މާލެ އިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިއުމަށް ބޮޑެތި ޕިކަޕުތަކުން 700ރ. ނަގަން ފަށައިފި އެވެ.

ޕިކަޕް ދުއްވާ މީހަކު "މިހާރު" އަށް ބުނީ ބޮޑެތި ޕިކަޕުތަކުން މާލެ އިން ހުޅުމާލެ އަށް އާއްމުކޮށް ދަތުރު ކުރަނީ 500ރ. އަށް ކަމަށެވެ. އަދި މިހާރު ދެވަނަ ފިޔަވަހި ހުޅުވާލުމާ އެކު އެތަނަށް ދާން އިތުރަށް 200ރ.-350ރ. އާ ދެމެދުގެ އަގުތަކެއް ޑްރައިވަރުން ނަގާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޮޑެތި ޕިކަޕުތަކުން ދެވަނަ ފިޔަވައްސަށް ދާން 700ރ. އަށްވުރެ ބޮޑު އަގެއް ނެގި ނަމަވެސް ކުދި ޕިކަޕުތަކުން މާލެ އިން ދެވަނަ ފިޔަވައްސަށް ދާން ނަގަނީ 300ރ. އެވެ.

މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޕިކަޕުގައި ދަތުރު ކުރެވޭ އަގުތަކެއް ސަރުކާރުން ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ މިހާރު ނަގާ އަގުތަކަކީ ޕިކަޕް ޑްރައިވަރުން އަމިއްލަ އަށް ކަނޑައަޅާފައިވާ އަގުތަކެވެ.

ޕިކަޕުގެ އަގުތައް ކަނޑައަޅައިފައި ނެތް ނަމަވެސް ޓެކްސީގެ އަގުތައް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، މާލެ އިން ފޭސް ދޭކަށް ދާން ޓެކްސީ ކުއްޔަކީ 90ރ. އެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދާން އެންމެ ބޮޑުކޮށް ނަގާނީ 40ރ. އެވެ.