ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ވެހިކަލަށް އަމިއްލައަށް ތެޔޮ އަޅާ ސްޓޭޝަނަކާއި އޮޓޯމެޓިކުން ކާރު ދޮވެވޭ ތަނެއް ހަދަން ވިލާ ހަކަތަ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އަދި ވިލާ ހަކަތައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސިޔާން ވަނީ އެ މަސައްކަތް ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ. މިއީ، ރާއްޖޭގައި ހަދާ މި ފަދަ ފުރަތަމަ ފިއުލް ސްޓޭޝަނާއި އޮޓޮމެޓިކުން ކާރު ދޮވެވޭ ފެސިލިޓީ އެވެ.

ވިލާ ހަކަތައާ މި މަސައްކަތް ހަވާލުކުރީ އަމިއްލައަށް އެ ތަންތަން ހަދައިގެން ހިންގާ ގޮތަށެވެ. އެޗްޑީސީ އަށް ދައްކަންޖެހޭނީ ބިމުގެ ކުލި އެކަންޏެވެ. އެގޮތުން ފިއުލް ސްޓޭޝަނާއި އޮޓޮމޭޓިކް ކާރު ދޮވެވޭ ފެސިލިޓީ ހަދަން 7،386 އަކަފޫޓުގެ ބިން ކަނޑައަޅާފައިވާއިރު ފިއުލް ސްޓޭޝަނާއި މައިނާ ރިޕެއާ ގަރާޖަށް ހަމަޖައްސާފައިވަނީ 10،179 އަކަފޫޓު ބިމެވެ.

އެ މަސައްކަތް ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕްރައިވެޓް ސްކޫލެއް ހިންގަން ވެސް ވިލާގެ ކުންފުންޏަކަށް މިދިޔަ ހަފުތާގައި ދީފައިވެ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ހަ ބުރީގެ އިމާރާތެއް ހަދައި ސްކޫލު ހިންގަން 35،885 އަކަފޫޓުގެ ބިމެއް ދޭނެ އެވެ.