މާލެ ތެރޭގެ ފިހާރަތަކަށާއި ގުދަންތަކަށް ގަނޑުކޮށް މުދާ އުފުލޭނީ ރޭގަނޑު ކަމަށް ހަމަޖެއްސުމުން، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިނުދީފި ނަމަ، އެކަމާ އިހުތިޖާޖް ކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލާނެ ކަމަށް ޕިކަޕް ޑްރައިވަރުން އިންޒާރު ދީފި އެވެ.

ދުވާލުގެ ވަގުތުތަކުގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކުރުމާ ގުޅިގެން ޕިކަޕް ޑްރައިވަރުން ވަނީ އިކޮނޮމިކް މިނިސްޓްރީ އަށް އިއްޔެ ޝަކުވާގެ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، އާ ބަދަލާއެކު ޕިކަޕް ޑްރައިވަރުންގެ ދިރިއުޅުމަށް އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެކަމަށް، މިނިސްޓްރީން ހައްލެއް ހޯދައިނުދީފި ނަމަ، މަސައްކަތް ހުއްޓާލާނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ޕިކަޕް ޑްރައިވަރުންގެ ސިޓީގައި ބުނީ، ދަންވަރު އެކަނި މަސައްކަތް ކުރާ ގޮތަށް މަޖުބޫރުކުރުމުން، ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. ރޭގަނޑު ގަޑީގައި ހޭލާ ހުރުމުގެ ސަބަބުން، ދުވާލު ގަޑީގައި ފުއްދަން ޖެހޭ ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ ކަމަށް ވެސް ސިޓީގައިވެ އެވެ.

އެ ބަދަލު ގެނައުމާ ގުޅިގެން، އާއިލާތަކަށް އެކަށީގެންވާ ވަގުތު ނުދެވި ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ވެސް ސިޓީގައިވެ އެވެ.

"އިންސާނާގެ ތަބައީ އުސޫލުން ބޭރުވެ، ދުޅަހެޔޮ ސިއްހަތު ގެއްލި ހިނގައިދާނެ ފަދަ ގޮތަކަށް ދިރިއުޅެން މަޖުބޫރުވެގެން ދިއުމަކީ ވަރަށް ހިތާމަހުރި އަދި އެހާމެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ވެސް އަޅުގަނޑުމެން ދެކެމެވެ،" ސިޓީގައިވެ އެވެ.

އާ ބަދަލާއެކު، އެކަށީގެން ނުވާ ދިގު ވަގުތުތަކަކަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

"ޑްރައިވަރުންނަކީ ޒިންމާދާރު އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މަސައްކަތެއް ކުރާ ބަޔަކަށްވީ ހިނދު، އެކަށީގެންވާ އަރާމު ނުލިބި ގިނަ ވަގުތުތަކުގައި މަސައްކަތް ކުރަން މަޖުބޫރުވެފައި އޮންނަ އޮތުން އެއީ އިންސާނީ ކަރާމަތާއި އަދި އިންސާނީ ހައްގުތައް މިންކުރާ މިންގަނޑުތަކާ ޚިލާފު ކަންކަން ކަމުގައި އަޅުގަނޑުމެން ދެކެމެވެ،" ސިޓީގައިވެ އެވެ.

"ކާބޯތަކެތީގެ އަގު، ގެދޮރުގެ ކުލި، ކަރަންޓު ބިލް، ފެން ބިލް އަދި އެކިއެކި ފީތަކާއި ހިދުމަތްތަކުގެ އަގުގެ އިތުރުން ތެލާއި ޑޮލަރުގެ އަގު އެތައް ތަނަކުން އުފުލިގެން ގޮސްފައިވާއިރު އަޅުގަނޑުމެން ޑްރައިވަރުންނަށް މި ހަރަދުބަރަދާއި އަރައި އެއް ހަމަކޮށް ތަކަތު ކުރެވޭނެ މިންގަނޑަކުން އާމްދަނީ ހޯދޭނެ ފަދަ އަގުމަގުވެފައި ނެތުން އެއީ ހިތާމަހުރި ކަމެކެވެ."

މި ކަންބޮޑުވުންތަކާ އެކު ޑްރައިވަރުން އެދިފައި ވަނީ ވީހާ ވެސް އަވަހަށް އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެހެން ނޫނީ، މަސަައްކަތް ހުއްޓާލަން މަޖުބޫރު ކަމަށް ވެސް އެ ސިޓީގައިވެ އެވެ.