމަތް ކުރުމަށް އިންޑިއާ ސިފައިންނަށް ކުރެވުނު ކަމެއް ނެތް ކަމަށް ދޭހަވާ މޭރުމުން ޕޯސްޓް ކުރައްވާފައިވެ އެވެ.
އިދިކޮޅު އެމްޑީޕީ އާއި ޕީޕީއެމްއަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވައި، ޕާޓީ ސިސްޓަމް އުވާލުމަށް ގޮވާލެއްވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައިވެ އެވެ.
ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ އެ ޕޯސްޓްތައް މި ދެތިން ދުވަހު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެން އަލީ ޝަރީފް ވަނީ ޕޯސްޓްތައް ޑިލީޓް ކުރައްވައިފަ އެވެ. އެކަމަކު އެކަމާ ގުޅިގެން މިހާތަނަށް އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެ ޕޯސްޓުތަކަށް ފާޑުކިޔަމުން ބައެއް މީހުން ބުނީ މީހެއްގެ އަމިއްލަ ކޮންޓްރޯލްގައި ނެތް ކަމެއްގައި މީހުންނަށް ހަޖޫ ޖެހުމާއި މަލާމާތް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.
އެފަދަ ބޭފުޅަކު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަކީ ހެއްދެވި ގޯހެއް ކަމަށާއި އެއީ ބޮޑެތި މަގާމުތައް ހަވާލު ކުރާއިރު ބެކްގްރައުންޑް ޗެކް ނުކުރުމުގެ ނަތީޖާ ކަމަށް ބުނެ، ބައެއް މީހުން އެ މައްސަލާގައި ފާޑު ކިޔާފައިވެ އެވެ.