މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުނުކުރާ ތަންތަނުން ދިވެހިން ސެޓްފިކެޓް ހޯދާ މައްސަލަ ވަރަށް ބޮޑުވެއްޖެ އެވެ.
އެ މައްސަލަ ބޮޑުވެ، ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެކަމަށް ސަމާލުވުމަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ އެ އޮތޯރިޓީން ގަބޫލުނުކުރާ ސެޓްފިކެޓްތައް، އޮޅުވާލައިގެން އިޝްތިހާރުުކުރަމުން އަންނަ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
މިނިސްޓްރީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ބަޔާން ނެރުނީ އެ އޮތޯރިޓީން ގަބޫލުނުކުރާ ސެޓްފިކެޓްތައް ހޯދާ މައްސަލަތަކުގެ ޝަކުވާ ވެސް ލިބިފައި ވާތީ ކަމަށެވެ.
"އޭގެ ތެރޭގައި ޕީއެޗްޑީ އާއި އެހެން ލެވަލްތަކުގެ ސެޓްފިކެޓްތައް ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުގެ ސެޓްފިކެޓްތައް ގަބޫލުކުރުމަކީ، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމުން، އެކި މީހުން ހާސިލުކުރާ ސެޓްފިކެޓްތަކަކީ އެތަނުން ގަބޫލުކުރާ އެއްޗަކަށް ވާންޖެހެ އެވެ.
ރާއްޖެއިން ބޭރުން ހާސިލުކުރާ މަތީ ތައުލީމުގެ ސެޓްފިކެޓްތަކަކީ، އެމްކިއުއޭއަށް ހުށަހަޅައިގެން އެތަނުން ގަބޫލުކޮށް، އެކަމަށް ހާއްސަ ތައްގަނޑު ޖަހައި، ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭ ކަމަށް ވެސް ބުންޏެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާދިނުމުގައި ބަލައިގަންނަނީ ވެސް އެ އޮތޯރިޓީން ގަބޫލުކޮށްފައިވާ ސެޓްފިކެޓްތައް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"...މި އޮތޯރިޓީން ގަބޫލުކުރާ ސަނަދެއްކަން ކަށަވަރުނުކޮށް ބައެއް ސަނަދުތަކުގެ މައުލޫމާތު އެކި ގޮތްގޮތަށް ހާމަކުރަމުންދާކަން ފާހަގަކުރެވިފައި ވާއިރު، މިފަދަ ސަނަދުތަކުގެ ތެރޭގައި މި އޮތޯރިޓީން ގަބޫލުނުކުރާ ކަމަށް އާއްމުކޮށް އިއުލާންކޮށްފައިވާ ސަނަދުތަކާއި ސަނަދުތައް ގަބޫލުކުރުމުގެ އުސޫލުތަކުގެ ދަށުން އެކި ސަބަބުތަކާ ހެދި މި އޮތޮރިޓީއަށް ގަބޫލުނުކުރެވޭ ފަދަ ސަނަދުތައް ވެސް ހިމެނޭކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
މިނިސްޓްރީން އެ ބަޔާން ނެރުނުއިރު، ސަރުކާރުގެ ބައެއް އިސްވެރިންނާއި އާންމުން ވެސް ހިމެނޭ ގޮތަށް މިފަހުން ގިނަ ބަޔަކު ޕީއެޗްޑީ ސެޓްފިކެޓްތަކެއް ހޯދި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.