ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މޫސާ އަންވަރު ހަސަން، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޕީއެޗްޑީ ހާސިލްކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ވާއިޟްގެ މަގާމުގައި ހުންނެވި އަންވަރު، 53، އަކީ އައިޔޫއެމް އިން ޕީއެޗްޑީ ހާސިލްކުރެއްވި ދެ ވަނަ ބޭފުޅާ އެވެ. މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ޕީއެޗްޑީގެ އެންމެފަހު އިމްތިހާނުން ފާސްވެފަ އެވެ.

އަންވަރު ޕީއެޗްޑީ ހެއްދެވީ އިސްލާމިކް ސައިންސް އެންޑް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީންނެވެ. އޭނާ ތީސިސް ލިޔުއްވީ މަސްތުވާތަކެތި ފެތުރެން މެދުވެރިވާ ސަބަބުތަކާއި އެކަމުގެ އަސަރުތަކާއި ރާއްޖޭގެ ގާނޫނުގައި އެކަމުގެ އުގޫބާތާއި މައްސަލައިގެ ހައްލު ޝަރުއީ ސިޔާސަތުގެ އަލީގައި ތަހުލީލީ ދިރާސާ މައުލޫއަށެވެ.

މައުހަދުން ތައުލީމް ހާސިލްކުރެއްވުމަށް ފަހު އަންވަރު ފުރަތަމަ ޑިގްރީ ހެއްދެވީ އަޒްހަރު ޔުނިވާސިޓީން 2002 ވަނަ އަހަރު އެވެ. މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން 2013 ވަނަ އަހަރު މާސްޓާސް ހެއްދެވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް، އުސޫލުލް ފިގްހުގެ ދާއިރާއިންނެވެ.

އަންވަރަކީ 2017 ވަނަ އަހަރުން ފެށިގެން އިސްލާމީ ފަތުވާދޭ މަތީ މަޖިލީހުގެ މެމްބަރެކެވެ. އޭގެ އިތުރުން 2015-2019 ވަނަ އަހަރާ ހަމައަށް ޕެރޯލް ބޯޑުގެ މެމްބަރުކަން ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައަށް ތީސިސް ލިޔުއްވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެ ވަބާ ހައްލުކުރުމުގައި އެހީތެރިކަން ދިނުމަށެވެ. މަސްތުވާތަކެތީގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި ސިއްހީގޮތުން އަދި އިގުތިސާދީ ގޮތުން ވެސް އެތައް މައްސަލަތަކެއް ކުރިމަތިވެ އެވެ. އެންމެ ފުރަތަމަ ބަލަންވީ، އަންވަރު ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗަށް އެދޭ މީހުން މަދުކުރުމެވެ.

"މަސްތުވާތަކެއްޗަށް އެދޭ މީހުން މަދުކޮށްގެން އެކަމަށް އޮތް ދޮރު ބަންދުކުރެވޭނީ. މުސްލިމް އެހެން ގައުމުތަކުގެ ގާނޫނަށް ބަލާއިރު، ވަކި ވަރަކަށް ދާއިރު މަސްތުވާތަކެތި ވިއްކާ އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދޭ. އެކަމަކު ރާއްޖޭގައި ނެތް އެކަހަލަ ކަމެއް،" އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަރުވާ ދޭނެ މަރުކަޒުތައް ގާއިމްކޮށް އެކަށީގެންވާ ފަރުވާ ދޭންޖެހޭ ކަމަށެވެ. ނަމަވެސް ސެންޓަރުތައް ފުރި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބެނީ މުޖުތަމައުއަށް ދޫވެފަ އެވެ. އަންވަރުގެ ތީސިސްގައި، އެ މައްސަލަތަކަށް ހައްލު ގެނެވޭނެ ލަފާ ދެއްވާފައި ވެ އެވެ.

"ރާއްޖޭގައި މަސްވާތަކެތި ފެތުރުން އިތުރުވަމުން ދަނީ. އެކަމުގެ އަސަރުނުކުރާ އާއިލާތައް ރާއްޖޭގައި ވަރަށް މަދު. އެ މައްސަލަ އެ ހިސާބަށް ދިއުމުގައި ކޮންމެ ވެސް މައްސަލަތަކެއް އެބަ އުޅޭ،" އަންވަރު ވިދާޅުވި އެވެ.