އުފަން ދުވަސް: މެއި 12، 1997
އިސްކޮޅު: 5 ފޫޓް 11 އިންޗި
ގައުމު: ނެދަލޭންޑްސް
މަގާމު: މިޑްފީލްޑަރު
ކްލަބު: ބާސެލޯނާ އިނިއެސްޓާގެ ފަހުން ބާސެލޯނާގެ މިޑްފީލްޑަށް ކުރިމތިވި ހުސްކަން ފިލުވަން އެ ޓީމުން ސޮއި ކުރުވި ކުޅުންތެރިޔަކީ، ޑި ޔޯންގެވެ. ސްޕެއިންގެ މީޑިއާ ތަކުން އޭނާ އާ މެދު ސިފަ ކުރީ، އިނިއެސްޓާގެ ރިޕްލޭސްމެންޓްގެ ގޮތުގަ އެވެ. އަޔެކްސް އަށް 75 މިލިއަން ޔޫރޯ ދިނުމަށް ފަހު ބާސާއިން އޭނާ ސޮއި ކުރުވީ ވެސް އެ ބޭނުމުގަ އެވެ. އިނިއެސްޓާގެ އައިޑިއަލް ރިޕްލޭސްމެންޓެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާގެ ފުރަތަމަ ސީޒަންގައި އަޔެކްސްގައި ދެއްކި ޖާދޫއެއް ބާސެލޯނާގައި ނުދެއްކުނެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް 2019 ގައި އަޔެކްސް ކުރި ދަތުރުގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޑި ޔޯންގް އެވެ.
ބާސާގައި އޭނާގެ ކުޅުން ދައްކާލެވޭ ގޮތްވީ ނިމިދިޔަ ސީޒަންގަ އެވެ. ބާސާގެ ކޯޗްކަމާ، ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ރޮނަލްޑް ކޫމަން ހަވާލުވުމުން، ޑި ޔޯންގްގެ ނަސީބު އަތުގައި ހިފި އެވެ. ޑި ޔޯންގްގެ އެންމެ މަތީ ލެވެލް ކުޅުން ނެރެދިނުމުގައި ކޫމަން އެހީވި އެވެ. މިފަހަރުގެ ޔޫރޯއާ ކުރިމަތިލާއިރު ހޮލެންޑްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ އޭނާ އެވެ.
ޑި ޔޯންގްގެ ކުޅުމުގެ ސްޓައިލް ސިފަކޮށް ދެމުން އޭނާ ބުނެފައި ވަނީ، އޭނާ އަކީ ގިނަ އިރު ބޯޅަ ގެންގުޅެން ޝައުގުވެރިވާ ޕޮޒެޝަން ގޭމްއަށް ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ. ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅެނު މެޗަކީ ސެޕްޓެމްބަރު 2018 ގައި ޕެރޫ އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ ވަނީ ލަނޑު ޖަހަން އެހީވެފަ އެވެ. އެ މެޗުގައި އެއްވެސް ޕާހެއް މިސްކޮށް ނުލައި، 100 ޕަސަންޓް ގައި ޕާސިން އެކިއުރެސީ ހިފަހައްޓައިފަ އެވެ. އޭނާ ފޯރުކޮށްދިން 21 ޕާސް ވެސް ގެއްލުވާނުލައި ޑެލިވާ ކޮށްދިނެވެ. އެއީ ހޮލެންޑްގެ ސްޓައިލް އެކެވެ.
ހޮލެންޑްގެ ފުޓްބޯޅަ އަށް 2014 އިން 2018 އަށް އައި ހުސްކަން ފިލުވައިދީ އަލުން ޔޫރަޕްގެ ފުޓްބޯޅައިގައި ޑޮމިނޭޓް ކުރާ ބާރަކަށް ހޮލެންޑް ވުމުގައި ޑި ޔޯންގްގެ ދައުރު ބޮޑެވެ. އޭނާގެ ހިއްސާ އާ އެކު 2019 ގެ ޔޫއެފާ ނޭޝަން ލީގުގެ ފައިނަލަށް ހޮލެންޑް ދަތުރު ކުރި އެވެ. އަދި ޔޫރޯ ކޮލިފައިންގައި މޮޅު ކުޅުމެއް ދެއްކި އެވެ.